އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނުވަނީ އިދާރާތަކަށް ޖުމްލަ އަށް ފިޔަވަޅެއް ތަންފީޒުކުރަން އިރުޝާދު ދެއްވާފަ އެވެ.
ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމުގެ ގޮތުން އަށް ފިޔަވަޅެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައިފި އެވެ.
ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކަރެކްޝަނަލް ސާވިސްގެ ޒުވާން އޮފިސަރެއް ނިޔާވުމާ ގުޅިގެން މިއަދު ރައީސްވަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނުރައްކާތެރިކޮށް ބާރަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގާނޫނާއި ގަވާއިދަށް ގެންނަަންޖެހޭ ބަދަލުތައް ގެނެސް ފިޔަވަޅުތައް ތަންފީޒުކުރަން އިދާރާތަކަށް އިރުޝާދު ދެއްވިކަން ހާމަކުރައްވާފަ އެވެ.
އޭގެ ފަހުން މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ދެއްވި އިރުޝާދުގެ މައިގަނޑު މަގުސަދަކީ ދެ ކަމެއް ހާސިލުކުރުން ކަމަށެވެ. އެއީ:
އެ މަގުސަދުތައް ހާސިލުކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނުވަނީ އިދާރާތަކަށް ޖުމްލަ އަށް ފިޔަވަޅެއް ތަންފީޒުކުރަން އިރުޝާދު ދެއްވާފަ އެވެ. އެއް ކަމެއްގެ ގޮތުގައި ބާރު ދުވެލީގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު ހަރުަކށި ފިޔަވަޅުތައް އެޅޭނެހެން ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކުރަން އަންގަވާފައިވެ އެވެ.
ފާއިތުވި އަހަރު އޮކްޓޯބަރު މަހުގައި ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލެއިން ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރަން އަންގަވާފައިވެ އެވެ،. އަދި ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އުޅަނދުގެ ވެރި ފަރާތުގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްވަނީ އިރުޝާދު ދެއްވާފަ އެވެ.
އަދި ވަކި މިންވަރަކަށް ހޯސްޕަވަރު ވަރުގަދަ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންކުރުން މަނާކުރެވޭނެހެން ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވާފައިވެ އެވެ. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރެވޭނެހެން ގާނޫނާއި ގަވާއިދު އިސްލާހުކުރަން އަންގަވާފައިވެ އެވެ.
އަދި ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފއިވާ ޕްލޭނުގެ މަސައްކަތް އަވަސްކުރުމަށް އަންގަވައި، ފުލުހުން ހުށަހަޅާފައިވާ ގޮތަށް 150 ސަރަހެއްގައި ސްޕީޑު ދެނެގަންނަ ކެމެރާއާއި ސްޕީޑު ބްރޭކަރު ހަރުކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފަ އެވެ،
އަދި ގްރެޖުއޭޓިން ލައިސެންސިން ސިސްޓަމެއް ތައާރަފުކޮށް ގަވާއިދާ ހިލާފުވުމުން ލައިސަންސްއިން ޕޮއިންޓް އުނިކުރަން ފެށޭނެހެން ނިޒާމު ބަދަލުކުރުމަށް ރައީސްވަނީ އަންގަވާފަ އެވެ. އަދި މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ފުލުހުން މިހާރު ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.
މިއަދު ފުރަތަމަ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސްވަނީ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.