ރައީސް ޔާމީން ރާއްޖެ ދުނިޔެއާ އެކަހެރި ކުރެއްވި: ތޯރިގު

ރައީސް ޔާމީން ކުރެއްވި ކަމަކީ ދުނިޔޭގެ މަސްރަހުން އެއްފަރާތަށް ޖެހިވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައާ ރާއްޖެ އެކަހެރިކުރުން ކަމަށް ތޯރިގު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު އިއްޔެ ސައިޑް އިވެންޓްގައި ވާހަކަ ދައްކަވަނީ --

ރައީސް އަބްދުﷲ ޔާމީނު ވެރިކަމުގައި ހުންނެވިއިރު ދުނިޔެއާ ރާއްޖެ އެކަހެރި ކުރެއްވިކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގު ވިދާޅުވެއްޖެ އެވެ. 

ޔާމީނުގެ ވެރިކަމުގައިވެސް އެންވަޔަރަމެންޓު މިނިސްޓަރުކަން ކުރައްވާފައިވާ ތާރިގު މިފަދައިން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރައްވަމުންދާ ދަތުރުފުޅާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. 

ތޯރިގު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެމަނިކުފާނު އދގެ އާންމު މަޖިލީހުގެ ބައްދަލުވުމަކަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ގިނަ ދައުލަތްތައް ޝާމިލުވާ ޑިޕްލޮމަސީއަށް އެމަނިކުފާނު ޝައުގުވެރިކަމެއް ނުދެއްވާ ކަމަށެވެ. 

އެގޮތުން 2015 ވަނަ އަހަރު ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ މަޝްވަރާތަކަށް އަދި ޕެރިސް އެއްބަސްވުމުގައި ސޮއިކުރުމަށް ދުނިޔޭގެ ލީޑަރުން އެއް ތަނަކަށް އެއްވެވަޑައިގެންނެވިއިރު އެ ބައްދަލުވުމަށް ރައީސް ޔާމީނު ވަޑައިނުގަންނަވާކަން ތޯރިގު ފާހަގަކުރެއްވި އެވެ. ތަކުރާރުކޮށް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އެފަދަ މުހިއްމު ބައްދަލުވުންތަކަށް ވަޑައިނުގަންނަވާކަން ތޯރިގު ފާހަގަަކުރެއްވި އެވެ. 

ތޯރިގު އިތުރަށް ވިދާޅުވީ ލީޑަރުންގެ ދައުރަކީ އެމީހުން ތަމްސީލުކުރާ ރައްޔިތުންގެ އެންމެ މަަތީ މަސްލަހަތުތަކަށްޓަކައި އިސްކަންދޭ ކަންކަމާއި ގަބޫލުކުރާ އުސޫލުތައް ދުނިޔޭގައި ތަމްސީލުކޮށް ކުރިއަށް ނެރުން ކަމަށެވެ. ފަހަތަށް ޖެހި ދުނިޔޭގެ ސްޓޭޖުން އެއްފަރާތްވުމަކީ ލީޑަރުންގެ ދައުރު ނޫން ކަމަށެވެ. 

ނަމަވެސް ރައީސް ޔާމީން ކުރެއްވި ކަމަކީ ދުނިޔޭގެ މަސްރަހުން އެއްފަރާތަށް ޖެހިވަޑައިގަތުން ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ފެއަށް ޖެހިވަޑައިގެން ދިވެހިރާއްޖެ ދުނިޔެއާ އެކަހެރި ކުރެއްވިކަމަށް ތާރިގު ޔާމީނަށް ތުހުމަތު ކުރެއްވި އެވެ. 

ރައީސް މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނު ގެންދަވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުގެ މަސްލަހަތުތައް ކުރިއަށް ނެރުއްވުމުގެ ނަމޫނާ ދައްކަވަމުން ކަމުގައި ތޯރިގު ފާހަގަ ކުރެއްވި އެވެ. 

އދގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރެއްވި ފުރަތަމަ ދިވެހި ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ތާރީހުގެ ތެރެއަށް ވަޑައިގެންފައިވާ ކަމަށާއި، ދިވެހިރާއްޖެ އޮތީ ދުނިޔެއަށް ހުޅުވިފައިކަމާއި، އެކުވި ހައްލުތައް ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަން ރައީސް މުއިއްޒު ދައްުކުވައިދެއްވާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. 

ތޯރިގު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖެ އޮތީ އެންމެނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށެވެ. 

އދއަށް ވަޑައިނުގެންނެވި ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރައްވަން އިސްކަންދެއްވުމެވެ. އަދި އޭގެ އިތުރަށް ފަހުން އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ ސަބަބުން އދއަށް ވަޑައިގެންނެވޭނެ މާހައުލެއް އެވަގުތު ނެތްކަން ފާހަގަކުރެއްވި އެވެ. 

މީގެ ކުރިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީނުވަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން އދ.އަށް ވެރިން ވަޑައިގަތުމުން ރާއްޖެއަށް އެކަމުން ލިބޭ އިހުސާސްވަނިވި ފައިދާއެއް އޮތްތޯ ސުވާލުވެސް އުފައްދަވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.