ދިވެހިންގެ ތަބީއަތަކީ މިނިވަންކަމުގައި ދެމިތިބުން، އެއީ ސިޔާސަތުގެ ބިންގާ: ރައީސް

"ދިވެހިންގެ ތަބީއަތަކީ އަބަދުވެސް މިނިވަންކަމުގެ މަތީގައި ދެމިތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތުގެ ބިންގަލަކީ އެއީ." ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ ތަބީއަތަކީ ހުރިހާ ހާލަތެއްގައިވެސް މިނިވަންކަމުގެ މަތީގައި ދެމިތިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަދައްކަވަމުން ރައީސް ވަނީ ދިވެހި ތާރީހުގެ ތެރެއިން ފާހަގަކުރެވޭ ބައެއް ހަގީގަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފަ އެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ ޒަމާނުއްސުރެ ރާއްޖެއަށް ގޯނާކުރުމަށް ބޭރުގެ ބާރުތަކުން އެކި މިންވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަބަދުވެސް ދިވެހިން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރިކަން ފާހަގަކުރައްވަމުން ރައީސްވަނީ ކޮންމެ ދިވެއްސަކު އަމިއްލަ ނަފުސާ ކުރަންޖެހޭ ސުވާލުތަކެއް ފާހަގަކުރައްވާފަ އެވެ. 

"މާކަނޑެއްގެ މެދުގައި ދިވެހިރާއްޖެ ދިފާއުކޮށްގެން ދިވެހިންނަށް މިހާ ދުވަހު ތިބެވުނީ ކޮންކޮން ސަބަބުތަކެއް އެކަމުގައި ހުރެގެންތޯ؟ ހަމަ އެއްވެސް ބާރަކުން ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވާއިރަށް އެބައެއްގެ ވަރަ ބިންދައިލުމުގެ ތޫނުކަމާއި އެ ހިތްވަރު މިތިރި ރަށްތަކުގައި ދިރިއުޅު ކާބަފައިން ލިބިގަތީ ކިހިނެއްބާ؟،" ރައީސް ވިދާޅުވި އެވެ. 

ބޮޑު ރަސްގެފާނު މާލެ ވަށައި ރޭނުއްވި ފާރާއި، ބެހެއްޓެވި ބޮޑު ބަނޑިތަކާއި މިހާރު ދާރުލްއާސާރު ކުރިމަތީގައި ހުރި އާސާރީ ބަނޑިތަކުން ދިވެހިރާއްޖެއަށް ބޭރުގެ ބާރުތަކުން އަބަދުވެސް ކަޅިއަޅަމުންދިޔަކަން ފެންނަން އޮތް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެތަރިކަތައް ސާބިތުކޮށްދެނީ ދިވެހިންގެ ކާބަފައިންނަކީ ހުރިހާ ޒަމާނެއްގައި ހުރިހާ މާނައެއްގައި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރެއްވި ބައެއްކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ހަމައެހެންމެ އަޅުގަނޑުމެންގެ ރާއްޖެއަކީ ދުނިޔޭގެ ވާދަވެރިކަމުގައި ހަމަލާތައް އަމާޒުވާ، އަދި އެ ހަމަލާތައް ރޫޅާލައި ބަޔަކު އުޅޭ ރާއްޖެއެއްކަން.،" ދުނިޔޭގެ އެކި ބާރުތަކުން ރާއްޖެއަށް ކުރިމަތިކުރާ ހަމަލާތަކާ ގުޅިގެން ރައީސް ވިދާޅުވި އެވެ. އަދި މިސާލެއްގެ ގޮތުން ޕޯޗުގީޒުން ރާއްޖެއަށް ދިން ހަމަލާއަށް އަލިއަޅުވައިލެއްވި އެވެ. 

ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުންކަމަށާއި، ދިވެހިންގެ ތަބީއަތަކީ މިނިވަންކަންމަތީ ދެމިތިބުން ކަމަށާއި، އެއީ އެމަނިކުފާނުގެ ހުރިހާ ސިޔާސަތުތަކެއްގެ އަސާސްކަމުގައި ރައީސް ވިދާޅުވި އެވެ. 

"ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަަލުން. ދިވެހިންގެ ތަބީއަތަކީ އަބަދުވެސް މިނިވަންކަމުގެ މަތީގައި ދެމިތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތުގެ ބިންގަލަކީ އެއީ. އެހެންވެ މިއަދު ދިވެހިރާއްޖޭގައި ބޭރުގެ ސިފައިން ނެތީ. އެހެންވެ މިއަދު އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ކަނޑުތައް ބެލެހެއްޓުމަށް އުޅަނދުތައް އުދުހެނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކުރައްވައި އެ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރައްވާ ސަބަބަކީ ރާއްޖެ މިނިވަންކަމަތީގައި ދެމެހެއްޓުމުގެ މަތިވެރި މަގުސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.