ޝިމާދު ވިދާޅުވީ މިފްކޯއާ ހިލާފަށް ފެނަކައިން ކުރާ މަސައްކަތްތައް ގުޅިފައިވަނީ އެސްޓީއޯ އެވެ. އެހެންވެ އާ ފުރުސަތުތަކެއް ފެނިގެންދާނެ އެވެ.
އެސްޓީއޯ އަށް ފެނަކަ ކުންފުންޏަކީ ރަނގަޅު އެސެޓެއް ކަމަށާ، އެ ކުންފުނި ސަބްސިޑަރީއަކަށް ހެދުމާއެކު އިންވެސްޓްމަންޓް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯ އިން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅައި ފެނަކަ ކޯޕަރޭޝަން ސަބްސިޑަރީއެއްގެ ގޮތުގައި ހެދުމާ ބެހޭ ގޮތުން މިއަދު މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ އެ ކުންފުނިން ދެކޭ ގޮތުގައި އެސްޓީއޯ އާއި ފެނަކަ ގުޅުމާއެކު އިތުރު ފުރުސަތުތަކެއް އުފެދިގެން ދާނެ ކަމަށް ދެކެވަޑައިގަންވަ އެވެ.
"އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުނި. ފެނަކައަކީ އެންމެ ގިނަ ރަށްރަށުގައި ކަރަންޓު އުފައްދާ ކުންފުނި. ހާއްސަކޮށް ޑީސަލް. އެހެންވެ ފެނަކައާއި އެސްޓީއޯއާ ގުޅުމުން ސިނާޖީއެއް އުފެދިގެންދާނެ، މުސްތަގުބަލުގައި ފޮސިލް ފިއުލް މަދު ކުރުން. މި ގުޅުމާއެކު ރިނިއުބަލް އެނާޖީއަށް ދިއުން. އެއީ ވިންޑްކަމަށް ވިޔަސް ނޫނީ ވޭވް ކަމަށް ވިޔަސް،" ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ދެ ކުންފުނި ގުޅުމާއެކު ފެނަކައަކީ ރަނގަޅަށް ހިނގާ ކުންފުންޏެއްގެ ގޮތުގައި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލުވާނެ ކަމަށް އުންމީދު ކުރެވެ އެވެ. އަދި އެސްޓީއޯއަކީ މި ވަގުތު ވެސް ގިނަ ސަބްސިޑަރީ ތަކެއް އޮތް ކުންފުންޏެއް ކަމަށާ އެހެންކަމުން މި ތަޖުރިބާގެ ބޭނުންކޮށްގެން ގިނަ ފައިދާ ތަކެއް ހޯދޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
ފެނަކައަކީ މި ވަގުތު ސަރުކާރު ކުންފުންޏެއްގެ ގޮތުން އެންމެ ބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި 4.3 ބިލިއަން ރުފިޔާގައި ހުރިއިރު އެސްޓީއޯގެ ދަރަނި ދެ ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި ދަރަނި އަދާ ކުރުން ނުވަތަ ސޯލް ކުރުމަށް ގެންގުޅޭ ޕްލޭންތަކާ ބެހޭ ގޮތުން "މިރާ" އިން ނޫސް ކޮންފަރެންސުގައި ކުރި ސުވާލަކާ ގުޅިގެން އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި ފެނަކައިގައި އޮތް އެސްޓީއޯގެ ދަރަނި މަތިވެގެން ދިޔައީ އެ ކުންފުނިން ވަކި ހިސާބުން ފައިސާ ދެއްކުން ހުއްޓާލުމުން ކަމަށާ ނަމަވެސް މިހާރުގެ ފެނަކައިގެ މެނޭޖުމަންޓާ ހަމައިން އެ ދަރަނި އިތުރުވުން ވަނީ މަޑު ޖެހިފަ އެވެ.
"މިހާރު އެކޮޅަށް [ފެނަކަ] އަށް ދެއްކޭ ވަރަކަށް ޕްލޭނެއްގެ ދަށުން ދަރަނި ދައްކަމުން އެބަދޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރަނީ ކުންފުނި ބަދަލު ކުރެވިގެން މި އަންނަ އެފިޝަންސީއާއި ރިޑިއުސްވާ ކޮސްޓުން ދަރަނީގެ ބޮޑުބައި ދިގު ރާސްތާއެއްގައި ރިބައުންޑް ކުރެވޭނެ ކަމަށް،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ އާއި ފެނަކައާ ތަފާތަކީ ފެނަކައަކީ އެސްޓީއޯއާ ކޮމްޕްލިމެންޓް ކުރާ ކުންފުންޏަކަށްވުމެވެ. އަދި މިފްކޯ އަށް ވުރެ ފެނަކަ ކޯޕަރޭޝަންގެ ބެލެންޝީޓުގެ ދުޅަހެޔޮކަން ރަނގަޅުކަމަށް ފެންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ ވިޔަފާރީގެ ކުރިއަށް އެޅޭނެ ފިޔަވަޅެއް ފެނަކަ މާޖް ކުރުމަކީ. މިފްކޯއަކީ ގުޅުންހުރި ވިޔަފާރިއެއް ނޫން. އެހެންވެ މި ދެ ކޭސް ތަފާތު،" ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯ އާއި ފެނަކަ އެއްކޮށްލުމާއެކު މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ރަސްމީކޮށް ފެނަކަ ޓޭކްއޯވަ ކުރާނީ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތަށް ހަދަނީ މާލީ އާއަހަރެއްގެ އެއްވަނަ ދުވަހު ފެށުމާއެކު ދެ ކުންފުނި އެއްކޮށްލުމުން އެކައުންޓިން ހިސާބު ކިތާބު ބަލަހަޓަން ފަސޭހަވުމެވެ. ފެނަކަ އާއި އެސްޓީއޯ އެއްކޮށްލުމާއެކު ފެނަކަ އިން އިތުރަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ހަދަން ވެސް ފައިނޭންޝަލް ފެސިލިޓީ ހޯދުންފަދަ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެމްޑީ ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ އެންމެ ފުރަތަމަ ކުރާނެ ކަމަށާ ފެނަކައިގެ އަސްލު ސައިޒަށް ކުންފުނި ގެނުން ކަމަށާ ކުންފުނީގެ "ރައިޓް ސައިޒް" އެނގޭނީ މަސައްކަތްކޮށްގެންނެވެ. މި ވަގުތު އެސްޓީއޯގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެ އެވެ.
"ރައިޓް ސައިޒަކީ ކޮބައިކަން އެނގޭނީ މަސައްކަތް ކޮށްލީމަ. އަޅުގަނޑުމެންވެސް ބޭނުމެއް ނުވޭ ޒުވާން ވޯކްފޯސްއެއް ކަމެއް ނުކޮށް ތިބޭކަށް. އެހެންވެ މުވައްޒަފުންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފާނަން،" ޝިމާދު ވިދާޅުވި އެވެ.