މާލޭގެ ފެނުގެ ނިޒާމު ނާޒުކު ފައްތަރެއްގައި | ހާލަތު ބަދަލުކުރަން ބޮޑެތި މަސައްކަތްތަކެއް ފެށިއްޖެ

ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު ފެނިވަޑައިގަތީ އެކަށީގެންވާ މިންވަރަށް ހިދުމަތްތައް ތަރައްގީކުރެވިފައި ނެތް ކަން ކަމުގައި ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިފަދަ އަސާސީ ހިދުމަތްތަކަށް ސަމާލުކަން ނުދޭ ސަބަބު ނުވިސްނޭ ކަމަށް

ހުޅުމާލޭ ބޮޑު ތާނގީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެމްޑަބްލިއުއެސްސީ

ރާއްޖޭގައި އެންމެ ބައިބޯ ޝަހަރުކަމަށްވާ މާލޭގައި ފެނުގެ ނިޒާމު އަދާހަމަނުކުރެވި އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ނުގެނެވި ގިނަ ދުވަސްވުމުގެ ސަބަބުން ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތަށް ގޮސްފައިވަނިކޮށް މާލޭގެ ފެނުގެ ހާލަތު ބަދަލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތްދޭ މާލޭ ވޯޓާ އެންޑް ސުވެރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ފަށައިފި އެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެމްޑަބްލިއުއެސްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އަބްދުލްމަތީން މުހައްމަދުވަނީ މިހާރު މާލޭގެ ފެނުގެ ނިޒާމުގެ ހާލަަތު އޮތް ގޮތް ވަރަށް ތަަފުސީލުކޮށް ވިދާޅުވެދެއްވާފަ އެވެ. 

މަތީނު ވިދާޅުވި ގޮތުގައި މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް އަދި އެންމެ ބޮޑު އާބާދީއެއް ރަށްވެހިވެފައިވާ ރަށަށްވީ ނަމަވެސް ފާއިތުވި ފަސް އަހަރު މާލޭގެ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތްތައް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވެ އެވެ. 

އިތުރަށް އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު މާލޭގައި ފެން އުފައްދާ މިންވަރާއި ފެން ރައްކާ ކުރެވޭ މިންވަރަށް ބަލާއިރު ފެން ރައްކާކުރެވެނީ އެއް ދުވަހަށް ބޭނުންވާ މިންވަރަށް ކަމަަށެވެ. އަދި އެއް ދުވަހަށް ބޭނުންވާ ފެން ރައްކާކުރެވެނީ ނިޒާމުގައި އެއްވެސް މައްސަލައެއް ނުޖެހި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހިނގާނަމަކަމަށް މަތީނު ވިދާޅުވި އެވެ. 

"މިހާރުގެ ހާލަތަށް ބަލާކަމުގައިވާނަމަ ފެން އުފެއްދޭ މިންވަރާއި ރައްކާ ކުރެވޭ މިންވަރަށް ބަލާނަމަ އެއް ދުވަހުގެ ފެން މި ރައްކާކުރުން ވަރަށް އުދަގުލުން، ވަރަށް ރަނގަޅަށް ކަންކަން ދާނަމަ ސިސްޓަމްގައި އެއްވެސް މައްސަލައެއް ނުޖެހޭނަމަ އެއް ދުވަހަށްވާ ފެން ރައްކާކުރެވެނީ،" މަތީނު ވިދާޅުވި އެވެ. 

މަތީނު ފާހަގަކުރެއްވި ގޮތުގައި ފެން އުފެއްދުމުގެ ގާބިލުކަންވެސް ހުރީ ވަރަށް ދެރަވަރު ކޮށެވެ. އެގޮތުން އެކި މައްސަލަތަކާ ހުރެ އެއް ދުވަހަށް ބޭނުންވާ ފެންވެސް އެކަށީގެންވާ ގޮތެއްގައި ނުއުފެއްދޭކަމަށް މަތީނު ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި މަަތީނު ފާހަގަކުރެއްވީ އެމްޑަބްލިއުއެސްސީން މިހާރު ބޭނުންކުރާ ސިސްޓަމަކީ ޒަމާންތަކެއްވެ އާބާތުރަފިލުވައި އާކުރަންޖެހިފައިވާ ސިސްޓަމަކަށްވުމެވެ. 

ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު ފެނިވަޑައިގަތީ އެކަށީގެންވާ މިންވަރަށް ހިދުމަތްތައް ތަރައްގީކުރެވިފައި ނެތް ކަން ކަމުގައި ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިފަދަ އަސާސީ ހިދުމަތްތައް ތަރައްގީކުރުމަށް އެކަށީގެންވާ މިންވަރުގެ ސަމާލުކަމެއް ނުދެވި އޮތް ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިހާރު އެމްޑަބްލިއުއެސްސީން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަން މަތީނު ފާހަގަކުރެއްވި އެވެ. ވެރިކަން ކުރާ ރަށެއްގައި އަދި އާބާދީ ބޮޑު ރަށެއްގައި ހިދުމަތްތައް ހުންނަންޖެހޭ ފެންވަރަށް ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތްކުރިއިރު އެއިރުގެ ސަރުކާރުން ގެންގުޅުނު ވިސްނުމަކީ ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ މައްސަލައަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައިލުންކަން ފާހަގަކުރައްވައި މަތީނު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިމުނުއިރު އެކަމަށް ބޭނުންވާ ހޮޅިވެސް ބުރިޖުގައި ގާއިމުކޮށްފައި އޮތް ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު އެ ހޮޅީގެ ދެކޮޅު ގުޅައިނުލެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ހިތާމައާއެކު ފާހަގަކުރަންޖެހެނީ ފަސް އަހަރު ނިމިގެންދިޔައިރު އެ ހޮޅީގެ ދެކޮޅުވެސް ގުޅައިނުލެވި އޮތްކަން. މިއީ ވަރަށް ކުޑަ މިސާލެއް.،" މަަތީނު ވިދާޅުވި އެވެ.

ފެނުގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެއާއި މާލޭގެ ފެނުގެ ވިއުގަ ގުޅުވައިލުމަށް ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ޕަމްޕު ސްޓޭޝަންތައް މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރެވި އެތަންތަނުގައި ބަހައްޓަންޖެހޭ ޕަމްޕުތަކާއި ހޮޅިތައް ވަޅުލައި ނިންމުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި މަތީން ވިދާޅުވި އެވެ.  

"އަންނަ އަހަރުގެ ކުރީ ކޮޅުގައި އެ ހޮޅި މެދުވެރިކޮށް ދެކޮޅަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ،" އެމްޑީ ވިދާޅުވި އެވެ. 

ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގިއެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން މަތީނު ވިދާޅުވީ އެ ތާނގިއާއެކު ހުޅުމާލެއަށް ދެ ދުވަހަށް ބޭނުންވާ މިންވަރަށް ފެން ރައްކާކުރެވޭނެ ކަމަށެވެ. 

އޭގެ އިތުރަށް މާލޭގައި 26،000 ޓަނުގެ ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާކަން މަތީން ވިދާޅުވި އެވެ. އެގޮތުން ބޮޑު ތާނގިއެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖެއްސުމާއި އެހެނިހެން ފަންނީ މަސައްކަތްތައް ކުރަމުންދާކަމަށް މަތީން ވިދާޅުވި އެވެ. 

މާލޭގައި ފެނުގެ ހިދުމަތް ރަނގަޅުކުރަން ހިންގާ މަޝްރޫއަށް 132 މިލިއަން ރުފިޔާ ބޭނުންވާކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ބޭންކުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް މި މަސް ތެރޭގައި ނިމި ފައިސާ ހަމަޖެހޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.