ބޮޑު ހެޔޮ ބަދަލެއް؛ ޓޫރިޒަމް ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުކޮށްފި

ޓޫރިޒަމްގެ ބޮޑެތި ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު އަދި ކުދި ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރު އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް "ބޭރު ފައިސާއާ ބެހޭ ގަވާއިދު" މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާ އާންމުކޮށްފި އެވެ. 

އެމްއެމްއޭއިން މިއަދު ގެޒެޓުކުރި ގަވާއިދާކީ 1987 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދުގެ ބަދަލުގައި އަލަށް އެކުލަވައިލި ގަވާއިދެކެވެ. މިއަދުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލަކުރި މަނިޓަރީ ގަވާއިދު އުވުނީ އެވެ. 

މި ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާއިން ކަމަށެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

  •  ގަވާއިދެއް/ ގާނޫނެއްގެ ދަށުން ބޭރު ފައިސާއިން ސަރުކާރަށް/ދައުލަތަށް ދައްކަންޖެހޭ ފައިސާ
  •  ބާންކުތަކާއި ފައިނޭންސް ކުންފުނިތައް/ ރެމިޓެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  •  ޓޫރިޒަމް ވިޔަފާރިތަކަށް އިންޝުއަރޭންސް ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރުންނަށް ގިއްކާ ޕޮލިސީތަކާ ގުޅިގެން ކަސްޓަމަރުންނާއި އިންޝުއަރެންސް އިންޓަމީޑިއަރީތަކާއި ކުރެވޭ މުއާމަލާތްތައް
  •  ބައިނަލްއަގުވާމީ މުއާމަލާތްތައް
  •  ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  •  އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގު
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން މުދަލާ ހިދުމަތަށް ބޭރު ފައިސާއިން އަގު ދެއްކުން
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ޑިވިޑެންޑު ދިނުމާއި ހިއްސާދާރުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ގުޅުންހުރި އެހެން ފަރާތްތަކާ ކުރާ މުއާމަލާތްތައް
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  •  ބޭރު ފައިސާއިން އާމްދަނީ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތްތައް ދިނުން
  •  ޑިއުޓީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

އެ ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އަލަށް މީރާގައި ރަޖިސްޓްރީވާ ޓޫރިޒަމް ވިޔަފާރިތަކަށްވެސް މީރާގައި ރަޖިސްޓްރީކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ. 

ރަޖިސްޓްރީކުރާ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ އެވެ. އަދި ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ޖަމާކުރިކަން ބޭންކަށް ހުށަހަޅަންޖެހޭނެ އެވެ. 

އޭގެ އިތުރަށް ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ އާމްދަނީގެ މިންވަރެއް ބޭންކުތަކަށް މާރުކުރުންވެސް ގަވާއިދުން ލާޒިމުކޮށްފައިވެ އެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތައް ދެ ކެޓަގަރީއަކަށް ގަވާއިދުގައި ބަހާލާފައިވެ އެވެ. 

  •  އޭ ކެޓަގަރީ: ޓޫރިސްޓު ރިސޯޓާއި، އިންޓަގްރޭޓެޑް ރިސޯޓާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި، ރިސޯޓު ހޮޓަލާއި، ހޮޓާތައް ފަދަ ތަންތަން
  •  ބީ ކެޓަގަރީ: ޓޫރިސްޓު ގެސްޓު ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރި/ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަން

ގަވާއިދުގައި ބުނެފައިވަނީ އޭ ކެޓަގަރީގައި ހިމެނޭ ތަންތަނުން ކޮންމެ މަހަކު އެތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލައި ބޮލަކަށް 500 ޑޮލަރު އެ މަސް ނިމޭތާ ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. 

މިގޮތަށް މާރުކުރާ ފައިސާގެ ތެރެއިން 40 އިންސައްތަ ބޭންކުތަކުގައި ބެހެއްޓުމަށްފަހު ބާކީ 60 އިންސައްތަ ޖެހިގެން އަންނަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމްއެމްއޭއަށް ވިއްކަންޖެހޭނެ ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ. 

ނަމަވެސް އެ ގަވާއިދުގެ ދަށުން ވަކި ހާލަތްތަކެއްގައި ވިޔަފާރިތަކުން މާރުކުރަންޖެހޭ އަދަދު މަދުކޮށްދިނުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިގެންވެ އެވެ. އެގޮތުން ބޭރު ފައިސާއިން ޓެކުސް ދެއްކުމާއި، މާލީ އިދާރާއަކަށް ބޭރު ފައިސާއިން ދަރަންޏެއް އަދާކުރަންޖެހިފައި އޮތުމާއި، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ މާލީ އިލްތިޒާމެއް އޮތުމާއި، އޮތީރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމެއް އޮންނަ ހާލަތުގައި މާރުކުރަންޖެހޭ ރޭޓު ބަދަލުކޮށްދިނުމުގެ އިހުތިޔާރު އެމްއެމްއޭއަށް އޮންނާނެ އެވެ. 

މި ގަވާއިދުގައިވާ ގޮތުން ބޭންކުތަކަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އަދަދު އެމްއެމްއޭއަށް ރިޕޯޓުކުރަންޖެހެ އެވެ. އަދި ޓޫރިސްޓު އެސްޓަބްލިޝަމެންޓުތަކުން ބޭންކަށް މާރުކުރާ ފައިސާގެ އަދަދު މަސް ނިމޭތާ ދިހަ ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް ހުށަހަޅަންޖެހެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 5،000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ގަވާއިދާ ހިލާފުވި ހިލާފުވުން ރަނގަޅކުރަންދެން/ އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރުމާ ހަމައަށް އެފަދަ ވިޔަފާރިއެއް ދުވާލެއްގެ މައްޗަށް 5،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިފައިވެ އެވެ. 

ބޭންކުތަކަށް އޮތް މާލީ ތާށިކަން ހައްލުވާނެ

މި ބަދަލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބޭންކިން ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ މި ގަވާއިދުގެ ސަބަބުން ބޭންކުތަކަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން ނިމުނު އަހަރުގެ ފަތުރުވެރިކަމުގެ ހިސާބުތަކަށް ބަލާއިރުވެސް މަދުވެގެން 800 މިލިއަން ޑޮލަރު ބޭންކުތަކަށް ލިބޭނެ ކަމުގައި އޭނާ ލަފާކުރެެއްވި އެވެ. 

އެމްއެމްއޭއިން ބުނެފައިވަނީ މި ބަދަލު ގެނައުމުން އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ލިބި، ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރު ދޫކުރަން ބޭނުންވާ އަދަދަށް ބޭރު ފައިސާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުތަކުން ދެމުންދާ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށް ބާރު އެޅޭނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.