އެސްޓީއޯއިން އިތުރަށް ފާހަގަކުރީ ބަންކަރިން ހިދުމަތް ހޯދުމަށް މިހާރުވެސް އެކި ފަރާތްތަކުން ބުކިން ހަދަމުންދާ ކަމެވެ. އަދި ހިދުމަތް ފެށުމަށްފަހު، އިތުރަށް ފުޅާކޮށް އިތުބާރުހުރި ހިދުމަތަކަށް ހަދައި މާކެޓު ފުޅާކުރެވޭނެ ކަމެވެ.
އެސްޓީއޯއާއި ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ތެޔޮ ކުންފުނި ވިޓޯލް ގުޅިގެން ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތިދުވަހު ރާއްޖޭގެ އުތުރުގައި ފަށަން ނިންމާފައިވާއިރު މިހާރުވެސް އެ ހިދުމަތް ހޯދުމަށް އާގުބޯޓުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކުން ބުކިން ހަދަމުންދާކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންކަރިން ހިދުމަތް ސެޕްޓެންބަަރު 19 ވަނައަށްވާ ބުރާސްފަތިދުވަހު ފެށުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމައި، ހިދުމަތް ފެށުމަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެސްޓީއޯއިން އިތުރަށް ފާހަގަކުރީ ބަންކަރިން ހިދުމަތް ހޯދުމަށް މިހާރުވެސް އެކި ފަރާތްތަކުން ބުކިން ހަދަމުންދާ ކަމެވެ. އަދި ހިދުމަތް ފެށުމަށްފަހު، އިތުރަށް ފުޅާކޮށް އިތުބާރުހުރި ހިދުމަތަކަށް ހަދައި މާކެޓު ފުޅާކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ.
އިންޑިއާ ކަނޑުގެ މި ސަރަހައްދުގައި މީގެ ކުރިން ބަންކަރިން ހިދުމަތް ފޯރުކޮށްދެމުން އައީ އަވައްޓެރި އިންޑިޔާއާއި ލަންކާގެ ބަނދަރުތަކުން ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެމްއެސްއެސްއިން އޮޕަރޭޓުކުރާ އާގުބޯޓެއްކަމަށްވާ "ވައިސީ ބެރިއާ"އަށެވެ. އެއީ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ލޯ ސަލްފާ ފިއުލް އޮއިލް މީގެ ކުރިން ރާއްޖެއިން ނުލިބޭތީ އެ އުޅަނދުން ބަންކަރިން ހިދުމަތް ކުރިން ހޯދަމުން އައީ ލަންކާއިންނެވެ.
19 ވަނަ ދުވަހު ބަންކަރިން ހިދުމަތް ފަށާއިރު އެސްޓީއޯއިން ބުނެފައިވަނީ ބަންކަރިން ހިދުމަތުގެ އިތުރަށް އާގުބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ބައެއް އެހީތެރިކަމުގެ ހިދުމަތްތައް ބަންކަރިން ފަށާ ސަރަހައްދުން ފޯރުކޮށްދޭނެ ކަމަށެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި ބަންކަރިން ހިދުމަތް ފެށުމުން އަހަރެއްގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ. މާހިރުން ވިދާޅުވާ ގޮތުގައި ބަންކަރިން ހިދުމަތާއެކު އިތުރު ހިދުމަތްތައް ފެށިއްޖެނަމަ އެ އަދަދު 400 މިލިއަން ޑޮލަރަށްވުރެ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
1990 ގެ އަހަރުތަކުން ފެށިގެން ބަންކަރިން ހިދުމަތް ފެށުމުގެ ވާހަކަތައް ތަކުރާރުކޮށް އެކި ސަރުކާރުތަކުން ދެއްކި ނަމަވެސް އަމަލީ ގޮތުން އެ ހިދުމަތް ފެށިފައިނުވެ އެވެ.