ރާއްޖެ ބަންކަރިން ވިޔަފާރިއަށް | ތަޖުރިބާކާރުން ޔަގީންކަމާއި އުންމީދުގައި

ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުން ބަންކަރިން ފަށަން އުޅޭ މޮޑެލް ކާމިޔާބުވާނެ އެވެ. އަދި މިކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ގިނަ ފުރުސަތުތަކެއް ހުޅުވި ބޭރު ފައިސާ ދައުރުވުން އިތުރުވާނެ އެވެ.

ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ ކެޕްޓަރުންނާއި ތަޖުރިބާކާރުން : މި ހުރިހާ ބޭފުޅުން އިއްތިފާގު ވަނީ ބަންރިންއާއެކު ރާއްޖޭގެ އިގްތިސޯދު ބަދަލު ކޮށްލާނެ ކަމަށް

އާ ސިނާއަތުގެ ވިޔަފާރި މިމަހު ރާއްޖޭގައި ފަށާނެ 

ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަކަށް ފޮރުޅާލަން ބަންކަރިން ވިޔަފާރި އަށް ވަންނަން މިހާތަނަށް ދެއްކީ ހުސް ވާހަކަ އެވެ. ކުރެހީ ކަރުދާހުގައި ޕްލޭން ތަކެވެ. އެއްވެސް ކަމެއް ހަގީގަތަކަށް ނުވި އެވެ. އެކަންވީ ކަނޑުގައި އެޅި ރޮނގަކަށެވެ. މި ވާހަކަ ދައްކާތާ 30 އަހަރު ވެއްޖެ އެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ ބަންކަރިން ވިޔަފާރި އޮފްޝޯވްކޮށް ނުވަތަ ބޮޑެތި ބަނދަރުތަކާއި އަގުބޮޑު އިމާރާތްތައް ނުހަދައި ކަނޑުމަތީގައި އަވަހަށް ފަށާށެވެ. އެކަމަށް ބޭނުންވާ ބައެއް އުޅަނދު ރާއްޖެ ގެނެސްފައިވާއިރު ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަށް ފުރޮޅެން މިދަނީ ތައްޔާރު ވަމުންނެވެ. މިކަމާ އެންމެ ހިތްހަމަ ޖެހިގެން ތިބީ ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ވެސް މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވި ބޭފުޅުންނެވެ. ސަބަބަކީ އެ ބޭފުޅުންގެ އުމުރު ހުސްކޮށްލީ އެކަމުގެ ވާހަކަ ދެއްކުމުގަ އެވެ. އެކަމަކު ހަގީގީ ކުލަ ޖެހެން އަދި ކިރިޔާ މި ތައްޔާރުވީ އެވެ. 

ދުނިޔޭގެ އެންމެ ވަރުގަދަ ބަންކަރިން ކުންފުނި ކަމަށްވާ ވިޓޯލްއާއި ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި މިމަހު ފަށާ އޮފްޝޯ ބަންކަރިން ވިޔަފާރިއާ ފެށުމާ ބެހޭ ގޮތުން އެމްޕީއެލް އިން މެރިޓައިމް ދާއިރާގެ އެކްސްޕާޓުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު "މިރާ" އަށް ވާހަކަ ދެއްކެވި ހުރިހާ ތަޖުރިބާކާރުން ވެސް ގަބޫލު ކުރާ ގޮތުގައި މި މަސައްކަތް ވެގެން ދާނީ ރާއްޖޭގެ އިގްތިސޯދު އެހެން ހަރުފަތަކަށް ދަތުރު ކުރާނެ ކަމަށެވެ. އަދި މި ވިޔަފާރި ފެށުމުގައި ގޮންޖެހުން ތަކެއް ހުރި ނަމަވެސް ޓޫރިޒަމް ސިނާއަތް ގޮތަށް ދުރު މުއްސަތަގުބަލުގައި ބިޔަ އިންޑަސްޓްރީއެއް ރާއްޖޭގައި އުފެދިގެންދާނެ އެވެ. ބޭރު ފައިސާ ވަންނާނެ އިތުރު ދޮރެއް ހުޅުވިގެންދާނެ އެވެ. 

އަންދާޒާ އާމްދަނީ ފަސޭހަކަމާއެކު ހޯދޭނެ

އެސްޓީއޯ އާއި ގައުމީ ބޯޓު ކުންފުނީގެ އެމްޑީކަން އަދާ ކުރެއްވި އަބްދުﷲ ސައީދު (ކޮއްޓޭ)

އެސްޓީއޯ އާއި ގައުމީ ބޯޓު ކުންފުނީގެ އެމްޑީކަން އަދާ ކުރެއްވި އަބްދުﷲ ސައީދު (ކޮއްޓޭ) ވިދާޅުވި ގޮތުގައި އޮފްޝޯވްކޮށް ބަންކަރިން ފެށިނަމަވެސް ރެޑްސީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭން ފަށާ ބަންކަރިން ހިދުމަތުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ސަރުކާރުން އަންދާޒާ ކޮށްފައިވާ އަހަރަކު 400 މިލިއަން ޑޮލަރަށްވުރެ އިތުރު އާމުދަނީއެއް ޖީޑީޕީއަށް އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމުގައި ސައީދު ވިދާޅުވި އެވެ.

"މިހާރު ނެރެގެން އުޅެނީ ރަނގަޅު އަދަދެއް. އަންދާޒާ ކުރައްވާފައިވަނީ 400 މިލިއަން ޑޮލަރު. މިއީ ރަނގަޅު ފިގާއެއް ކަމަށް ފެންނަނީ. މީގައި އޮންނާނީ މި ވިޔަފާރި ފަށައި ކުރިއަށްދާނެ ގޮތުގެ މައްޗަށް،" ސައީދު ވިދާޅުވި އެވެ.

ބަންކަރިންއާ ގުޅުންހުރި އެތައް ވިޔަފާރިއެއް ހިމެނޭ

ސައީދު އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން އަންދާޒާ ކުރާ އަދަށްވުރެ ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އަދި އެމްޕީއެލް އިން ބަންކަރިން ހިދުމަތުގެ ވަށައިގެން ދޭން ކަނޑައަޅާފައިވާ ހިދުމަތްތަކަކީ ބޮޑު އާމްދަނީއެއް ލިބޭނެ ހިދުމަތްތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"މީގައި އެބަހުރި ބައިވަރު ކަންކަން. މިސާލަކަށް އަންޑަ ވޯޓާ ސާވިސަސްއޭ ބުނީމަ ބައިވަރު ކަންކަން ހިމެނޭ. އަންޑަ ވޯޓާ ވެލްޑިން އާއި ފޮޓޯ އާއި ވީޑިއޯ ގްރެފީ މިއީ ވެސް ވަކިބައެއް. މިސާލަކަށް ކެޕްޓަނެއް ބޭނުންވެދާނެ ބޯޓުގެ ބޮޓަމް [ބޯޓުގެ ދަށުގެ ހާލަތު[ ކޮންޑިޝަން ބަލާލަން. މިހެން ގޮސް ކޮންމެ ކަމަކީ ރެވެނިއު ޖެނެރޭޓް ކުރާނެ ކަންކަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ވިޔަފާރީގައި ބޭރުގެ ވެސަލްތައް ރާއްޖެއަށް އެޓްރެކްޓް ކުރެވޭ މިންވަރު މުހިންމު ކަމަށާ މި ވިޔަފާރި ފަށަން އެސްޓީއޯއާއެކު ޕާޓްނަޝިޕް ހަދާ ވިޓޯލްއަކީ ރަނގަޅު ޕާޓްނަރެއް ކަމަށެވެ.

"ވަރަށް ރަނގަޅަ ޕާޓީއެއް [ވިޓޯލް] އަކީ ދުނިޔޭގެ ފެންވަރުގައި ވެސް. މިހެންވެ ވިޓޯލްގެ ނެޓްވޯކުގެ ތެރޭން ރާއްޖެއަކީ މި ސާވިސަސް ލިބެން ހުރި ގައުމެއްކަން ދާދި އަވަހަށް ދުނިޔެ އަށް އެނގިގެންދާނެ،" ސައީދު ވިދާޅުވި އެވެ. 

ސެންކޯ ޝަރީފުގެ ޒަމާންވީ ހުވަފެނެއް

އެމްޕީއެލްގެ ޗެއާމަން ކެޕްޓަން މުޙައްމަދު ޝަރީފް، ސެންކޯ ޝަރީފު

މިދިޔަ އެމްޑީޕީ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން ކުރެއްވި މެރިން އިންޑަސްޓްރީގެ ހާއްސަކޮށް ބޭރު ބޯޓު ފަހަރުގައި ގިނަ ތަޖުރިބާ ތަކެއް ހާސިލް ކުރެއްވި ކެޕްޓަން މުޙައްމަދު ޝަރީފް ސެންކޯ ޝަރީފު ވިދާޅުވީ މި މަސައްކަތް ފަށަން މިދިޔަ ސަރުކާރުގައިވެސް މަސައްކަތް ކުރިކަމަށާ ކަމަކު ކާމިޔާބުވާ ގޮތެއް ނުވި އެވެ. އަދި މިކަން ކުރުމަށް އޭނާ އަމިއްލަ އަށް ސަރުކާރުތަކުގައި އެދުނު އަދަދެއް ވެސް ބުނަން ނޭނގެ އެވެ. ނަމަވެސް މިހާރު މި މަސައްކަތް ފެށިގެންދާތަން ފެނުމަކީ ބޮޑު އުފަލެއް ކަމަށާ މިއީ ހީވެސް ނުކުރާ ވަރުގެ ބޮޑު ވިޔަފާރި އަކަށް ވެގެންދާނެ ކަމެކެވެ. 

"މިހާރު ފެށިފައޭ ބުނެވިދާނެ. މިހެން މި ބުނަނީ މި ބޭފުޅުން އަމަލީ ގޮތުން މަސައްކަތް ކުރާތަން ފެންނަމުންދާތީ. މިއީ ރާއްޖެއަށް ބޮޑު އިންކަމެއް ލިބޭނެ ކަމެއް. ސިންގަޕޫރަށް 1960 ހިސާބު ގޮސް އުޅޭއިރު ފެނޭ އެތަން އޮތް ގޮތް. ހުންނާނީ ދެބުރި އިމާރާތް ތަކެއް. މިއަދު އެއީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމު. އެ ބޭފުޅުން ކުރިއަރައިގެން ދިޔައީ މެރިޓައިމް އިންޑަސްޓްރީން. މެރިޓައިމް ދާއިރާ ރާއްޖޭގައި ފުޅާ ކުރެއްވިއްޖެނަމަ ސިންގަޕޫރު ނުވާނެ އެކަށްޗަކަށްވެސް. ރާއްޖެއަށް މާގިނަ ފުރުސަތުތައް އެބަހުރި،" ތަޖުރިބާކާރު ކެޕްޓަން ޝަރީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހުރިހާ ބޯޓެއް ދަތުރު ކުރަމުން ދަނީ ރާއްޖެ ހުރަސްކޮށް ކަމަށާ، އެހެންވެ މި ބޯޓު ތަކަށް ގިނަ ހިދުމަތް ތަކެއް ބޭނުންވާނެ އެވެ. 

"ބަންކަރިން ފައްޓަން ލަސްވެއްޖެ. އެކަމަކު މާތްﷲ އިރާދަފުޅުން މ ފެއްޓެނީ. މިކަމާ ބެހޭ ގޮތުން ބައެއް ގާނޫނުތައް ވެސް ބޭނުންވާނެ. މިހާރު އިންޑިއަން އޯޝަން ތެރޭގައި ބައިވަރު އެތައް ސަތޭކަ މަސް ބޯޓެއް ވެސް އުޅޭ. މި އެއްޗިހި ވެސް އަންނާނެ ބަންކަރިން ކުރަން. ތެޔޮ އަޅަން ކާއެއްޗިހި ހޯދަން. ރިޕެއާ ކުރަން. މިހުރީ ހުސް އާމްދަނީ ލިބޭ ކަންކަން،" ޝަރީފު ވިދާޅުވި އެވެ. 

ޝަރީފު ވިދާޅުވީ ޓޫރިޒަމް ފެއްޓީ ވެސް ކުޑަކުޑަ ރަށަކުން ދެ ތިން މީހުން އައިސްގެން ކަމަށާ އެހެންވެ މި ސިނާއަތް ވެސް ކުޑަކޮށް ފައްޓައިގެން ބޮޑު ކުރެވޭނެ އެވެ. މިސާލު ދައްކަމުން ޝަރީފު ވިދާޅުވީ ކޮވިޑް-19 އަށް ދުނިޔޭގެ ބޯޑަރުތައް ބަންދުކުރި ދުވަސްވަރު މި ސަރަހައްދުން ދަތުރު ކުރާ ބޯޓު ތަކަށް ކްރޫ އިން ބަދަލުކޮށްގެން ހަމައެކަނި މަހަކު 140 މިލިއަން ރުފިޔާ ލިބުނެވެ. 

"ހަމައެކަނި ކްރޫ ޗޭންޖްކޮށްލަން ކޮވިޑުގަ އެކަނި 14 ބޯޓު މި ސަރަހައްދަަށް ކައިރި ކުރި. އެމްޕީއެލް އަށް ޕައިލޮޓޭޖަށް އެކަނި މަހަކު 22 މިލިއަން ލިބުނު. ޓްރާންސްޕޯޓަށް އެކަނި 116 މިލިއަން މަހަކު ލިބުނު، އެހެންވެ މިހާރު ރާއްޖޭން ބަންކަރިން ފެށުން މިއީ މައްސަލައެއް ނޫން،" ޝަރީފު ވިދާޅުވި އެވެ. 

ސެންކޯ ޝަރީފު

ކޮވިޑުގައި ކްރޫ ޗޭންޖްކޮށްލަން 14 ބޯޓު އައި. އެމްޕީއެލް އަށް ޕައިލޮޓޭޖަށް އެކަނި މަހަކު 22 މިލިއަން ލިބުނު. ޓްރާންސްޕޯޓަށް އެކަނި 116 މިލިއަން މަހަކު ލިބުނު

ޝަރީފު ވިދާޅުވި ގޮތުގައި މިތާ އޮތީ ކޮން ސަރުކާރެއް ތޯ އެތާ އޮތީ ކޮން ސަރުކާރެއް ތޯ ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށާ މުހިންމީ ގައުމައިގެން ކުރިއަށް ދިއުމެވެ. 

"އަޅުގަނޑުމެންނަކީ ގައުމަށް ހިދުމަތް ކުރި މީހުން. ތަޖުރިބާހުރި މީހުން. ގައުމު ކުރިއަށް ގެންދަން ވަކި ސަރުކާރެއް މުހިންމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ. 

ދިވެހި އެޖެންޓުންނަށް ފުރުސަތުތަކެއް ފަހިވާނެ

ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ބަންކަރިންއަކީ ރާއްޖެ އަށް ވަރަށް ރަނގަޅު ބޭރުގެ އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށާ ބަލަން ޖެހޭނީ މިކަން ސަސްޓޭނަބަލްކޮށް ރަނގަޅަށް ކުރުމަށެވެ. 

"ބަންކަރިންގައި ރާއްޖޭގައި ތިބި ޝިޕިން އެޖެންޓުންނަށް ވެސް ފުރުސަތެއް ލިބޭނެ. މިއީ މެރިޓައިމް ޝިޕިން އެޖެންޓުނަށް ލިބޭނެ ފުރުސަތެއް. މިހާރު ރާއްޖޭން ބަންކަރިން ދޭން ވެސް މި އަންނަނީ ލަންކާން ކުދިކުދި ބޯޓު ފަހަރު. އައިސް ބަންކަ ދީފަ ދަނީ. އެކަމަކު މިއީ ހުޅުވިގެންދާނެ ރަނުގެ ފުރުސަތެއް،" ދުނިޔޭގެ އެންމެ ބޮޑު ދެ ބޯޓު ކުންފުނީގައި ކެޕްޓަންކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.  

ތިމާވެއްޓާ ރަހުމަތްތެރި ބަންކަރިން މުހިންމު

ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުގައި ކެޕްޓަންކަން ކުރައްވާފައިވާ ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ ފެށުމަކީ ވަރަށް އުފަލެއް ކަމަށާ އެންމެ ދެކެން ބޭނުންވަނީ ރާއްޖޭން ގްރީން ބަންކަރިންއަށް ވަންނަ ދުވަސް ކަމަށެވެ. 

"އެސްޓީއޯ އާއި ގުޅިފައިވާ ވިޓޯލްއަކީ ގްރީން ބަންކަރިންގެ ވެސް ނެޓްވޯކުގެ ބައެއް. އެ ކުންފުނިން ފުޖޭރާގައި މަސައްކަތް ކުރޭ ގްރީން ބަންކަރިން. އެހެންވެ އަޅުގަނޑު ދެކެން ބޭނުންވަނީ ރާއްޖެއަކީ ފުޖޭރާ އެއް ފަރާތުގައި މެދުގައި މި އޮންނަ ރާއްޖެއަކީ ގްރީން ބަންކަރިންގެ ވެސް މަންޒިލަކަށްވުން. ރާއްޖެ އައިސް މެތެނޯލް ގޭސް ނުވަތަ ބަޔޯ ފިއުލް ނުވަތަ ހައިޑްރިޖަން ކަމަށް ވިޔަސް ބަންކަ ކުރެވުން،" އާދިލް ވިދާޅުވި އެވެ. 

އެމްޕީއެލް އިން ފުރުސަތު ދެނީ އަމިއްލަ ވިޔަފާރިތަކަށް

އެމްޕީއެލްގެ އެމްޑީ ހައްމަދު ވަޖީހު އިބްރާހިމް ވާހަކަ ދައްކަވަނީ

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މި މަސައްކަތް ކުރަނީ ރައީސް ޑރ. މުއިއްޒުގެ ފުރިހަމަ އިރުޝާދާއެކުގައި ކަމަށާ ބަންކަރިން ވިޔަފާރިއާ ގުޅުންހުރި ކަންކަމުގައި އަމިއްލަ ކުންފުނިތަކަށް މުހިންމު ރޯލެއް އެ ކުންފުނިން ދޫކޮށްލާނެ އެވެ. ސަބަބަކީ މީގެ ބޭނުމަކީ އިގްތިސޯދުގެ ތެރޭގައި ބޭރު ފައިސާ ދައުރުކޮށް ޕްރައިވެޓް ސެކްޓަރު ވަރުގަދަ ކުރުމެވެ.

"އިހަވަންދިއްޕޮޅުގެ މަސައްކަތުގެ ހުރިހާ މުއާމަލާތެއް ހިންގާނީ ބޭރު ފައިސާއިން. ރައީސް ވެސް މިނިސްޓަރު ވެސް ވިދާޅުވި އެސްޓީއޯއިން އަޅާ ތެޔޮ ބަންކަރިން އެކަނި އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. އިތުރަށް ގިނަ ކަންތައްތަކެއް ހިމެނޭ. އެބައުޅޭ 14 ވަރަކަށް ކުންފުނި މީގެތެރޭގައި. ޑޮކިން އާއި ސަލްވޭޖާއި ސާވޭ ވެސް. ގަބޫލު ކުރެވޭ ގޮތުގައި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް އާއްމު ފަރުދުންނަށް ލިބޭނެ،" ވަޖީހު ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.