ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، ހިންގުނު 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 12 ފަރާތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު ޖޮބް ރެޑިނަސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، 26 ޖޫން އިން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހިންގުނު 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 12 ފަރާތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.
މި ތަމްރީން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެގައި ހުންނަ ކެއަރ ސޮސައިޓީގެ އިމާރާތުގައެވެ. ހަފްތާއަކު ހަތަރު ދުވަހުގައި، ދުވާލަކު ދެ ގަޑިއިރާއި 45 މިނިޓަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި މައިގަނޑު ފަސް ދާއިރާއަކުން ތަމްރީނު ކުރި ކަމަށެވެ. އެގޮތުން އިންޑިޕެންޑެންޓް ލައިފް ސްކިލްސް، ސްޕީޗް އެންޑް ލެންގުއޭޖް ވޮކެބިއުލަރީ، އިންފޯރމަލް އެޑިއުކޭޝަން، ލައިފް ސްކިލްސް، ޖޮބް-ރެޑިނަސް ސްކިލްސް، އިން ބައިވެރިން ތަމްރީނު ފުރިހަމަ ކޮށްފައިވާ އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ސީވީ ތައްޔާރުކުރާނެ ގޮތާއި ފޯނާއި އީމެއިލްއިން މުޢާމަލާތު ކުރާނެގޮތާއި އިންޓަރވިއުތަކަށް ތައްޔާރުވާނެ ގޮތުގެ އިތުރުން މީހުންނާއި މުއާމަލާތްކޮށް ގުޅުން ބަދަހިކުރާނެ ގޮތާއި އަދި އާންމު ދަތުރު ފަތުރުގެ ނިޒާމް ބޭނުންކުރާނެ ގޮތްތައް ފަދަ ކަންކަން ކިޔަވާދީ، ތަމްރީން ދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ތަމްރީން ނިންމި ފަރާތްތަކަށް، ކެއަރ ސޮސައިޓީއިން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައި، ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ. މި ޕްރޮގްރާމުގެ ތަޖުރިބާއަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަކީ އެވުޒާރާގެ އަމާޒުކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ.
ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.