އައްޑޫ އާރްއޯ ޕްލާންޓަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފެން އުފެއްދުން ހުއްޓިފައިވާތީ ފެން ހުސްވެ އައްޑޫއަށް ފެން ފޯރުކޮށްދިނުން ހުއްޓިދާނެކަމަށް ފެނަކައިން ބުނެފައިވެ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ފެން އުފެއްދުމަށް ބޭނުންކުރާ އާރްއޯ ޕްލާންޓުގެ ބޯ ހޯލް ޕަމްޕަށް މައްސަލައެއް ދިމާވެ ފެން އުފެއްދުން ހުއްޓިއްޖެ އެވެ.
އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތްދޭ ފެނަކަ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯ ހޯލް ޕަމްޕަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ފޯރުކޮށްދޭ އާރްއޯ ޕްލާންޓުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އާރްއޯ ޕްލާންޓަކީ އައްޑޫއަށް ބޭނުންވާ ވަރަށްވުރެ ކެޕޭސިޓީ ކުޑަ ޕްލާންޓެއްކަން ފެނަކައިން މީގެ ކުރިންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ބޯ ހޯލް މައްސަލަ ބޮޑުވެ އިތުރު ބޯ ހޯލެއް ކޮނުމުގެ މަސައްކަތްވެސް އެ ކުންފުނިން ކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފެނަކައިން ބުނީ މައްސަލަ ހައްލުކޮށް އާރްއޯ ޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވަންދެން ޕްލާންޓުން ފެން ނުއުފެއްދޭނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ފެން އުފެއްދުން ހުއްޓިފައިވާތީ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ފެން ހުސްވެއްޖެ ހާލަތުގައި ފެނުގެ ހިދުމަތް އެކީ މެދުކެނޑިދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި މައްސަލަ ހައްލުވުމުން މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.
އަދި އެ ކުންފުނިންވަނީ ފެނުގެ ހިދުމަތް މެދުކެނޑިއްޖެނަމަ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.