އެމްޑީޕީން ދަރަނި އުފައްދައިގެން އާމްދަނީ އިތުރުވާނެ ކަމެއް ނުކުރޭ: ޝިޔާމް

އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާއިރު އާމްދަނީ އިތުރުވާނެ އެއްވެސް ކަމެއް އެމްޑީޕީން ކޮށްފައިނުވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު، ފޮޓޯ: ޕީއެންސީ

އެމްޑީޕީ ވެރިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގި ނަމަވެސް ދައުލަތަށް އާމްދަނީ އިތުރުވާނެ މަސައްކަތެއް ކުރެވިފައިނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބުލީޑަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމުވަނީ އެމްޑީޕީން ދަރަންޏާ ގުޅޭ ގޮތުން ދައްކަމުން އަންނަ ބައެއް ވާހަކަތަކަށް ރައްދުދެއްވާފަ އެވެ. 

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ދަރަނި އިތުރުވީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތު މެނޭޖުކުރުމަށް ދަރަންޏަށް ފައިސާ ނަގަންޖެހުމުގެ ސަބަބުންކަމަށް އެ ޕާޓީގެ އިސްވެރިން ވިދާޅުވާތީ، ދަރަނީގެ ހިސާބުތަކުން ޝިޔާމު ރައްދުދެއްވި އެވެ. 

ޝިޔާމު ފާހަގަަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި އުފެއްދި ދަރަނީގެ ތެރޭގައި ލޯނުގެ ގޮތުގައި ނެގި 39 ލޯނުން އުފެއްދި 42 ބިލިއަން ރުފިޔާގެ ދަރަނި ހިމެނެ އެވެ. އެ ލޯނުތަކުގެ ތެރެއިން ކޮވިޑާ ގުޅިގެން ނަގާފައިވަނީ ދިހަ ލޯނުކަމާއި، އެއީ ގާތްގަނޑަކަށް ދެ ބިލިއަނެއްހައި ރުފިޔާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ކޮވިޑާ ގުޅިގެން ނަގާފައިވާ ލޯނުތަކަކީ ޖުމްލަ ލޯނުގެ އެންމެ ފަސް އިންސައްތަ ކަމަށެވެ. 

އެއާއެކު ޝިޔާމު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ވެރިންނަށް އެއިރުގެ ދަރަނީގެ ހާލަތަކީ ކޮވިޑާ ގުޅިގެން އުފެދުނު ހާލަތެއްގެ ގޮތުގައި ސިފަކުރެއްވުމަށްފަހު ހުރިހާ ކަމެއް ކޮވިޑުގައި އަޅުއްވައި މިންޖުވެވަޑައިނުގެންނެވޭނެ ކަމަށެވެ. 

"ކޮވިޑުގެ ނަމުގައި 10 ލޯނު 2.6 ބިލިއަން ރުފިޔާ. އެއީ ފަސް އަހަރު ތެރޭ ނެގި ލޯނުގެ ފަސް އިންސައްތަ. ދެން ކޮވިޑަށް ކަނޑައިގެން ސަަލާމަތްވާން އަމީރާއި ފައްޔާޒު މަސައްކަތްކުރައްވަނީ،" ޝިޔާމު ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާއިރު އާމްދަނީ އިތުރުވާނެ އެއްވެސް ކަމެއް އެމްޑީޕީން ކޮށްފައިނުވާ ކަމަށެވެ. އަދި އެމްޑީޕީން ކޮވިޑުގެ ތެރޭގައި ކުރި ހަމައެކަނި ކުރި ކަމަކީ ވައްކަން ކަމުގައިވެސް ޝިޔާމު ތުހުމަތުކުރެއްވި އެވެ. 

އިތުރަށް ޝިޔާމު ވިދާޅުވީ މިއަދު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަކީވެސް އެމްޑީޕީން ގެންގުޅުނު ދޯދިޔާ މާލީ ސިޔާސަތު ނަތީޖާ ކަމަށެވެ. އެގޮތުން ފައިސާ ޗާޕުކުރަން ފެށުމާއެކު ރަން ވަޅެއްކަމަށް ދެކިގެން ހުއްޓުމެއް ނެތި ފައިސާ ޗާޕުކުރަމުންދިޔައީ އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގަށް އަންނާނެ ބަދަލަށް ބެލުމެއް ނެތި ކަމުގައި ޝިޔާމު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.