ދައުލަތަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އިގުތިސާދުގެ ދިރުން ހުރި މިންވަރު ބަލާ ހުރިހާ މިންގަނޑަކުންވެސް އިގުތިސާދުގައި ދިރުން ހުރިކަމަށް ފެނެ އެވެ. މާލީ މައްސަލަތައް ހައްލުކުރެވުމުން އިގުތިސާދަށް އިތުރު ދިރުން ލިބޭނެ އެވެ.
މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި ދައުލަތުގެ މާލީ ހާލަތުގެ ވާހަކަ އެވެ. ދައުލަތުގެ މާލީ ހާލަތުގެ ވާހަކަ ދެކެވޭއިރު އިގުތިސާދާއި މާލީ ހާލަތުގެ މެދުގައި ފަރަގު ނުކުރެވި މާލީ ދަތިތަކަކީ އިގުތިސާދީ ހާލަތުގެ ގޮތުގައި ސިފަވާނެހެން ބައެއް ބޭފުޅުންނަށް ވާހަކަދެއްކެވެ އެވެ. ދައުލަތުގެ މާލީ ހާލަތާއި ދިވެހި އިގުތިސާދު ލާމެހިފައި އޮތް ނަމަވެސް އެއީ ތަފާތު ދެކަމެކެވެ. މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައިކަން ކަށަވަރެވެ. އެ ހާލަތަށް މާލީ ހާލަތު ވެއްޓުނު ގޮތާއި، އެ ހާލަތުން އަރައިގަތުމަށް ތަންފީޒުކުރަންވީ ސިޔާސަތު ތަކަކީ ކޮބައިކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް ޖަވާބަކަށް ބޭނުންވެފައި އޮތް ސުވާލަކީ އިގުތިސާދުގެ ހާލަތާ ގުޅޭ ސުވާލެވެ.
ދިވެހިރާއްޖޭގެ އިގުތިސާދުގެ ނާރެހަކީ ފަތުރުވެރިކަމެވެ. އިގުތިސާދީ ގިނަ ހަރަކާތްތަކެއް އެނބުރެނީ ފަތުރުވެރިކަމުގެ ވަށައިގެންނެވެ. ފަތުރުވެރިކަމަށް ހީނަރުކަމެއް އައިސްފިނަމަ ދައުލަތުގެ މާލިއްޔަތަށާއި، އިގުތިސާދުގެ އެހެނިހެން ހަރަކާތްތަކަށް އެ ހީނަރުކަމުން ނުރަނގަޅު އަސަރު ފޯރަ އެވެ. އެހެންކަމުން ދިވެހި އިގުތިސާދުގެ ދުޅަހެޔޮކަން ވަޒަންކުރަން އެންމެ ރަނގަޅު އެއް މިންގަނޑަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިން އަންނަ މިންވަރާއި އެ ސިނާއަތުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަކީ އިގުތިސާދުގައި ދިރުންހުރި މިންވަރު (ވައިޓަލަޓީ) ވަޒަން ކުރަން ބެލިދާނެ މިންގަނޑެވެ.
ފަތުރުވެރިކަމުގެ ހާލަތު ވަޒަންކުރަން ބަލާ ދެ މިންގަނޑެއް އެބައޮތެވެ. އެއް މިންގަނޑަކީ ފަަތުރުވެރިން ރާއްޖެއަށް އައި މިންވަރާއި ބެޑްނައިޓްސް އެވެ. ދެވަނަ މިންގަނޑަކީ ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކުސްތަކުގެ ގޮތުގައި ލިބުނު އާމުދަނީ އެވެ. މި ހިސާބުތަކަކީ ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރަމުންދާ ހިސާބުތަކެކެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މިންވަރަށް ބަލާއިރު ހިނގަމުންދާ ސެޕްޓެންބަރު މަހުގެ ދެވަނ ދުވަހުގެ ނިޔަލަށް 1،367،825 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސަތޭކަ ފަންސަަވީސް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އެވެރެޖުކޮށް ކޮންމެ ދުވަހަކު 5،560 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ރާއްޖެއަށް އައި ފަަތުރުވެރިން 7 ދުވަހަށްވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރި އެވެ.
ބެޑްނައިޓްސްގެ ހިސާބުތައް ހާމަކުރަނީ މަރުކަޒީ ބޭންކުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުގަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ބެޑް ނައިޓްސްވަނީ ފާއިތުވި އަހަރަށްވުރެ %6.8 އިން އިތުރުވެފަ އެވެ.
ޓޫރިޒަމް ދާއިރާއިން ދައުލަތށް އެންމެ ބޮޑު އާމުދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި މުދަލުން ނަގާ ޓެކުހުންނެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަަރުގެ ޖުލައި މަަހުގެ ނިޔަލަށް 5.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 5.5 ބިލިއަނަށްވުރެ 33.8 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުން ސީދާ ދައުލަތަށް އާމުދަނީ ލިބޭ އަނެއް ގޮތަކީ ގުރީން ޓެކުހެވެ. ގުރީން ޓެކުހުގެ ގޮތުގައި 632 މިލިއަން ރުފިޔާ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ލިބުނުއިރު އެއީ ނިމުނު އަހަރާ އަޅާބަލާއިރު ތިން އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިން ބޮޑު ބައެއް ހިއްސާކުރާ އެއާޕޯޓް ޑިވެލޮޕްމެންޓު ފީގެ ގޮތުގައި މި އަހަރު ލިބުނު އާމުދަނީވަނީ ނިމުނު އަހަރަށްވުރެ 3.8 އިންސައްތަ އިތުރުވެފަ އެވެ.
މި ހުރިހާ ހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ނިމުނު އަހަރަށްވުރެ ރަނގަޅެވެ. ފަތުރުވެރިން އައި އަދަދާއި ބެޑް ނައިޓްސްއާއި އެ ސިނާއަތުން ދައުލަތަށް ލިބުނު އާމުދަނީވެސް އިތުރުވެފައިވެ އެވެ.
އިގުތިސާދުގައި ދިރުންހުރި މިންވަރު ވަޒަންކުރަން ބަލާއިރު ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް އަންނަ މިންވަރަކީވެސް އިގުތިސާދުގައި ދިރުންހުރި މިންވަަރު ބެލުމަށް ރަނގަޅު މިންގަނޑެކެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިތުބާރުކުރާކަން ނުވަތަ ނޫންކަން އިންވެސްޓުމެންޓުތައް އަންނަ މިންވަރަށް ބެލުމުން އެނގޭނެ އެވެ.
"މިރާ"އިން އެދިގެން އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖޭގައި 76 އަށްވުރެ ގިނަ ބޭރުގެ އިންވެސްޓުމެންޓު ރަޖިސްޓަރީކޮށްފަައިވެ އެވެ. އެއީ ޖޫން މަހުގެ ނިޔަލަށެވެ. އެ އިންވެސްޓުމެންޓުތަކުގެ އަގު 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ބޭރުގެ އިންވެސްޓުމެންޓުތަކުގެ ބޮޑު ބައަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރަން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކެވެ. އެ ސިނާއަތަށް އިންވެސްޓުކުރަން 60 އަށްވުރެ ގިނަ އިންވެސްޓުމެންޓު ޖޫންގެ ނިޔަލަށް ރަޖިސްޓަރީކޮށްފއިވެ އެވެ. އެއީ 767 މިލިއަން ޑޮލަރަށްވުރެ އަގު ބޮޑު އިންވެސްޓުމެންޓުތައްކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.
މިފަދަ ބައެއް އިންވެސްޓުމެންޓުތަކުގެ މަސައްކަަތް މިހާރުވެސް ދަނީ ކުރިއަށެވެ. ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެންނަވާ ދިވެހި ވިޔަފާރިވެރިއެއް ނަން ހާމަނުކުރާ ގޮތަށް "މިރާ"އަށް މައުލޫމާތު ދެއްވި ގޮތުގައި އޭނާގެ ކުންފުނިން އެކަނިވެސް 100 މިލިއަން ޑޮލަރަށްވުރެ އަގުހުރި ޓޫރިޒަމް ޕްރޮޕަޓީތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ޔޫރަޕާއި މިޑްލް އީސްޓްގެ އިންވެސްޓަރުން އެބަ އުޅުއްވާ މިހާރުވެސް ޕްރޮޕާޓީ ޑިވެލޮޕްކުރެއްވުމުގައި. ރާއްޖޭގެ ޓޫރިޒަމަކީ މިހާރުވެސް ލުކްރޭޓިވް އިންވެސްޓުމެންޓު އޮޕަޗުނިޓީއެއްކަމަށް އިންވެސްޓަރުން ގަބޫލުކުރޭ. މި އިންވެސްޓަރުންގެ ތެރޭގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބްރޭންޑުތަކާއި ހޮޓާ ޗެއިންތައް ހިމެނޭ. އެމީހުން ރާއްޖެއަށް އިންވެސްޓުކުރަނީ އިގުތިސާދަށް އިތުބާރު އޮތީމަ. ކޮންފިޑެންސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ވިޔަފާރިވެރިޔަކު ފާހަގަކުރެއްވީ ދައުލަތުގެ މާލީ ހާލަތުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް އިގުތިސާދުގެ މައިގަނޑު ސެކްޓާތަކުގައި ވިލުންތެރިކަން ހުރި ކަމެވެ. ޓޫރިޒަމް ކުރިއަރާނަމަ އިގުތިސާދުގެ އެހެނިހެން ދާއިރާތައް ކުރިއަރާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ހިދުމަތާއި މުދަލުގެ އަގު އެއްކޮށްލުމުން އަންނަ ގައުމީ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)އަކީ އިގުތިސާދީ ކުރިއެރުން ވަޒަންކުރުމުގައި އިގުތިސާދީ މާހިރުން އެންމެ ބޮޑަށް ބަރޯސާވެލައްވާ މިންގަނޑެވެ. މި މިންގަނޑުން ބަލާއިރު އިގުތިސާދު ބޮޑުތަނުން މަޑުޖެހޭތަން ފެނޭ ހެއްޔެވެ؟ ނުވަތަ އިގުތިސާދު އަންނަނީ ކުރިއަރަމުން ހެއްޔެވެ؟
ފާއިތުވި އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހުރީ ކުރިން އަންދާޒާކުރެވުނު މިންވަރަށްވުރެ ދަށްކޮށެވެ. އަހަރު ނިމުނުއިރު ރާއްޖޭގެ ޖީޑީޕީ އިތުރުވީ 4.1 އިންސައްތައިންނެވެ. އެއީ އެ އަހަރަަށް ލަފާކުރި މިންވަރަށްވުރެ 4.6 ޕަސެންޓު ޕޮއިންޓު ދަށް ކުރިއެރުމެކެވެ. ސަބަބަކީ ފަތުރުވެރިކަމަށް އައި ހީނަރުކަމެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް އައި ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވި އެވެ. އަދި ބެޑް ނައިޓްސްއާއި އެވެރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަސްތައްވެސް ނިމުނު އަހަރަށްވުރެ ނިސްބަަތުން އިތުރުވި އެވެ. ނަތީޖާއެއްގެ ގޮތުން އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޖީޑީޕީ 9.8 އިންސައްތައިން ކުރިއެރި އެވެ. އެއީ ފާއިތުވި އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ ކުރިން މި އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ބޮޑުވާނީ ނުވަތަ ފުޅާވާނީ 5.5 އިންސައްތައިންކަމަށް ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގައި އަންދާޒާކުރެވުނު ނަމަވެސް މިހާރު އަންދާޒާކުރެވެނީ 4.9 އިންސައްތައިން ޖީޑީޕީ ބޮޑުވާނެ ކަމަށެވެ.
ގައުމެއްގެ އެތެރޭގެ އިގުތިސާދީ ހަރަކާތް ރަނގަޅަށް ހިނގާނަމަ އެ ގައުމަކަށް މުދާ އެތެރެކުރާ މިންވަރު އިތުރުވެ އެވެ. ހާއްސަކޮށް މުދާ ނުއުފައްދާ ގައުމުތަކުގެ އިގުތިސާދު ރަނގަޅުނަމަ މުދާ އެތެރެކުރާ ނިސްބަތް މަތިވެ އެވެ.
އެމްޕީއެލްގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ކާގޯ އެތެރެކުރީ 2018 ވަނަ އަހަރު އެވެ. އެ އަހަރު 20 ފޫޓާ އެއްވަރުގެ ޔުނިޓު އެތެރެކުރި މިންވަރަކީ އެވެރެޖުކޮށް މަހެއްގެ މައްޗަށް 5،250 ޔުނިޓު ނުވަތަ ޓީއީޔޫ އެވެ. އޭގެ ފަހުން އެ އަދަދަށް އެއްވެސް އަހަރެއްގައި މުދާ އެތެރެކޮށްފައިނުވެ އެވެ.
ނަމަވެސް މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި ކޮންޓެއިނާ ކާގޯގެ ޓީއީޔޫގެ އަދަދު އެވެރެޖުކޮށް މަހެއްގެ މައްޗަށް 5،375 ޓީއީޔޫއަށް އިތުރުވެފައިވެ އެވެ. އަދި ޖެނެރަލް ކާގޯ އިތުރުކުރި މިންވަރު މަހެއްގެ މައްޗަށް އެވެރެޖުކޮށް 12،625 ޓަނަށް އަރާފައިވެ އެވެ. ފާއިތުވި 2023 ވަނަ އަހަރު އެ އަދަދު ހުރީ މަހެއްގެ މައްޗަށް 9750 ޓަނުގަ އެވެ.
މިއިން އެނގެނީ ރައީސް މުއިއްޒުގެ ޒައާމަތުގައި އިގުތިސާދުގެ ޑިމާންޑު ސައިޑަށް އުނިކަމެއް ނާންނަ ކަމެވެ. މާނައަކީ ފަރުދުންނާއި ވިޔަފާރިތަކުން މުދާ ކޮންޒިއުމްކުރާ މިންވަރު ދަށްވެ، އިގުތިސާދީ ހަރަކާތް މަޑުޖެހިފައިނުވުމެވެ.
ރާއްޖެ ފަދަ ކުދި ގައުމުތަކުގައި އިގުތިސާދުގެ އިންޖީނަކީ ސަރުކާރެވެ. ސަރުކާރުން މަޝްރޫއުތައް ހިންގައި ވިޔަފާރިތަކަށް ފައިސާ ދޫކުރުމުން އިގުތިސާދުގައި އެފައިސާ ދައުރުވެ އަނބުރާ ދައުލަތުގެ ހަޒާނާއަށް ޓެކުހުގެ ގޮތުގައި އެ ފައިސާ ވަދެ އެވެ. މިއީ ސިކްލިކް އިކޮނޮމިކް ތިއަރީ އިގުތިސާދީ ވަށްބުރުގެ ނަޒަރިއްޔާގެ އަސާސެވެ.
ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ބިލުތައް ދެއްކުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެކަމުން އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ނަމަވެސް މަތީގައި ބަޔާންކުރެވުނު ހަގީގަތްތަކުން އެނގޭ ކަމަކީ ދިވެހި ފަތުރުވެރިކަން އޮތީ ވަރަށް ދުޅަހެޔޮކޮށް ކަމެވެ. އެކަމުގެ ސަބަބުން އިގުތިސާދުގައި ވިލުންތެރިކަން އެބަހުރި ކަމެވެ.
އެހެންކަމުން މާލީ ދަތިތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިން އަންދާޒާކުރި ވަރަށް ބޮޑުނުވެ ޖީޑީޕީ ފުޅާވުން މަޑުޖެހިފައިވެ އެވެ. ނަމަވެސް އިގުތިސާދު އޮތީ ވިލުންތެރިކޮށެވެ. އިގުތިސާދާމެދު އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނީ ރިސެޝަނެއް ނުވަތަ އިގުތިސާދީ މަޑުޖެހުމެއް އަތުވެއްޖެނަމަ އެވެ. މިހާތަނަށް އެފަދަ މަޑުޖެހުމެއްގެ އަލާމާތެއް ނުފެނެ އެވެ.
މާލީ ދަތިތައް ކުރިމަތިވެފައި އޮތުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ފިޗުން ދަށްކުރި އެވެ. އެއީ ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު ދަރަނި ނެގުމަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމެކެވެ. ނަމަވެސް ފިޗުންވެސް އެއްބަސްވާ ކަމެއް އެބައޮތެވެ. އެއީ މި އަހަރުގެ ފަހު ކުއާޓާގައި ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމުގެ ގާބިލުކަން ދައުލަތުގައި ހުރި ކަމެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ ދެ މިލިއަން ޑޮލަރު ހުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ޖޫން މަހުގެ ނިޔަލަށް 60 މިލިއަން ޑޮލަރު ޖަމާކުރެވިފައި ހުރިކަން ފިޗުން ފާހަގަކުރި އެވެ. އަދި އެއީ މި އަހަރުގެ ފަހު ކުއާޓާގައި ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި ދަތިކަމެއް ނެތި އަދާކުރެވޭ މިންވަރުގެ ފައިސާކަން ފިޗުން ފާހަގަކުރެ އެވެ.
ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވެސް ދެއްވަނީ އެ ޔަގީންކަމެވެ. މި އަހަރުގެ ބާކީ އޮތް ތަނުގައި ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރެވޭނެ ކަމުގެ ޔަގީންކަމެވެ. އަދި ރާއްޖެ ޑެފޯލްޓުވުމުގެ އިހުތިމާލެއް ނެތް ކަމެވެ.
މަތީގައި ބަޔާންކުރެވުނު ހުރިހާ ހަގީގަތްތަކެއް ބުނެދޭ ވާހަކައަކީ މާލީ ގޮތުން ދައުލަތަށް ދަތިތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް ރާއްޖޭގެ އިގުތިސާދުގައި ވިލުންތެރިކަން ހުރި ކަމެވެ. ދަރަނި އަދާނުކުރެވި ބަނގުރޫޓުވުމުގެ ފުރުސަތު ނެތް ކަމެވެ. އަދި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރެވި ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާން ފެށުމުން އިގުތިސާދަށް އިތުރު ދިރުން ލިބޭނެ ކަމެވެ. ދިރިދިރި އޮތް އިގުތިސާދު ބާރު ދުވެލީގައި ހިނގައިގަންނާނީ އިގުތިސާދުގެ އިންޖީނުގައި ހުރި ދަމިލައާއި ދަނބަރު ފިލުވައި ތެޔޮ ޖަހައިލާ ރަނގަޅަށް ދުއްވައިލުމުންނެވެ. އެއީ މާލީ އިސްލާހުތައް ތަަންފީޒުކުރުމެވެ.