އިލްޔާސް އިތުރަށް ވިދާޅުވީ އިއްޔެ ފެނިގެންދިޔައީ ބޭންކިން ގާނޫނާއި ކޯޕަރޭޓު ގަވަނެންސްގެ އުސޫލުތައް އެކުއެކީ ފުނޑިގެން ދިޔަ މަންޒަރު ކަމަށެވެ.
ބޭންކު އޮފް މޯލްޑިވްސްގެ ނިންމުމެއް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް އޮތް އިތުބާރު އިއްޔެ ފުނޑިގެން ގޮސްފައިވާކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަދެއްކެވި ހުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ބޭންކު އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތަކުގެ ޑޮލަރު ލިމިޓު އުވައިލަންޖެހޭ ހާލަތު ކުރިމަތިވަމުން އަންނަކަމަށް އޭޕްރީލު މަހުން ފެށިގެން އެ ކުންފުނިން ސަރުކާރަށް އަންގަމުންދިޔަ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އޭޕްރީލު މަހުން ފެށިގެން ބޭންކު އޮފް މޯލްޑިވްސްއާއި ސަރުކާރާއި އެމްއެމްއޭއަށް ދަންނަވަމުންދިޔައީ ތިމަންނަމެންނަށް މިކަން ކުރެވޭކަށް ނެތޭ. ތިމަންނަމެންނަށް ޑޮލަރުން އާމްދަނީއެއް ނުލިބެއޭ. ބޭންކަށް ޑޮލަރު ލިބިގެނޭ ދެވޭނީ. ސަރުކާރުން އެމްއެމްއޭއިން އަޅައެއް ނުލައި،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ ބީއެމްއެލްއިން ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ މިންވަރު ދަށްކުރަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެ ނިންމުން މުރާޖައާކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.. އަދި އެއީ ބީއެމްއެލްއަށް ކަސްޓަމަރުންނާއި އެ ބޭންކާއެކު މުއާމަލާތްކުރާ ބޭރު ފަރާތްތަކުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ މިނިވަން މުސްތަގިއްލު ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓުމެންޓެއްހެން އަމުރުކުރައްވައިގެން ބޭންކު ހިންގަން އުޅޭތަން. އޭގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޭންކަށް ގެއްލެނީ. ހާއްސަކޮށް ރާއްޖެއިން ބޭރުން ބޭންކާ މުއާމަލާތްކުރާ ފަރާތްތަކުގެ އިތުބާރު ގެއްލުނީ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ އިއްޔެ ފެނިގެންދިޔައީ ބޭންކިން ގާނޫނާއި ކޯޕަރޭޓު ގަވަނެންސްގެ އުސޫލުތައް އެކުއެކީ ފުނޑިގެން ދިޔަ މަންޒަރު ކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރު ގެއްލިގެންގޮސްފައިވާ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އެތައް ޒަމާނަކަށް ދެމިގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާކަމަށް ބުނެ އެ ކުންފުނިންވަނީ ބޭންކުން ދޫކުރާ ދިވެހި ރުފިޔާ ޑެބިޓު އަދި ކުރެޑިޓު ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމާފަ އެވެ. ނަމަވެސް ފަހުން ސަރުކާރާއި އެމްއެމްއޭއިން ބޭންކާއެކު ކުރި މަޝްވަރާތަކަށްފަހު އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބޭންކުންވަނީ އެ ބަދަލު އަނބުރާ ގެންގޮސް ކުރިންވެސް އޮތް ގޮތަށް ކާޑުތަކުން ބޭރު ފައިސާ މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސާފަ އެވެ.