ޕީއެންސީގެ ރައްދު | ކުރިންވެސް މި ހާލަތު އަންނާނެ ވާހަކަ ބުނިން، ފިޔަވަޅު ނޭޅީ އެމްޑީޕީން

ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން، ފޮޓޯ: ޕީއެންސީ

މިއަދު ކުރިމަތިވެފައި އޮތް މާލީ ހާލަތު އަތުވެދާނެތީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ކުރިންވެސް އިލްތިމާސްކޮށް މި ހާލަތު އަތުވެދާނެކަމުގެ އިންޒާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ދިނުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅީ ކުރީގައި އޮތް އެމްޑީޕީގެ ސަރުކާރުންކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފި އެވެ. 

ޕީއެންސީ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވީ އެއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީ/ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އެ ޕާޓީގެ ލީޑާޝިޕުގެ ލަފާފުޅުގެ މަތިން މާލީ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. 

އެގޮތުން ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އަމަލުކުރުން މެދުކަނޑައިލުމަށްފަހު، ފައިސާ ޗާޕުކުރަން ފެށި ކަމަށެވެ. އެއިރު މަޖިލީހަށް ހުށަހެޅީ އެއް އަހަރުގެ މުއްދަތަކަށް ބައިވަރު ޝަރުތުތަކާއެކު ފައިސާ ޗާޕުކުރަން ކަމަށްވީ ނަމަވެސް 2020 ވަނަ އަހަރުގައި ދިން ހުއްދައިގެ މުއްދަތު ހަމަވުމުން ޖެހިގެން އައި އަހަރު އަދި އޭގެ ފަހުން 2023 ގެ ޑިސެންބަރާ ހަމައަށް ފައިސާ ޗާޕުކުރަން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލިސް މެދުވެރިކޮށް އެއިރުގެ ސަރުކާރުން ހުއްދަ ނެގިކަން ސައީދު ފާހަގަކުރެއްވި އެވެ. 

ސައީދު އިތުރަށް ވިދާޅުވީ އެއްވެސް ހިފަހެއްޓުމެއްނެތި ޖެހިޖެހިގެން ތިން އަހަރު ސަރުކާރުން ފައިސާ ޗާޕުކުރަން ފެށުމުން އެކަން ނުކުރުމަށް ތަކުރާރުކޮށް އެއިރުގެ ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ އަރިހުގައި ދަންނަވަމުން އައި ކަަމަށެވެ. އެގޮތުން އެކި ތާރީހުތަކުގައި ފިނޭންސް މިނިސްޓްރީއަށް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ފޮނުއްވި ސިޓީތައް ނޫސްވެރިންނަށް މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި ސައީދު ދައްކަވައިލެއްވި އެވެ. 

"އަޅުގަނޑުމެން އެއިރު ދެއްކި ވާހަކަތަކުގެ ތެރޭގައި، މިކަންކަން މިގޮތަށް ނުކުރާށާ ކިޔާފައި ފޮނުވި ސިޓީތައް މިހުރީ. އަޅުގަނޑުމެން ޕާޓީގެ ލީޑާޝިޕުގައި މަޝްވަރާކޮށްގެން އެއިރު މަޖިލީހުގައި ކިޔައިދެމުންދިޔައީ ޕާޓީގެ ވިސްނުން. ފައިސާ ޗާޕުނުކުރާށޭ. ކޮންމެވެސް ހިސާބަކުން މި ހާލަތު އަޅުގަނޑުމެންނާ ބައްދަލުކުރާނޭ [ބުނިން]،" ސައީދު ވިދާޅުވި އެވެ. 

ސައީދު އިތުރަށް ވިދާޅުވީ މިހާތަނަށް ދައުލަތަށް ދުވާލަކު އާމްދަނީގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރުކަމަށްވީ ނަމަވެސް ދުވާލަކު 12 މިލިއަން ޑޮލަރު ހަރަދުވުމުގެ ސަބަބުން ކޮންމެ ދުވަހަކު ދަރަނީގެ ސްޓޮކަށް އަށް މިލިއަން ޑޮލަރު އިތުރުވަމުން އައި ކަމަށެވެ. އެގޮތަށް އެކަން ނުބޭއްވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ކުރީ ސަރުކާރަށާއި އޭގެ ކުރީ ސަރުކާރަށްވެސް އިރުޝާދު ދީފައިވާ ކަމަށެވެ. 

ނަމަވެސް ކުރީ ސަރުކާރުތަކުން އެ އިރުޝާދަށް އަޅައިނުލާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ މާލީ އިދާރާތަކުން ގަބޫލުކުރާ މިންގަނޑުތަކަށް ދައުލަތުގެ މާލީ ހާލަތު އަނބުރާ އިއާދަކުރުމުގެ މަސައްކަތް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.