ރޭ އެ ފިޔަވަޅުތައް އިއުލާނުކުރައްވައި ރައީސް އެކްސްގައި އާންމުކުރެއްވި ޕޯސްޓު ހިއްސާކުރައްވަމުން އިހުސާން ވިދާޅުވީ ރައީސް އަންގަވާފައި ހުރިހާ އެންގެވުމެއް ފުލުހުން ބަރާބަރަށް ތަންފީޒުކުރާނެ ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ދިވެހި ފުލުހުންގެ ހިދުމަތުން ތަންފީޒުކުރާނެ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކަރެކްޝަނަލް ސާވިސްގެ ޒުވާން އޮފިސަރެއް ނިޔާވުމާ ގުޅިގެން މިއަދު ރައީސްވަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނުރައްކާތެރިކޮށް ބާރަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގާނޫނާއި ގަވާއިދަށް ގެންނަަންޖެހޭ ބަދަލުތައް ގެނެސް ފިޔަވަޅުތައް ތަންފީޒުކުރަން އިދާރާތަކަށް އިރުޝާދު ދެއްވިކަން ހާމަކުރައްވާފަ އެވެ.
އޭގެ ފަހުން މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ދެއްވި އިރުޝާދުގެ މައިގަނޑު މަގުސަދަކީ ދެ ކަމެއް ހާސިލުކުރުން ކަމަށެވެ. އެއީ:
ގަވާއިދާ ހިލާފަށް ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ކޮންޓުރޯލު ކުރުން
އުޅަނދަށް ބަދަލުގެނެސްގެން/ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ކޮންޓްރޯލުކުރުން
އެ މަގުސަދުތައް ހާސިލުކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނުވަނީ އިދާރާތަކަށް ޖުމްލަ އަށް ފިޔަވަޅެއް ތަންފީޒުކުރަން އިރުޝާދު ދެއްވާފަ އެވެ. އެއް ކަމެއްގެ ގޮތުގައި ބާރު ދުވެލީގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު ހަރުަކށި ފިޔަވަޅުތައް އެޅޭނެހެން ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކުރަން އަންގަވާފައިވެ އެވެ.
ފާއިތުވި އަހަރު އޮކްޓޯބަރު މަހުގައި ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލެއިން ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރަން އަންގަވާފައިވެ އެވެ،. އަދި ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އުޅަނދުގެ ވެރި ފަރާތުގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްވަނީ އިރުޝާދު ދެއްވާފަ އެވެ.
އަދި ވަކި މިންވަރަކަށް ހޯސްޕަވަރު ވަރުގަދަ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންކުރުން މަނާކުރެވޭނެހެން ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވާފައިވެ އެވެ. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރެވޭނެހެން ގާނޫނާއި ގަވާއިދު އިސްލާހުކުރަން އަންގަވާފައިވެ އެވެ.
އަދި ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފއިވާ ޕްލޭނުގެ މަސައްކަތް އަވަސްކުރުމަށް އަންގަވައި، ފުލުހުން ހުށަހަޅާފައިވާ ގޮތަށް 150 ސަރަހެއްގައި ސްޕީޑު ދެނެގަންނަ ކެމެރާއާއި ސްޕީޑު ބްރޭކަރު ހަރުކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފަ އެވެ،
އަދި ގްރެޖުއޭޓިން ލައިސެންސިން ސިސްޓަމެއް ތައާރަފުކޮށް ގަވާއިދާ ހިލާފުވުމުން ލައިސަންސްއިން ޕޮއިންޓް އުނިކުރަން ފެށޭނެހެން ނިޒާމު ބަދަލުކުރުމަށް ރައީސްވަނީ އަންގަވާފަ އެވެ. އަދި މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ފުލުހުން މިހާރު ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.
ރޭ އެ ފިޔަވަޅުތައް އިއުލާނުކުރައްވައި ރައީސް އެކްސްގައި އާންމުކުރެއްވި ޕޯސްޓު ހިއްސާކުރައްވަމުން އިހުސާން ވިދާޅުވީ ރައީސް އަންގަވާފައި ހުރިހާ އެންގެވުމެއް ފުލުހުން ބަރާބަރަށް ތަންފީޒުކުރާނެ ކަމަށެވެ.
ރަައީސް އިއުލާނުކުރެއްވި ފިޔަވަޅުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނިންމެވުމަށް ތާރީފުކުރަމުންނެވެ. އަދި ރަނގަޅަށް އެ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެނަމަ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ބޭނުންކުރާ މީހުންނަށް ރައްކާތެރި މަގުތަކަކަށްވާނެ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ފާއިތުވި އަހަރުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެ، އެފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުންނާއި ދާއިމީ ބޮޑެތި އަނިޔާތަކާއި ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހޭ މީހުން އިތުރުވި ނަމަވެސް އެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ދިގުލައިގެން ގޮސްފައިވެ އެވެ.