ނޮވެންބަރު މަހުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުވާން ފަށައި ރިޒާވް އިތުރުވާނެ: ރައީސް

"އިގުތިސާދީ ގޮތުން ވަރަށް ފުން އަނދަވަޅަކަށް ވައްޓާލާފައި އޮތީ. އެއީ އަޑި ނޭނގޭ ފުން އަނދަވަޅެއްކަން އަޅުގަނޑުމެންނަށް އިހުސާސްވީ އެ މަސައްކަތް ރަނގަޅު މަގުން ހިންގަން ފެއްޓީމާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ޕީއެންސީ

އަންނަ ނޮވެންބަރު މަހާ ހިސާބުން ފަށައިގެން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ސަރުކާރުގެ ހިންގުން ބައްޓަންކޮށް މާލީ އަދި އިގުތިސާދީ ކަންކަން ހަރުދަނާ އަސާސްތަކެއްގެ މަތީގައި ބިނާކުރުމަށް ކަމަށެވެ. 

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ އިގުތިސާދީ ގޮތުން ވަރަށް ފުން އަނދަވަޅަކަށް ވައްޓާލާފަ އެވެ. އަދި އެ އަނދަވަޅަކީ އަޑީ ނޭނގޭހާ ފުން އަނދަވަޅެއްކަން އިހުސާސްކުރެއްވުނީ އިގުތިސާދީ މަސައްކަތްތައް ރަނގަޅު މިސްރާބަށް އަނބުރައިލެއްވުމުގެ މަސައްކަތް ފެއްޓެވުމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އިގުތިސާދީ ގޮތުން ވަރަށް ފުން އަނދަވަޅަކަށް ވައްޓާލާފައި އޮތީ. އެއީ އަޑި ނޭނގޭ ފުން އަނދަވަޅެއްކަން އަޅުގަނޑުމެންނަށް އިހުސާސްވީ އެ މަސައްކަތް ރަނގަޅު މަގުން ހިންގަން ފެއްޓީމާ،" ރައީސް ވިދާޅުވި އެވެ. 

އިގުތިސާދު އެހައި ފުން އަނދަވަޅަކަށް ވެއްޓުނު މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެންމެ ފަސް އަހަރުގެ ތެރޭގައި 8،000 މިލިއަން/ އަށް ބިލިއަން ރުފިޔާ ޗާޕުކުރުމާއި ބޮޑެތި އިންޓަރެސްޓުތަކުގައި ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގުމެވެ. އަދި ކޮވިޑުގެ ތެރޭގައި އެތައް ފައިސާއެއް އިސްރާފުކޮށް ވައްކަން ކޮށްފައިވުމަކީވެސް އިގުތިސާދު އަނދަވަޅަކަށް ވެއްޓުނު ސަބަބެއްކަން ރައީސް ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ނިންމެވީ އިތުރަށް ފައިސާ ޗާޕުނުކުރަން ކަމަށާއި. ފައިސާ ޗާޕުކުރުން ހުއްޓައިލުމަކީ ދުނިޔޭގެ މާލީ އިދާރާތަކުންވެސް އެކަން ކުރުމަށް ލަފާ އަރުވާފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރުގެ ޕްރެޝަރު ތެރޭގައި ބައެއް ބޭފުޅުން ފައިސާ ޗާޕުކުރަން އެމަނިކުފާނަށް ލަފާ އަރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމަކީ ޓެކްނިކަލީ އަދި ޕްރޮފެޝަނަލީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. 

"އަޅުގަނޑުމެން ބޭނުންވީ ދެމެހެއްޓެނެވި ގޮތެއްގައި، ސަސްޓެއިން ކުރެވޭ ގޮތެއްގައި އަޅުގަނޑުމެންގެ އިގުތިސާދު ހަރުދަނާކުރަން މަސައްކަތްކުރަން. އެއީ އިހުލާސްތެރިކަމާއެކު މަސައްކަތްކުރަން ބޭނުންވާތީ. ތިޔައިން ކޮންމެ ރައްޔިތެއްގެ ޖީބަށް މުއްސަނދިކަން ގެނެސްދިނުމުގެ ބޭނުމުގައި ވަރުގަދަ ބިންގަލެއް އަޅައި އެ ބިންގަލުގެ މަތީގައި ބިނާކުރަން ބޭނުންވާތީ،" ރައީސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތް ކުރުވުމަށްފަހު ނުދީ ހުރި ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނޮވެންބަރު މަސް އަންނަންވާއިރަށް މިހާރު ކުރަމުންދާ މަސައްކަތުގެ ސަބަބުން ބިލުތައް ދައްކައި، އިގުތިސާދަށް ދިރުން ގެނެވޭނެ ކަމަށާއި، އަދި ފައިސާ ޗާޕުނުކޮށް ރައްޔިތުންނަށް އުފާވެރިކަން ގެންނަވާނެ ކަމަށެވެ. 

ރާއްޖެ އިސްކޮށްގެން ހިންގާ ހާރިޖީ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ލިބޭ ވަގުތު ވަރަށް ކުޑަތަންވެފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.