ރައީސްގެ ތަގުރީރުން އަބްދުއްރަހީމުގެ ހިމަނާރުތަކުގައި ހިނގައިގަތް ޖަޒުބާތު ޅެންބަހުން

އެ ތަގުރީރު ޝައުގުވެރިކަމާއެކު އަޑުއެއްސެވިއިރު، ކުޅަދާނަ ޝާއިރު އަބްދުއްރަހީމުގެ ހިތްޕުޅަށް އަރާފައިބަމުންދިޔަ އިހުސާސްތަކާއި ސިނކުނޑީގައި ދައުރުވަމުންދިޔަ ފިކުރުތައް އެމަނިކުފާނު މިއަދު ބަރުތީލަކޮށްލެއްވީ ޝާއިރާނީ ގެތުމަކުންނެވެ.

ގައުމީ ދުވަހުގެ ޖަލްސާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ތަގުރީރެކެވެ. ގައުމިއްޔަތު އޭގެ އެންމެ އިލްމީ ގޮތުގައި މާނަކޮށްދެއްވައި ގައުމިއްޔަތު ދިރުވައި އާލާކޮށް އިއާދަކުރުމުގެ ބޭނުންތެރިިކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ދެއްވި ތަގުރީރުގައި މާނަފުން މުހިއްމު އެތައް ވާހަކަތަކެއް ހިމެނުނެވެ. 

އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި އިންނެވީ ސިޔާސީ ދަތުރުގައި އެމަނިކުފާނުގެ މިތުރު އަދި އެމަނިކުފާނަށް އެންމެ ބޮޑު ތާއީދަކާއި އެހީތެރިކަމެއް ވެދެއްވި އަދި ވެދެއްވަމުންގެންދަވާ  އެއް ޝަހުސިއްޔަތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގުރެސް ޕާޓީގެ ޗެއާޕަސަން އަބްދުއްރަހީމް އަބްދުﷲ އެވެ. 

އެ ތަގުރީރު ޝައުގުވެރިކަމާއެކު އަޑުއެއްސެވިއިރު، ކުޅަދާނަ ޝާއިރު އަބްދުއްރަހީމުގެ ހިތްޕުޅަށް އަރާފައިބަމުންދިޔަ އިހުސާސްތަކާއި ސިނކުނޑީގައި ދައުރުވަމުންދިޔަ ފިކުރުތައް އެމަނިކުފާނު މިއަދު ބަރުތީލަކޮށްލެއްވީ ޝާއިރާނީ ގެތުމަކުންނެވެ. ޅެން ބަހުރުވައިގެ އެންމެ މަތީ ފަންތީގެ ބަހުރުވައިންނެވެ. 

ކެކިގަތޭ މި ޝުއޫރުތައް އަޑުއިނުވު މޮޅު ތަގްރީރަކުން 
      ހެކިވަމޭ ހުއްބުލްވަތަން އޮތް ހިތްޕުޅެއްކަން އަމުދުން 
އެ އަޑުފުޅުގައި އެހަރަ ރިހުމާ އެރިހުމުން ދޭ ދިރުމުން 
     ދެ އަތަކަށް ކަޅިވެސްޖަހައި ނުލެވުނު އަހަން ހުރި ޝައުގަކުން 

އަބްދުއްރަހީމުގެ ޅެން ފެއްޓެވީ ރައީސްގެ ތަގުރީރުން ކުރި އަސަރު ބަޔާންކޮށްދެއްވަަމުންނެވެ. އަދި އެ ތަގުރީރުން ރައީސްގެ ހިތްޕުޅުގައި އޮތް ވަތަނީ ލޯބި ސާފުކޮށް ފެނިވަޑައިގެންނެވިކަމަށް ހެކިވެވަޑައިގަންނަވަމުންނެވެ. އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ގައުމިއްޔަތު ހީނަރުވެފައިވާ މިންވަރު ބަޔާންކޮށްދެއްވިއިރު ރައީސްގެ އަޑުފުޅުގައި ހުރި ވޭނަކީ އެ ހީނަރުކަމުން ގައުމު މިންޖުކުރައްވަން ކުރައްވާ މަސައްކަތްޕުޅުން ދޭ ދިރުމުގެ ރާހަތު އިތުރުވާ ކަމެކެވެ. 

ނިއުޅަމުން މާޒީގެ ސަފްހާތައް އެހެރަ ގެންދެވި ގޮތުން
   މިއުޅެނީ ހުވަފެނަކުބާއޭ ހީވިޔޭ ކުރި އަސަރަކުން 
އެންމެ ފުރަތަމަ ގައުމު އިސްކޮށްދެއްވުމަށް އަމަލާބަހުން 
   އެންމެނަށް އެ ވިދާޅުވީ ހުއްރިއްޔަތަށް އޮތް ލޯތްބަކުން 

ރައީސްގެ ތަގުރީރުގައި ރާއްޖޭގެ މާޒީން ފެންނަން އޮތް ގިނަ ހަގީގަތްތަކެއް ފާހަގަކުރެއްވި އެވެ. ދިވެހި ކާބަފައިން ދިވެހިރާއްޖެއާމެދު ބެހެއްޓި ޣީރަތްތެރިކަމާއި އަދާވާތްތެރިންގެ ކެހިވެރި ރޭވުންތަކުން ގައުމު ސަލާމަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި ގުރުބާނީތައް ފާހަގަކުރެއްވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުން އެކަންކަން ރައީސް ވިދާޅުވެދެއްވި ގޮތުން ހުވަފަނެއްގައި އުޅެވޭހެން ހީވާހާވެ އެވެ. 

އެ ހުރިހާ ވާހަކައަކަށްފަހު ރައީސް ކުރެއްވީ މުހިއްމު އިލްތިމާސެކެވެ. ކޮންމެ ދިވެއްސަކުމެ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރުމަށް ކުރެއްވި އިލްތިމާސެވެ. އަމަލާއި ބަހުން ގައުމު އިސްކުރެއްވުމަށް ގޮވައިލެއްވި ގޮވައިލެއްވުމެވެ. އަބްދުއްރަހީމް ވިދާޅުވީ އެ އިލްތިމާސަކީ ރައީސްގެ ހިތްޕުޅުގައި އޮތް މިނިވަންކަމުގެ ލޯބިން އުފަންވެގެން އައި ތެދުވެރި އިލްތިމާސެއް ކަމަަށެވެ. 

ދިވެހި ގައުމިއްޔަތުގެ ހުރި ހުރިހައި ބަހާތަކަކަށްވަކިން 
   ރިވެތިކޮށް އަލިއަޅުވަމުންނޭ ގެންދެވީ ތަރުތީބުން
ހާލަތާ ވަގުތާ ޒަމާނާ ދައްކަމުންދާ މަންޒަރުން 
   މާދަމާގެ ތަސައްވުރޭ ކުރަހައިދިނީ އާ ރޫހަކުން  

ރައީސްގެ ތަގުރީރުގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދެއްކެވި އެވެ. އެއިން ކޮންމެ ކަމެއްގައި މިއަދު އޮތް ހާލަތާއި އެމަނިކުފާނު ގެންނަވަން ވިސްނަވާ އިސްލާހުތައް ވިދާޅުވެދެއްވި އެވެ. ދީނާ ދުރު ފުރެއްދަ ފިކުރުތައް ދިވެހި ގޮނޑުދޮށްތައް ކަނޑައްތުކޮށް ގެތަކުގެ ތެރެއަށް ވަންނަމުންދާކަން މައިންބަފައިންގެ ސަމާލުކަމަށް ގެންނެވި އެވެ. ދިވެހި ބަހާ ދުރަށް ދިވެހިން ދާތީ އެކަމުން ނިކުންނާނެ ނަތީޖާތައް ފާހަގަކުރެއްވި އެވެ. ތަރިކައާއި ސަގާފަތަށް ރައްކާތެރިނުވެވޭނަމަ އަންނާން އޮތް ޖީލުތަކަށް ދިވެހިންނަކީ ކޮން ބައެއްކަން ނޭނގޭ ހިސާބަށް ހިނގައިދާނެކަމުގެ އިންޒާރު ދެއްވި އެވެ. 

އަދި އެކަންކަން ބަދަލުކުރެއްވުމަށް ފައްޓަވާފައިވާ ގައުމިއްޔަތު މަޝްރޫއަށް އަލިއަޅުވައިލައްވައި ކުރަން ހުރި ބޮޑެތި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ކުރަހައިލެއްވީ އެ މަސައްކަތްތައް ނިންމައިލެވި ތަންފީޒުކުރެވުމުން ދިވެހިވަންތަ ދިވެހިރާއްޖެއެއް ގާއިމުވެފައި އޮންނަ މުސްތަގުބަލެއްގެ ތަސްވީރެވެ. އެ ތަސްވީރު ކުރައްސަވައިދެއްވީ "އާ ރޫހަކުން"ކަމަށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ހުށަހެޅުއްވި ހައްލުތަކުން އައުވި އުންމީދު ސިފަކޮށްދެއްވާށެވެ. 

އަބްދުއްރަހީމްގެ ފަހު ބައިތުން ސިފަކޮށްދެއްވީ ރައީސްގެ ތަގުރީރުން އޭނާއަށް ކުރި އަސަރެވެ. އެމަނިކުފާނު ވިދާޅުވީ ރައީސްގެ ތަގުރީރުގައި ބޭނުންކުރެވި ބަސްފުޅުތަކާއި އިބާރާތްތައް އޮހެމުން އެތުރެމުންދިޔައިރު ހިތްޕުޅުގެ ނާރުތަކުން ދައުރުކުރާ ލެއާއެކުވެގެން މުޅި ހަށިގަނޑަށް ފެތުރިގަތީ ގައުމީ ލޯބި ކަމަށެވެ. 

އުތުރެމުން އޮހެމުން އެ ދިޔައިރު ލަފުޒުތައް އެތުރުނު ގޮތުން 
      ފެތުރިލައިފިޔެ ލޯބި ގައުމީ ހިތުގެ ހުރިހައި ނާރަކުން 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.