މިނިސްޓަރު ސައީދު ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ނުލިބުމާއި ކުދި ވިޔަފާރިތަކަށް ދަތިވުމަކީ ރައީސް ގަބޫލު ކުރައްވާ ކަމެއް ނޫނެވެ.
ބީއެމްއެލް އިން ކާޑު ލިމިޓް ކަނޑާލީ ސަރުކާރާއެކު މަޝްވަރާ ކުރި ގޮތަކަށް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.
ބީއެލްއެމް އިން ރުފިޔާ ކާޑު ލިމިޓް ކަނޑާލައި ބޮޑު ބަދަލެއް ގެނައި ސަބަބާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ބޭންކްއާއެކު ސަރުކާރުން ދިޔައީ މަޝްވަރާ ކުރަމުން ކަމަށާ ނަމަވެސް ބަދަލު އައިސްފައިވަނީ މަޝްވަރާ ކުރި ގޮތަށް ނޫން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭރުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބުމާއި ކުދި ވިޔަފާރިތަކަށް ދަތިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބޭންކުން ގެނައި ބަދަލާއެކު މި ފަރާތްތަކަށް ދަތިވެގެން ދިޔަ ކަމަށާ، ނަމަވެސް ބޭންކްއާއެކު ކުރި މަޝްވަރާތަކާއެކު ބަދަލު ގެނެސްފައިވާ ކަމަށެވެ.
"އެހެންވެ ރައީސް ބީއެމްއެލްގެ ސީއީއޯއާ ވާހަކަ ދެއްކެވި، ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ވެސް މަޝްވަރާ ކުރެއްވި، އަދި ބޭންކުގެ ޕްރައިވެޓް ޝެއާ ހޯލްޑަރުން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު އާއި ޗަމްޕާ މުހައްމަދު މޫސާ [އުއްޗު] ވެސް މަޝްވަރާ ކުރި. އެކަމާއެކު ބޭންކް ސަވައި ކުރަން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރާނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބޭންކުން މި ނިންމުން އައިސްފައިވަނީ ރައީސް ޑރ. މުއިއްޒު ބޭންކްއަށް ލަދާ ދެއްވި ގޮތަކަށް ނޫނެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކާއެކު ޑޮލަރުގެ އިންފްލޯ ވެސް އިތުރު ކުރެވޭނެ އެވެ.
"ސެޕްޓެމްބަރު މަހު ދަށްވާނެ. އެކަމަކު އަންނަ ޑިސެމްބަރު މަހާއޮ ޖެނުއަރީ ހިސާބު ޑޮލަރު ލިބުން އިތުރުވެގެންދާނެ،" ޝަފީގު ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.ކުރިން އޮތް ގޮތުންނަމަ ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަވެސް 250 ޑޮލަރުގެ މިންވަރަށް ވިޔަފާރި ކުރެވެ އެވެ. ބީއެމްއެލް އިން ބުނީ މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރާނެ އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ. ބޭންކުން ވަނީ މީގެ ކުރިން ވެސް މި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ބޭންކުން ނުރަސްމީކޮށް މި ވާހަކަތައް އެކި ސިފަ ސިފާގައި ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. މި ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބޭންކް އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމެވެ.
ނަމަވެސް ސަރުކާރާއެކު ކުރި މަޝްވަރާ ކުރުމަށްފަހު ބޭންކުގެ ނިންމުން ވަނީ ބަދަލު ގެނެސްފަ އެވެ.