ތަރަައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭނެކަން ޔަގީން: ހަލީލު

ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފޮރިން މިނިސްޓާ ޑރ.އަބްދުﷲ ހަލީލު ވިދާޅުވި އެވެ.

ފޮރިން މިނިސްޓާ ޑރ.އަބްދުﷲ ހަލީލު، ފޮޓޯ: ރައީސް އޮފީސް

ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގުރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ. 

ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި ހުޅުވައި އެ ޖަމްއިއްޔާއިން ރާއްޖޭގައި މަސައްކަަތްކުރަން ފެށިތާ 45 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ޔޫއެންޑީޕީއަކީ ރާއްޖެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ތަރައްގީވަމުން އަންނަ ގައުމަކަށް ވުމަށް ކުރި ދަތުރުގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. 

އެގޮތުން 1978 ވަނަ އަހަރު ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ޑރ.ހަލީލު އަލިއަޅުވައިލެއްވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ އެއިރު ރާއްޖެއަކީ ފަގީރުކަން ބޮޑު، ސިއްހީ ހިދުމަތްތައް މަދު އަދި ފެންވަރު ދަށް، ތައުލީމީ ދާއިރާގައި އެތައް އުނިކަމެއް ހުރި ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި އެއިރު ސިނާއަތަކަށްވާ ސިނާއަތެއް އުފެއްދިފައި ނެތް ކަމަށެވެ. މުއައްސަސާތަކާއި އުމްރާނީ ވަސީލަތްތައް ވަރަށް ބަލިކަށި ކަމަށެވެ. 

ނަމަވެސް ޔޫއެންޑީޕީ ހިމެނޭހެން އދގެ އިދާރާތަކާއި، ބައިނަލްއަގުވާމީ އެހެނިހެން ބައިވެރިންގެ އެހީތެރިކަމާއެކު ގައުމުގައި ހުރި އޮނިގަނޑުގެ ގޮންޖެހުންތައް ދިވެހިރާއްޖޭގެ ބާރުގެ ނުކުތާތަކަށް ބަދަލުކޮށްލެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ފަރާތްތަކުން ފޯރުކޮށްދިން މާލީ އަދި ފަންނީ އެހީތެރިކަމާއެކު ސަރުކާރުގެ ހިންގުން ހަރުދަނާކުރެވި އިގުތިސާދީ ފުރުސަތުތަކާއި މީހުންގެ ކިބާގައި ހުރި ހުނަރުވެރިކަން ފުރިހަމައަށް ބޭނުންކުރުމުގެ ގާބިލުކަން ސަރުކާރުގައި އުފެއްދުނު ކަމަށެވެ. 

ސުނާމީއަށްފަހު އަލުން ގައުމު އާރާސްތުކުރުމުގައާއި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބުނުކަން ފާހަގަަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލުމާއި، މިހާރު އެކުލަވައިލަމުންދާ ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓާަ ޕްލޭން އެކުލަވައިލުމުގައިވެސް އެ ޖަމްއިއްޔާގެ އެހީތެރިކަން ލިބެމުން އަންނަ ކަމަަށެވެ. 

އަދި ދާދިފަހުން އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި 2040 ވަނަ އަހަރުގެ ކުރިން ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދުތައް ސިންދަފާތުކުރުމަށް އެކުލަވައިލާފައިވާ އެޖެންޑާ ތަންފީޒުކުރަން ޔޫއެންޑީޕީން އެހީތެރިވާނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.