މި ދެ ލޯނުގެ އިތުރަށް ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުވައިތު ފަންޑުން 9.8 މިލިއަން ޑޮލަރު ނުވަތަ 147 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެ އެވެ.
މި އަހަަރުގެ މިހާތަނަށް ސަރުކާރުން ސީދާ ފަސް ލޯނު ނަގައި ދެ ލޯނަކަށް ދައުލަތުގެ ގަރަންޓީ ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލޯނުތަކުގެ މައުލޫމާތަށް ބަލާއިރު މި އަހަރު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ނަގާފައިވާ ދެ ލޯނެއް ހިމެނެ އެވެ. އެއީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ނަގާފައިވާ 49.9 މިލިއަން ޑޮލރު ( 769 މިލިއަން ރުފިޔާ)ގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީން ނަގާފައިވާ 99.9 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެވެ.
މި ދެ ލޯނުގެ އިތުރަށް ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުވައިތު ފަންޑުން 9.8 މިލިއަން ޑޮލަރު ނުވަތަ 147 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެ އެވެ. އަދި އޭގެ އިތުރަށް އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކު (އައިޑީބީ)އިން ދެ ލޯނެއް ނަގާފައިވެ އެވެ.
އައިޑީބީން ނަގާފައިވާ ދެ ލޯނުގެ ތެރެއިން ފުރަތަމަ ލޯނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާ އެކި ކަހަލަ އަސަރުތައް ކުޑަކުރުމަށް ގާއިމުކުރާ ފަންޑު އުފެއްދުމަށް ނަގާފައިވާ 10.2 މިލިއަން ޑޮލަރު (157.2 މިލިއަން ރުފިޔާ)ގެ ލޯނެވެ. ދެވަނަ ލޯނަކީ ހަމަ އެ ފަންޑަށް ދީފައިވާ އިތުރު 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.
ސަރުކާރުން ސީދާ ނެގި ލޯނުގެ އިތުރަށް ދެ ލޯނަކަށް ދައުލަތުގެ ގެރެންޓީ ސަރުކާރުން ދޫކުރި އެވެ. އެ ދެ ގެރެންޓީވެސް ދީފައިވަނީ ބޭންކް އޮފް ސިލޯނުން ލޯނުތަކެއް ނެގުމަށް ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނަށެވެ. އެ ކުންފުނިން ނަގާފައިވަނީ ދިވެހި ރުފިޔާއިން ނެގި 115.6 މިލިއަން ރުފިޔާގެ ލޯނަކާއި ޑޮލަރުން ނެގި 7.5 މިލިއަން ޑޮލަރު ނުވަތަ 115 މިލިއަން ރުފިޔާގެ ލޯނެވެ. ޖުމްލަ 230 މިލިއަން ރުފިޔާ ލޯނު ނެގުމަށް އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވެ އެވެ.
އެހެންކަމުން މި އަހަރުގެ މިހާތަނަށް ސީދާ ސަރުކާރުން ނަަގާފައިވާ ލޯނާއި ސަރުކާރުން ދައުލަތުގެ ގަރަންޓީ ދީގެން ނަގާފައިވާ ލޯނާއެކު ޖުމްލަ 3.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ.