އަގުސާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ކަނީސާއެއް އަޅާނަން: އިސްރާއީލުގެ މިނިސްޓަރެއް

އިސްރާއީލު ތެރޭގައި އެކަހެރި ހަރަކާތެއްގެ ގޮތުގައި އޮތް، އަގުސާ މިސްކިތް ހުރި ތަނުގައި "ތިންވަނަ ފައްޅިއެއް" އެޅުމަށް ގޮވައިލާ ހިންގާ ހަރަކާތަށް ތާއީދު އިތުރުވެ، ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވާންވަނީ ފަށާފަ އެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގެވިރް، ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

އިރުމަތީ ގުދުސްގައި ހުންނަ އަގުސާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ކަނީސާއެއް އަޅުއްވާނެކަމަށް އިސްރާއީލުގެ ވަޒީރެއް ވިދާޅުވެއްޖެ އެވެ. 

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގްވިރްއަކީ އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަޅުކަން ނުކުރުމަށް ޔަހޫދީންނަށް އިސްރާއީލު ސަރުކާރުން އަންގާފައި އޮންނަ އެންގުމާ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ހިލާފުވެވަޑައިގެންފައިވާ ބޭފުޅެކެވެ. 

އޭނާ ހޯމަދުވަހު އާމީ ރޭޑިޔޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ވެގެންވާނަމަ އިސްލާމްދީނުގައި ހުރުމަތްތެރިވެގެންވާ މުގައްދަސް މިސްކިތް ހުރި ތަނުގައި ޔަހޫދީން އަޅުކަންކުރާނެ ތަނެއް ބިނާކުރައްވާނެ ކަމަށެވެ. 

އަގުސާާ މިސްކިތަކީ އިސްލާމްދީނުގައި ތިންވަނައަށް އެންމެ މުގައްދަސް މިސްކިތެވެ. ޔަހޫދީން ދެކޭ ގޮތުގަައި އަގުސާ މިސްކިތް ހުރި ތަނަކީ އެމީހުންގެ ދީނުގައި މުގައްދަސް ފައްޅިއެއް ކުރިން ހުރި ތަނެވެ.

"އަހަންނަށް ކޮންމެ ކަމެއް ކުރެވޭނަމަ އެތަނުގައި އިސްރާއީލުގެ ދިދަ އަހަރެން ހަރުކުރާނަން،" ބެން ގްވިރް ވިދާޅުވި އެވެ. 

އިސްރާއީލުން ދަމަހައްޓަމުން އައިސްފައިވާ އުސޫލުތަކުގެ ދަށުން ޣައިރު މުސްލިމުންނާއި ޔަހޫދީންނަށް އަގުސާ މިސްކިތް ހުރި ސަރަހައްދަށް ވަކި ވަގުތުތަކެއްގައި ޒިޔާރަތްކުރުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް އެތަނުގައި ނަމާދުކޮށް އެމީހުންގެ ދީންތަކުގެ ޝިއާރުތައް ފާޅުކުރުން އޮންނަނީ މަނާކޮށްފަ އެވެ. 

ބަން ގްވިރް އަގުސާ މިސްކިތަށް ވަދެ އެތަނުގައި އަޅުކަމުގެ އަމަލުތައް ހިންގާފައިވާތީ ޔަހޫދީ ދީނުގެ ބައެއް ރަބައިންވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމީހުން ދެކޭ ގޮތުގައި އަގުސާ މިސްކިތަކީ ޔަހޫދީން އެތަނަށް ވަންނަ ވަރަށްވުރެ މުގައްދަސް ތަނެކެވެ. 

އިސްރާއީލު ތެރޭގައި އެކަހެރި ހަރަކާތެއްގެ ގޮތުގައި އޮތް،  އަގުސާ މިސްކިތް ހުރި ތަނުގައި "ތިންވަނަ ފައްޅިއެއް" އެޅުމަށް ގޮވައިލާ ހިންގާ ހަރަކާތަށް ތާއީދު އިތުރުވެ، ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވާންވަނީ ފަށާފަ އެވެ. 

ބެން ގެވިރް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހަ ފަހަރެއްގެ މަތިން އަގުސާ މިސްކިތަށް ވަދެވަޑައިގެންފައިވެ އެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށާއި އިސްރާއީލު ސަރުކާރަށް އަމާޒުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.