މަޖިލިސް މިއަދު | ހަތް ބިލެއް ފާސްކޮށްފި، މިރޭ ދައުރު ނިންމުމުގެ ޖަލްސާ

މިއަދު ފާސްކުރި ހަތް ބިލުގެ ތެރެއިން ފަސް ބިލެއް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އިތުރު ދެ ބިލަކަށް ބައެއް މެންބަރުންވަނީ ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު ހަތް ބިލެއް މިއަދު މަޖިލީހުން ފާސްކޮށް، މިރޭ ދައުރު ނިންމުމުގެ ޖަލްސާ ބާއްވާނެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފި އެވެ. 

މިއަދު އޮތް ޖަލްސާގައި ހަތް ބިލެއް ދިރާސާކުރުމަށްފަހު އެބިލުތައް ދިރާސާކުރި މަޖިލީހުގެ ކޮމިޓީތަކުން އެކުލަވައިލި ރިޕޯޓުތައް ތަޅުމަށް ހުށަހަޅާފައިވެ އެވެ. އަދި އެ ރިޕޯޓުުތައް ހުށަހެޅުމަށްފަހު މިއަދުގެ ޖަލްސާގައި އެ ބިލުތަކަށް ވޯޓަށް އަހާފައިވެ އެވެ. 

އިގުތިސާދީ ކަންކަމާ ގުޅޭ ބިލުތަކުގެ ތެރޭގަައި ފޮރިން އިންވެސްޓުމެންޓުގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ހިމެނެ އެވެ. މި ބިލުތަައް ދިރާސާކުރީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީންނެވެ.

އޭގެ އިތުރަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށްފަހު އެ ބިލުތަކާ ގުޅޭ މަސައްކަތްކުރި ކޮމިޓީތަކުން އެކުލަވައިލި ރިޕޯޓުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ.

މި ބިލުތަކުގެ ތެރެއިން ފޮރިން އިންވެސްޓުމެންޓު ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލަކީ ފާއިތުވި ދެތިން ހަފުތާ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ މަޖިލީހުން ބިލުތަކުގެ މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށް ދިރާސާކުރާނެ ވަގުތު މެންބަރުންނަށް ނުދީކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުހުމަތުކޮށްފައިވެ އެވެ. 

މިއަދު ފާސްކުރި ހަތް ބިލުގެ ތެރެއިން ފަސް ބިލެއް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އިތުރު ދެ ބިލަކަށް ބައެއް މެންބަރުންވަނީ ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވާފަ އެވެ. 

ބިލުތައް ފާސްވި ގޮތް

  • 1.ފޮރިން އިންވެސްޓުމެންޓުގެ ބިލު؛ ތާއީދުކޮށް 77 މެންބަރުން ވޯޓު ދެއްވި
  • 2.ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު؛ ތާއީދުކޮށް 77 މެންބަރުން ވޯޓު ދެއްވި
  • 3.މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ ބިލު؛ ތާއީދުކޮށް 77 މެންބަރުން ވޯޓު ދެއްވި
  • 4.ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު؛ ތާއީދުކޮށް 77 މެންބަރުން ވޯޓު ދެއްވި
  • 5.ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު، ތާއީދުކޮށް 67 މެންބަރުން، ފާސްނުކުރަން 10 މެންބަރުން
  • 6.ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު؛ ތާއީދުކޮށް 67 މެންބަރުން ފާސްނުުކުރަން 10 މެންބަރުން

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބުރައީ އަހްމަދު ނާޒިމުވަނީ ވިދާޅުވެދެއްވާފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ދައުރުގައި މަޖިލީހަށް ހުށަހެޅުނީ 23 ބިލެކެވެ. އެއިން 12 ބިލެއް ކޮމިޓީ މަރުހަލާގައި މިހާރު އޮތްއިރު 11 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމާފައިވެ އެވެ. އަަދި 12 ސުވާލެއް ކުރަން ހުށަހެޅުނުއިރު އެ ހުރިހާ ސުވާލެއްވެސް ކުރެވި ޖަވާބު ދެވިފައިވާކަމަށް ނާޒިމު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ނުވަ މައްސަލައެއް އަދި މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅުން ހުށަަހެޅި 13 މައްސަލައެއްގެ މަސައްކަތް ނިމިފައިވާއިރު، މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 82.9 އިންސައްތަ މައްސަލައާ ގުޅޭ މަސައްކަތް މަޖިލީހުން ނިންމާފައިވެ އެވެ. 

ނާޒިމު ޖަލްސާ ނިންމަވައިލެއްވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ އޮންނާނެކަން އިއުލާނުކުރައްވަމުންނެވެ. ބެލެވޭ ގޮތުގައި އެ ޖަލްސާގައި އޮންނާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު އެ މަގާމުން ވަކިކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.