ތަންފީޒުކުރަން ދައުލަތުގެ އިދާރާތަކަށް އެމަނިކުފާނު އެންގެވި ކަންކަން ރޭ އިއުލާނުކުރެއްވުމާއެކު، މަދު ބަޔަކު ފިޔަވައި އެންމެންހެން ބުނަމުން އަންނަނީ މި ނިންމުންތަކަކީ ހާލަތަށް ބަލާއިރުން ބޭނުންޖެހިފައިވާ ނިންމުންތަކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައްވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ އެކްސިޑެންޓުތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ. އެތައް ބަޔަކަށް ދާއިމަށް ދެމިގެންދާ ޖިސްމާނީ އަނިޔާތައް ލިބި ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހިފައިވެ އެވެ. މިއީ އިއްޔެއަކު މިއަދަކު ކުރިމަތިވަމުން އައި މައްސަލައެއް ނޫނެވެ. ބާރަށް އުޅަނދުފަހަރު ދުއްވާ މީހުންގެ ސަބަބުން ގަވާއިދާ އެއްގޮތަށް އުޅޭ އެތައް ބަަޔަކަށް އެތައް އަނިޔާއެއް ލިބި އެތައް މައުސޫމު ފުރާނައެއް ދުނިޔެ އަޅައި ހިނގައްޖެ އެވެ.
ނަމަވެސް.. ނަމަވެސް އެއިން މައްސަލައެއް ހައްލުކުރުމަށް ރަނގަޅު ހަރުދަނާ އާރުލާ ފިޔަވަޅެއް އެޅުނު ތަނެއް ނުފެނުނެވެ. އަހަރުން އަހަރަށް އެކްސިޑެންޓުތައް އިތުރުވެ، ގެއްލުން ލިބޭ މީހުން ގިނަވަމުންދިޔަ ނަމަވެސް ފުލުފުލުގައި ބަދަލުވަމުންދިޔަ ސަރުކާރުތަކަަށް އެ މައްސަލަތައް ހައްލުކުރަން ކުރެވުނު ކަމެއް ނެތެވެ.
ފާއިތުވި 2023 ވަނަ އަހަރު 2،300 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް 1،900 އަށްވުރެ ގިނަަ އެކްސިޑެންޓު ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވެ އެވެ. މިހާރު ކަންކަން ހިނގާ ގޮތަށް ކަންކަން ދޫކޮށްލެވިފައި އޮވެއްޖެނަމަ އަހަރު ނިމޭއިރު އެކްސިޑެންޓުތަކުގެ އަދަދު ނިމުނު އަހަރަށްވުރެ ބޮޑުތަނުން އިތުރުވުން އެކަށީގެންވެ އެވެ.
މިފަދަ ހާލަތެއްގައި މި މައްސަލަ އޮއްވައި ރައީސް އިއްޔެ ނިންމެވީ ވަރަށް މުހިއްމު ނިންމެވުންތަކެކެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޔެ ފުރަތަމަ ދެއްވީ މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ. އަދި އެކަމަށްޓަކަައި މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ އިދާރާތަކަށް އެންގެވިކަން އިއުލާނު ކުރެއްވި އެވެ.
ތަންފީޒުކުރަން ދައުލަތުގެ އިދާރާތަކަށް އެމަނިކުފާނު އެންގެވި ކަންކަން ރޭ އިއުލާނުކުރެއްވުމާއެކު ގިނަ ބަޔަކު އަންނަނީ މީސްމީޑިޔާގައި އެކަމާމެދު ހިޔާލު ފާޅުކުރަމުންނެވެ. މަދު ބަޔަކު ފިޔަވައި އެންމެންހެން ބުނަމުން އަންނަނީ މި ނިންމުންތަކަކީ ހާލަތަށް ބަލާއިރުން ބޭނުންޖެހިފައިވާ ނިންމުންތަކެއް ކަމަށެވެ.
އެގޮތުން މަގުތަކުގެ އަމާންކަން ގެއްލި ބިރުވެރިކަން އާންމުވެފައި އޮންނަތާ އަހަރުތަކެއްވީއިރު އެއްވެސް ސަރުކާރަކަށް މިފަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ނުކެރުނުކަން އެކްސްގައި ހިޔާލު ފާޅުކުރި ޒުވާނަކު ފާހަގަކުރި އެވެ. އަދި އެ ފިޔަވަޅުތައް އެޅުމަކީ މަގުތަކުގައި ގަވާއިދާ އެއްގޮތަށް ހަރަކާތްތެރިވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުވާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވާފައިވާ އިއްޒަތްތެރިޔަކު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ސިފަކުރެއްވި ގޮތުގައި މިފިޔަވަޅުތަކަކީ އެޅުން ލަސްވެފައިވާ ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތައް އަޅުއްވަން ނިންމެވުމަކީ ހިތްވަދުގަ ނިންމެވުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސަށް ޝުކުރު އަދާކުރެއްވުމާއެކު އޭނާ ދައުލަތުގެ އިދާރާތަކަށް އިލްތިމާސްކުރެއްވީ އެ ނިންމުންތައް ތަންފީޒުކުރުމަށެވެ.
އިތުރު ޒުވާނަކު ފާހަގަކުރީ މި ފިޔަވަޅުތައް ތަންފީޒުކުރެވިއްޖެނަމަ ބިރުވެރިކަމެއް ނެތި މަގުތަކަށް ނިކުމެ ހިނގައިބިނގައި އުޅެވޭނެ ކަމެވެ. އޭނާ ބުނީ ޒުވާނުން މިފަދަ ނިންމުމަކަށް ދިވެހިން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެވެ.
ރައީސްގެ ނިންމެވުމާމެދު ނުރުހުން ފާޅުކުރަމުން އަންނަނީ ރޭސް ކާރު ގެންގުޅޭ މީހުންނާއި ސައިކަލު/ކާރު ރޭސްތަކުގައި ބައިވެރިވާ މީހުންނެވެ. އެއީ އާބާދީގެ ނިސްބަތުން ވަރަށް މަދު ބައެކެވެ. ގިނަ ބައެއްގެ ހައްގުތައް މަދު ބައެއްގެ އުފަލާއި މަޖަލަށްވުރެ އިސްވާނެކަން ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.
ކޮންމެއަކަސް ގިނަ ބަޔަކު ދެކެނީ ރައީސް ނިންމެވީ ރަނގަޅު ނިންމެވުންތަކެއް ކަމަށެވެ. އަދި އަޣުލަބިއްޔަތު ރައްޔިތުން އުންމީދުކުރަނީ އެ ނިންމެވުންތައް ތަންފީޒުކުރެވި މަގުތަކަކީ އެ މަގުތައް ބޭނުންކުރާ އެންމެންނަށް އަމާން ރައްކާތެރި ތަންތަނަށްވުމެވެ. ރައީސް ދެއްވި ޔަގީންކަމާއި އިތުބާރު އެގޮތުގައި ރައްޔިތުންނަށް ވާސިލުވުމެވެ.