މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމުކުރާ 15 އިމާރާތުގައި ޖުމްލަ 3،900 ޕާކިން ޔުނިޓު ހުންނާނެ އެވެ.

ހުޅުމާލޭގައި 15 ޕާކިން އިމާރާތް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމުކުރާ 15 އިމާރާތުގައި ޖުމްލަ 3،900 ޕާކިން ޔުނިޓު ހުންނާނެ އެވެ.
އެ އިމާރާތްތަކުގައި ހުންނަ ޕާކިން ޔުނިޓުތައް ގަންނަ ފަރާތްތަކަށް އެ ޔުނިޓުތަކަށް އެމީހުންގެ ކާރު ރަޖިސްޓްރީކުރެވޭނެ އެވެ. އަދި އެ ޕާކިން ޔުނިޓުތަކުގެ 10 އިންސައްތަ ޔުނިޓު ހާއްސަކުރާނީ ވަގުތީ ޕާކިން ސްޕޮޓުގެ ގޮތުގަ އެވެ.
އިމާރާތުގެ ހުރިހާ ކަމެއް ކުރާނީ އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން ގާއިމުކުރާ އޮޓޮމެޓިކް އޮޕަރޭޓިން ސިސްޓަމްތަކަކުންނެވެ. އަދި އެތަނުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަންތައްވެސް ގާއިމުކުރާނެ އެވެ. އަދި މުޅި އިމާރާތް ބަލަހައްޓައި މޮނީޓާ ކުރެވޭނެ މަރުކަޒީ ނިޒާމެއް ހުންނާނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އިމާރާތްތައް ބިނާކުރުމުގެ ފުރަތަމަ މަރުހަލާ މި އަހަރުގެ ފަހުކޮޅު ފެށޭނެ އެވެ. އަދި އެ މަސައްކަތް އެއް އަހަރު ދުވަސްތެރޭގައި ނިންމައިލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ އިމާރާތްތަކުގެ ޓެރެސް ހާއްސަކުރާނީ ވިޔަފާރި ބޭނުންތަކަށް ކެފޭއާއި ސްޕޯޓްސް އެރީނާތަކާއި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ހާއްސަ ޖާގަތައް ދޫކުރުމަށެވެ.
ޕާކިން އިމާރާތް އެޅުމުެގ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގައި ތޮއްޖެހުން ކުޑަކޮށް، މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކަމުގައި އެ ކުންފުނިން ބުނެ އެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.