ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތައް ކަމުގައި މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.
މި އަހަރުވެސް ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ކުޑަވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އެ ބަޖެޓަކީ ގާތްގަނޑަކަށް ފަސް ބިލިއަނެެއްހައި ރުފިޔާގެ ބަޖެޓެއް ކަމުގައިވެސް އޭނަ ވިދާޅުވި އެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ބަޖެޓުގެ ތެރެއިން ޖާގަަ ހޯދައިގެން ކުރިން އަންދާޒާނުކުރާ ހަރަދުތަކެއް ކުރަންޖެހުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
އެގޮތުން ކުދިކުދި އަދަދުތައް ބަޖެޓުގައި ހިމަނައިގެން އެޑްވާންސް ފައިސާ ދޫކޮށް މިހާރުވެސް މަސައްކަތް ހިނގަމުންދާ މަަޝްރޫއުތަކަށް ބަޖެޓުން ޖާގަ ހޯދައިގެން މި ސަރުކާރުން ފައިސާ ދައްކަންޖެހޭ ކަމަށާއި، ނިމުނު އަހަރާއި އޭގެ ކުރީ އަހަރުތަކުގެ ބިލުތަކުގެ ތެރެއިން ފާއިތުވި އަހަރުތަކުގެ ކޭޝް ފްލޯއިން ފައިސާ ނުދައްކައި ހުރި ބިލުތަކަށް މި އަހަރު ފައިސާ ދައްކަންޖެހުނު ކަމުގައި ޒަމީރު ވިދާޅުވި އެވެ.
ފަސް ބިލިއަނެއްހައި ރުފިޔާގެ ބަޖެޓެއް ހުށަހަޅަންޖެހިދާނެކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ މާލިއްޔަތު ކޮމިޓިން ކުރިން އަންދާޒާކުރި ގޮތުގައި މި އަހަރު ހަރަދުތައް ބޮޑުވެ އިތުރު 10 ބިލިއަން ރުފިޔާއަށް ބަޖެޓު އަރާނެ އެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އެ އަދަދަށްވުރެ ސަޕްލިމަންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާ އަދަދު ކުޑަކުރެވިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.