މި މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން ގާޒީ އިހުސާން ވިދާޅުވީ ހެކިން ހާޒިރުކުރަން ދައުލަތަށް ވަކި މުއްދަތެއް ނެތް ގޮތަށް ފުުރުސަތު ނުދެވޭނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރައިލި މައްސަލައެއްގައި އިންޓަޕޯލު މެދުވެރިކޮށް މުހިއްމު ހެކިވެރިންތަކެއް ހާޒިރުކުރަން އުޅެ ހާޒިރުނުކުރެވުނުކަން ހާމަވެއްޖެ އެވެ.
މި މައްސަލައަކީ 2019 ވަނ އަހަރު އެއްލައިދޫ ރިސޯޓެއްގަައި މަސައްކަތްކުރި ލަންކާ ޝެފަކަށް ހަމަލާދީ މަރައިލި މައްސަަލައެކެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލަންކާ ރައްޔިތެއްކަމަށްވާ ޖަޔަލަތު ކޮޑިއާޝިގެ ޖަނަކަ ޕްރަސަނަރަ ޕެރޭރާގެ މައްޗަށެވެ.
މިއަދު މި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ އިބްރާހީމު އިހުސާނުވަނީ، އެ މައްސަލާގައި ދައުލަތުން ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވާ މުހިއްމު ބައެއް ހެކިވެރިން ވީތަނެއް ނޭނގިގެން އެ މީހުން ތިބި ތަނެއްގެ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކުރި ބުނި ނަމަވެސް ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ކޯޓާ ހިއްސާނުކުރާކަން ފާހަގަކުރައްވާފަ އެވެ.
ގާޒީ އެކަން ފާހަގަކުރެއްވުމުން ދައުލަތުން ބުނެފައިވަނީ އެ މައްސަލާގައި ހިމެނޭ މުހިއްމު ބައެއް ހެކިވެރިން ރާއްޖެއިން ފުރާފައިވާ ކަމަށާއި، އެމީހުންނަކީ ލަންކާ މީހުން ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ތިބި ތަނެއް ނޭނގޭ ކަމަށާއި، ނިމުނު މަހުގެ ފަހުކޮޅު އެމީހުން ހޯދުމަށް އިންޓަޕޯލުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.
އިންޓަޕޯލުގެ އެހީތެރިކަމަށް އެދިގެން އެމީހުން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެމީހުން ވީތަނެއް ހޯދިފައިނުވާކަން ދައުލަތުން ކޯޓުގައި ފާހަގަކުރި އެވެ.
މި މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން ގާޒީ އިހުސާން ވިދާޅުވީ ހެކިން ހާޒިރުކުރަން ދައުލަތަށް ވަކި މުއްދަތެއް ނެތް ގޮތަށް ފުުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އެ މައްސަލަައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން ހެކިވެރިން ތިބި ތަނެއްގެ މައުލޫމާތު ހޯދައި ކޯޓާ ހިއްސާކުރަން އޭނާ ދައުލަތަށް އެންގެވި އެވެ.
މިއަދުގެ އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނެގި އެވެ. އެއީ ހާދިސާ ހިނގި ތަނުގައި ހުރި މީހަކާއި، ފުލުުހެއްގެ އިތުރަށް މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި މީހާ އެވެ.
މިއީ ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ހެކިބަސްދޭ ހެކިވެރިން ހޯދުމަށް އިންޓަޕޯލުގެ އެހީތެރިކަމަށް އެދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ހޯދަން އެދެނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ވީނުވީ ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގައި އެހީތެރިކަން ދިނުމަށެވެ.