އިންވެސްޓަރުންނަށް ރެޒިޑެންސީ ދޭ ޕްރޮގުރާމެއް ތައާރަފުކުރަން މަޝްވަރާކުރަނީ

މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ތާވަލުކޮށްފައިވާ އަނެއް ކަމަކީ އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ފަށާ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

އިންވެސްޓަރުންނަށް ރެޒިޑެންސީ ނުވަތަ ރަށްވެހިކަން ލިބިދޭ ޕްރޮގުރާމެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް އޮފީހުގެ މީޑިޔާ ޕްލެޓުފޯމުތަކުގެ ޒަރީއާއިން ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރާއްޖޭގެ އިގުތިސާދާ ގުޅުންހުރި މުހިއްމު އެތައް ކަމަކާ މަޝްވަރާކުރަން ތާވަލުކޮށްފައިވާ ކަމަށެވެ. 

އެގޮތުން ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމާ ގުޅޭ ގޮތުން ބޮޑެތި ނިންމެވުންތަކެއް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވަން ތާވަލުކޮށްފައި ހުރިކަން ހާމަކުރެއްވި އެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏެއް އެއްކޮށްލުމާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަން ރައީސް ހާމަކުރެއްވި އެވެ. 

އެއީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި އެމްއޭސީއެލް އެއްކޮށްލުމުގެ އިތުރަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެނައުމެވެ. މި ކުންފުނިތައް އެއްކޮށްލުމުން ރައްޔިތުންނަށް ވަރަށް ބޮޑު މަންފާއެއް ލިބޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

އެކަންކަމުގެ އިތުރަށް މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ތާވަލުކޮށްފައިވާ އަނެއް ކަމަކީ އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން ފަށާ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުކަމަށް ރައީސް ވިދާޅުވި އެވެ. 

"ކުދި ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، ދުބާއީ ސިންގަޕޫރު ފަދަ ބައެއް ގައުމުތަކުގައި ކަންކުރާ ގޮތަށް، އިގުތިސާދު ޑައިވަސިފައި ކުރުމަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމެއް ތައާރަފުކުރުން، މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުން،" މިއަދު ކެބިނެޓުގައި ހިނގާނެ ބައެއް މަސައްކަތްތައް ތަފުސީލުކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ. 

އިންވެސްޓާ ރެޒިޑެންސީއަކީ ކޮބާ؟

އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާއެއް ދިނުމެވެ. ރެޒިޑެންސީ ވިސާއަކީ އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދޫކުރާ ދިގު މުއްދަތުގެ ވިސާއެކެވެ. 

އެކުވެރި އަރަބި އިމާރާތުގައި ދެ މިލިއަން ދިރުހަމާ އެއް އަދަދަށް ހަ މަސްދުވަހުގެ މުއްދަތަކަށް އިންވެސްޓުކުރުމުން ދިހަ އަހަރު ދުވަހުގެ ރެޒިޑެންސީ ވިސާ ލިބެ އެވެ. އޭގެ އިތުރަށް ޓެކުސް ދެއްކުމުގައި ލިބޭ ލުއިތަކާއި އެ ގައުމުގައި ދިރިއުޅުމަށް ލިބޭ ފަސޭހަތަކެއްވެސް އެ ޕްރޮގުރާމުގެ ދަށުން އިންވެސްޓަރުންނަށް ލިބެ އެވެ.  

އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުންދާ ޕްރޮގުރާމުތަކެކެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގަައުމުތަކާއި އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކުގައި މި ޕްރޮގުރާމު އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މޮލްޓާއާއި މޮނާކޯއާއި ހޮންކޮންގު ފަދަ ކުދި ގައުމުތައްވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.