ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓަކަށް ފައިސާ ދައްކާފައިވަނީވެސް އެފްއޭއެމްގެ ފައިސާއިންކަަން ތަހުގީގުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލު ޖަލީލު އެ އެސޯސިއޭޝަނަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ ދެ އެޕާޓުމެންޓެއް ގަތުމަށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުން ބުނެފައިވަނީ ބައްސާމުގެ އިތުރަށް އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ހެޑުގެ މަގާމުގައި ހުރި މުހައްމަދު އަދީލުގެ މައްޗަށްވެސް ދައުވާކުރަން ފޮނުވާފައިވާ ކަމަަށެވެ.
އެފްއޭއެމްގެ އެކައުންޓަކަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކަައުންޓަކަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ކުރިން ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރަށް ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓަކަށް ފައިސާ ދައްކާފައިވަނީވެސް އެފްއޭއެމްގެ ފައިސާއިންކަަން ތަހުގީގުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އެޕާޓުމެންޓުތަކަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާއިން ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބައްސާމު ބޭނުންކުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަމީން ކޮންސްޓްރަކްޝަނަށް އެ ފައިސާ ދެއްކުމަށްފަހު ފައިސާގެ އަސްލު އޮޅުވައިލުމަށް ލިޔެކިޔުންތައް ތައްޔާރުކޮށް މަނީ ލޯންޑާކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެ އެވެ.
ތަހުގީގަށް ހޯދުނު ގޮތުގައި އެޕާޓުމެންޓު ގަތުމަށް ބައްސާމް ބޭނުންކުރި ދިވެހި ރުފިޔާއަކީ އެފްއޭއެމްއަށް ލިބުނު ފައިސާގެ ތެރެއިން ޑޮލަރު މާރުކުރުމަށް އެކި ކުންފުނިތަކަށް ދޫކުރި ފައިސާއިން އެފްއޭއެމްއަށް ލިބުނު ރުފިޔާކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
އޭގެ އިތުރަށް ފުލުހުން ބުނީ ފީފާއިން ކޮވިޑު ރިލީފު ލޯނުގެ ގޮތުގައި ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ބަައްސާމު ޖަމާކުރިކަމަަށާއި، އެ ފައިސާއަކީ ކޮވިޑުގެ ތެރޭގައި ކުލަބުތަކަށް އެހީތެރިވުމަށް ފީފާއިން ދިން ލޯނެއްގެ ފައިސާކަމަށެވެ.
އޭގެ އިތުރަށް އެ އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގައި ޑޮލަރަށްވާ ފައިސާ އެފްއޭއެމްއަށް އަމީން ކޮންސްޓްރަކްޝަންއިން ދީފައިނުވާއިރު އެ ކުންފުނިން އެ ފައިސާ އެފްއޭއެމްއަށް ދެއްކިކަމަަށް ދައްކަން ލިޔެކިޔުން ތައްޔާރުކޮށްފަައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ފައިސާގެ ލޯނު ލިބުނުކަން ދެއްކުމަށް ކުންފުންޏެއް މެދުވެރިކޮށް ލޯނެއް ނަގާފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އަމީން ކޮންސްޓްރަކްޝަނާއި ބައްސާމުގެ އިތުރަށް އަގީލުއާއި އިތުރު މީހެއްގެ މައްޗަށް ހިޔާނާތާއި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.