މިއަދު ފެށުނު ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ރާވާފައިވާކަން ހާމަކުރައްވަމުން ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ހޯރަފުށީ ފަޅުން ބޮޑު ބިމެއް ހިއްކާނެ ކަމަށެވެ.
މިއަދު ފެށި ބަންކަރިން ހިދުމަތުގެ ދެވަނަ ފިޔަވަހީގައި ހޯރަފުށީ ފަޅުން ބޮޑު ބިމެއް ހިއްކައިގެން ބަނދަރުން ބަންކަރިން ހިދުމަތް ފޯރުކޮށްދޭނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އޮފްޝޯ ނުވަތަ ބަންކަރިންގެ ބާޖުތައް ބޭނުންކޮށްގެން ހިދުމަތް ދޭން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މެރިޓައިމް ސިނާއަތް ތަރައްގީކޮށް އެ ސިނާއަތުގެ ހިދުމަތްތައް ތައާރަފުކުރުމަކީ އެމްޕީއެލްގެ މަސައްކަތެއް ކަމަށެވެ.
މިއަދު ފެށުނު ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ރާވާފައިވާކަން ހާމަކުރައްވަމުން ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ހޯރަފުށީ ފަޅުން ބޮޑު ބިމެއް ހިއްކާނެ ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު އެ ބިމުގައި ގިނަގުނަ ހިދުމަތްތަކެއް ގާއިމުކުރާނެ ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.
އެގޮތުން އެ ބިމުގައި އޮއިލް ޓާމިނަލެއް ގާއިމުކޮށް އުޅަނދުފަހަރު ބަނދަރާ ގާތްކުރުމަށްފަހު ބަންކަރިން ހިދުމަތް ލިބިގަނެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އޭގެ އިތުރަށް ޓާމިނަލަަށް ބޭނުންވާ ބޮޑެތި އޮއިލް ޓޭންކަރުތައްވެސް އެ ބިމުގައި ގާއިމުކުރާނެ ކަމުގައި ވަޖީހު ވިދާޅުވި އެވެ.
"ހޯރަފުށީގެ ފަޅު ހިއްކައިގެން އެތާނގައި ބިމެއް އުފައްދައި އެއްގަމުން ބަންކަރިން ހިދުމަތް ދެވޭނެ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ. ބިން ހިއްކައިގެން އޮއިލް ޓާމިނަލް ގާއިމުކޮށްފައި ބޮޑެތި ޓޭންކަރުތައް ބަހައްޓާނެ. ކޮންޓެއިނާ ޓާމިނަލް ގާއިމުކުރާނެ.،"
އިތުރަށް ވަޖީހު ވިދާޅުވީ ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓައިނާ ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި، އެ ޓާމިނަލްވާނީ ގައުމުގެ އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ފޯރުކޮށްދޭނެ ޓާމިނަލަކަށް ކަމުގައި ވަޖީހު ވިދާޅުވި އެވެ.
އެ ބިމުގައި ގާއިމުކުރާ ހުރިހާ ހިދުމަތްތަކީ ބައިނަލްއަގުވާމީ ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތަކެއްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެ ސަރަހައްދުގައި ފްރީ ޒޯނެއް ތަރައްގީކޮށް، އެތަނުން މުދާ އުފައްދައި ރާއްޖެއިން ބޭރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި އެތަނުން ދުނިޔޭގެ އެކި ވިޔަފާރިތަކަށް ބިން ދޫކޮށް ވިޔަފާރި ފުޅާކުރާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ވަޖީހު އިތުރަށް ވިދާޅުވީ މިއަދު ފެށުނު ބަންކަރިން ހިދުމަތަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަންފާކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ބަންކަރިންއާއެކު ފަށާ 14 ހިދުމަތުގެ ތެރެއިން ތިލަދުންމަތީގައި އެކި މަސައްކަތްކުރާ ވިޔަފާރިތަކާއި ފަރުދުންނަށް ފައިދާކުރާނެ ކަމަށެވެ.