ޝަމްހީދު ވަނީ މުހިންމު މަޝްރޫއުތައް ހުއްޓައި ތިމަފުށީގެ މަޝްރޫއަކަށް ގެރެންޓީ ދިނުމަކީ ސުވާލު އުފެދޭކަމެއް ކަމަށެވެ.
އެޗްޑީސީ އިން ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދިނުމުން އެމްޑީޕީ މެންބަރު ޑރ. ޝަމްހީދު ސުވާލު އުފައްދަވައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ގިނަ ބިންތައް ކޮންޓްރޯލް ކުރާ އެއް ވިޔަފާރިވެރިޔާ އެސްޖޭ ކޮންސްޓްރަކްޝަންގެ ހިއްސާދާރު ޑރ. ޝަމްހީދު ވިދާޅުވީ އެޗްޑީސީއަށް ސަރުކާރުން ގެރެންޓީ ދިން ސަބަބު ނޭނގޭ ކަމަށާ، މި ބިމަކީ ރައްޔިތުންނާ ގުޅުންހުރި ބިމެއް ނޫން ކަމަަށެވެ. މި ބިމަކީ އެޗްޑީސީ އިން ބޮޑު އަގުގައި ވިއްކާފައިވާ ބިމެއް ކަމަށެވެ.
"ވަރަށް މުހިންމު ރައްޔިތުންނާ ގުޅުންހުރި ކަންކަން ހުއްޓައި މިކަމަށް ގެރެންޓީ ދިން ސަބަބެއް ނޭނގެ. މިތަނުން އެމްޕީއެލްއަށްވެސް ވިލާއަށްވެސް ބިން ވިއްކި. ބިން ވިއްކާފަ ހުއްޓާ ދައުލަތުން ގެރެންޓީ މި ދިނީ ޝޯވް ޕްރޮޓެކްޝަނަށް. މި 200 މިލިއަން ރުފިޔާ ލިބުނު ފަރާތްވެސް އެނގެން ޖެހޭ،" ޑރ. ޝަމްހީދު ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ހިއްކާ ބިމަކަށް ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. ލޯނުގެ މައުލޫމާތު މާލިއްޔަތު ކޮމެޓީގައި ހާމަކޮށްފައިވާއިރު، މި މައުލޫމާތުތައް ދައްކާ ގޮތުން އެ ލޯނު އެޗްޑީސީއިން ނެގީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ކުރާށެވެ.