އެޗްޑީސީ އިން މި ލޯނު ނަގަނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ކުރުމަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ހިއްކާ ބިމަކަށް ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.
ލޯނުގެ މައުލޫމާތު މާލިއްޔަތު ކޮމެޓީގައި ހާމަކޮށްފައިވާއިރު، މި މައުލޫމާތުތައް ދައްކާ ގޮތުން އެ ލޯނު އެޗްޑީސީއިން ނެގީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ކުރާށެވެ.
ރާއްޖޭގެ އެންމެ ބޮޑު އެސެޓް އޮތް ކުންފުނި ކަމަށްވާ އެޗްޑީސީއަށް ގެރެންޓީ ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާގެ ލޯނު ވަނީ ނަގާފަ އެވެ. އަދި މިދިޔަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ބޭނުމަކަށް ބެންކް އޮފް ސިލޯނުން 230 މިލިއަން ރުފިޔާގެ ދެ ލޯނެއް ނެގި އެވެ. މި ދެ ލޯނު ނަގާފައިވަނީ ސަބްމެރިން ކޭބަލްގެ މަޝްރޫއެއް ހިންގާށެވެ.
މި އަހަަރުގެ މިހާތަނަށް ސަރުކާރުން ސީދާ ފަސް ލޯނު ނަގައި ދެ ލޯނަކަށް ދައުލަތުގެ ގަރަންޓީ ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލޯނުތަކުގެ މައުލޫމާތަށް ބަލާއިރު މި އަހަރު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ނަގާފައިވާ ދެ ލޯނެއް ހިމެނެ އެވެ. އެއީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ނަގާފައިވާ 49.9 މިލިއަން ޑޮލރު ( 769 މިލިއަން ރުފިޔާ)ގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީން ނަގާފައިވާ 99.9 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެވެ.