މި ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި 3.3 މިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހެ އެވެ. ލޯނު އަނބުރާ ދައްކަންޖެހޭ ޖުމްލަ އަދަދަކީ 78 މިލިއަން ޑޮލަރެވެ. އެ ލޯނު ދައްކައި ނިމޭނީ 2030 ވަނަ އަހަރު އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން 2015 ވަނަ އަހަރު ނެގި ލޯނެއްގެ ބައެއް އަދާކުރަން ދަތިވެ އިތުރު ލޯނެއް ނަގައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިންގުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ 378 މިލިއަން ޑޮލަރު ނުވަތަ 5.8 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 75 މިލިއަން ރުފިޔާ ދެއްކުމަށް ސަރުކާރުން ލޯނެއް ނެގިކަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަންގާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރީފައިނޭންސް ކުރުމަށްވެވުނު އެއްބަސްވުމުގެ ދަށުން 2022 ވަނަ އަހަރުން ފެށިގެން ދައްކަމުން އައި ލޯނަށް ކުރިއަށް ތިން އަހަރު ފައިސާ ދައްކަންނުޖެހޭނެ އެވެ.
ނަމަވެސް 2027 ވަނަ އަހަރު އަލުން ލޯނު ދައްކަން ފެށުމުން ކުރިން ނަގާފައިވާ ލޯނުގެ ޕްރިންސިޕަލް ޕޭމެންޓުތައް ދައްކަންޖެހޭނެ ކަމަށް ފިނޭންސްގެ ލިޔުމުގައިވެ އެވެ.
މި ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި 3.3 މިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހެ އެވެ. ލޯނު އަނބުރާ ދައްކަންޖެހޭ ޖުމްލަ އަދަދަކީ 78 މިލިއަން ޑޮލަރެވެ. އެ ލޯނު ދައްކައި ނިމޭނީ 2030 ވަނަ އަހަރު އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ލޯނު ރީފައިނޭންސް ކުރީ ބޭރު ފައިސާގެ ދަތިކަން ބޮޑުވެ މާލީ ހާލަތު ހީނަރުވެފައިވާތީ ކަމަށާއި، ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުން ތިން އަހަރަށް ފަސްވުމުން މާލީ ހާލަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރަން ފަސޭހަވާނެ ކަމަށެވެ.
ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާގައި ހުރިއިރު ކުރިއަށް އޮތްތަނުގައި އެ އަދަދު 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގައި ބެލެވެ އެވެ.