ޖުލައި މަހުގެ ފަތުރުވެރިކަން | ފަތުރުވެރިންވީ ގިނަ، ބެޑްނައިޓުވެސް މައްޗަށް

ނިމުނު އަހަރުގެ ޖުލައި މަހަށްވުރެ މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވިއިރު، ބެޑްނައިޓުވަނީ 16 އިންސައްތައިން އިތުރުވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާ ފަތުރުވެރިންތަކެއް، ފޮޓޯ: ސަން

ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، ފަތުރުވެރިން އައި އަދަދާއި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި މުއްދަތުވެސް ނިމުނު އަހަރަށްވުރެ އިތުރުވެއްޖެ އެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މަހަކު އެއްފަހަރު އާންމުކުރާ އިގުތިސާދީ އަދާހަމަ ރިޕޯޓުގައި ބަޔާންކޮށްފއިވާ ގޮތުން ޖުލައި މަހުގައި އެކަނި 167،528 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އެއީ 2023 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. 

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ބެޑްނައިޓުވެސް ފާއިތުވި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވެ އެވެ. އެގޮތުން ރިސޯޓުތަކުގެ ބެޑްނައިޓު ނިމުނު އަހަރަށްވުރެ މި އަހަރުގެ ޖުލައި މަހު އިތުރުވުމުގެ ސަބަބުން ބެޑްނައިޓު 16 އިންސައްތައިން އިތުރުވެފައިވެ އެވެ. 

ޖުލައި މަހު ރިސޯޓުތަކުގެ ބެޑްނައިޓުވަނީ 2023 ގެ ޖުލައި މަހާ އަޅާބަލާއިރު 26 އިންސައްތަ އިތުރުވެފަ އެވެ. ނަމަވެސް ގެސްޓުހައުސްތަކުގެ ބެޑްނައިޓުގެ އަދަދުވަނީ 16 އިންސައްތަ ދަށްވެފަ އެވެ. 

އެ މަހު ފަތުރުވެރިން އައި މިންވަރު އިތުރުވީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަައިން އަންނަ ބާޒަރުތައް ކަމުގަައިވާ ޔޫރަޕާއި ޗައިނާ އަދި ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ޖުލައި މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ ޗައިނާއާއި، ރަޝިޔާއާއި، އިނގިރޭސިވިލާތާއި ޖަރުމަނާއި އިންޑިޔާ އެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގެ ބެޑް ކެޕޭސިޓީއާއި އޮކިއުޕަންސީ ރޭޓު ނުވަތަ ލިބެންހުރި އެނދުގެ ތެރެއިން ފަތުރުވެރިން ބޭނުންކުރި އެނދުގެ އަދަދުވެސް ނިމުނު އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. 

  • ނިމުނު އަހަރު 48 އިންސައްތައިގަަ ހުރި އޮކިއުޕަންސީ ރޭޓު މި އަހަރު 54 އިންސައްތައަށް މަތިވި
  • ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ މި އަހަރުގެ ޖުލައިގައި ނިމުނު އަހަރަށްވުރެ 945 އެނދު އިތުރުވި

މި އަހަރުގެ ޖަނަވަރީން ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވިއިރު އެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ބެޑްނައިޓު 7 އިންސައްތަ އިތުރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.