އެންމެ ފަސް

އާބަން ޑިވެލޮޕްމެންޓު ބިލުން ކައުންސިލުތަކުގެ ބާރަށް އުނިކަމެއް ނާންނާނެ: ސަރުކާރު

މިނިސްޓްރީގެ އާބަން ޑިވެލޮޕްމެންޓު ޑިރެކްޓާ ޝާހީން ވިދާޅުވީ އެ ބިލުގެ އެކި މާއްދާތަކުގައި އާންމުންނާއި ކައުންސިލުތަކާ މަޝްވަރާކުރުމުގެ ވާހަކަ ހިމެނިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހުގައި --

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓު ބިލުން ލޯކަލް ކައުންސިލުތަކުގެ ބާރަށް އަދި އިހުތިސާސަށް އެއްވެސް އުނިކަަމެއް ނާންނާނެ ކަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީން ބުނެފި އެވެ. 

މިއަދު އާބަން ޑިވެލޮޕްމެންޓު ބިލާ ގުޅޭ ގޮތުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ އެކުވި ކޮމިޓީއަށް މިއަދު އެ މިނިސްޓްރީ ހާޒިރުކުރުމަށްފަހު ބައެއް މެންބަރުންވަނީ އެ ބިލުގައި ކަނޑައަޅާފައިވާ އާބަން ސަރަހައްދުތައް ތަރައްގީކުރުމަށް އާބަން ޑިވެލޮޕްމެންޓު އޮތޯރިޓީ އުފެއްދުމުން އެ ސަރަހައްދުތަކުގެ ލޯކަލް ކައުންސިލުތަކުގެ ބާރު ގެއްލިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެ ކަންބޮޑުވުންތަކާ ގުޅިގެން އެ މިނިސްޓްރީގެ އާބަން ޑިވެލޮޕްމެންޓު ޑިރެކްޓާ ޝާހީން ވިދާޅުވީ އެ ބިލުގެ އެކި މާއްދާތަކުގައި އާންމުންނާއި ކައުންސިލުތަކާ މަޝްވަރާކުރުމުގެ ވާހަކަ ހިމެނިފައިވާ ކަމަށެވެ. އެގޮތުން ބިލުގެ ވަކިވަކި މާއްދާތަކާ ހަވާލާދެއްވައި ޝާހީނު ވިދާޅުވީ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެ ސަރަހައްދުތަކުގެ ތަރައްގީގެ ޕްލޭނުތައް އެކުލަވައިލުމާއި، ތަރައްގީގެ ލައިސެންސްތައް ދޫކުރުމަކީ ފުރަތަމަ ތިން މަރުހަލާ ކަމަށްވާއިރު އެ ހުރިހާ މަރުހަލާއެއްގައިވެސް އާންމުންނާ މަޝްވަރާކުރުމާއި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރުން ހިމެނޭ ކަމަަށެވެ. 

އިތުރަށް ތަފުސީލުކޮށްދެއްވަމުން ޝާހީނު ވިދާޅުވެފައިވަނީ އާބަން އޮތޯރިޓީ އުފައްދަނީ މައިގަނޑު ދެ ޒިންމާއެއް އަދާކުރުމަށް ކަމަށެވެ. އެއީ އާބަން ސަރަހައްދުތަކުގެ ތަރައްގީގެ ޕްލޭނުތައް އެކުލަވައިލުމާއި، އެ ސަރަހައްދުތައް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތައް ވިލަރެސްކުރުން ކަމަށެވެ. 

އަދި ބިލު އޮތް ގޮތުން އާބަން ސަރަހައްދުތައް ކައުންސިލުތަކުން ތަރައްގީކުރުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލު ހިމެނޭ ސަރަހައްދުތަކުގައި އެ ކައުންސިލުތައް އެކުވެގެން ތަރައްގީކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމުގައި ޝާހީން ވިދާޅުވި އެވެ. 

އޭގެ އިތުރަށް އާބަން ސަރަހައްދެއް ތަރައްގީކުރާ ވަގުތުގައި އެ ސަރަހައްދެއްގެ ތަރައްގީގެ އިހުތިސާސު އޮތޯރިޓީއަށް ލިބުނު ނަމަވެސް މުނިސިޕަލް ހިދުމަތްތަކާއި އިދާރީ ހިންގުމުގެ ހުރިހާ އިހުތިސާސެއް ބިލު ފަރުމާކޮށްފައި އޮތް ގޮތުން ލިބޭނީ ކައުންސިލަށްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އަދި ތަރައްގީކުރުމަށް ވަކި މުއްދަތެއް ކަނޑައަޅަން ބިލުން ލާޒިމުކުރާކަން ފާހަގަކުރައްވަމުން ޝާހީނު ވިދާޅުވީ އެ މުއްދަތު ނިމުމުން ކުރިން އޮތޯރިޓީއަށް ލިބިދީފައި އޮތް އިހުތިސާސުވެސް އަނބުރާ ކައުންސިލުތަކަށް އިއާދަވާނެ ކަމަށެވެ. 

އޭގެ އިތުރަށް އާބަން ސަރަހައްދުގެ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވައިލުމަށްފަހުގައި އެ ސަރަހައްދުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުމަށް ކައުންސިލާއެކު އޮތޯރިޓީން ހަދާ އެއްބަސްވުމެއްގެ ދަށުންކަމަށް ބިލުގައި ބަޔާންކޮށްފައިވާ ނުކުތާ ޝާހީން ފާހަގަކުރެއްވި އެވެ. 

"ކައުންސިލުތަކުގެ ބާރަކަށް، އަދި އެފަރާތަށް ލިބިދީފައި އޮންނަ އިހުތިސާސަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ،" ޝާހީން ވިދާޅުވި އެވެ. 

އޮތޯރިޓީން މަސައްކަތްކުރާނީ އަދި ޕްލޭނުތައް އެކުލަވައިލާނީވެސް ގާނޫނުގެ ދަށުން ކައުންސިލުތަކާ ގުޅިގެން ކަމަށާއި، ކަން ކުރާއިރު ކައުންސިލުތަކުގެ ބައިވެރިވުން ބޭއްވުމަށް ވަކި އެއްބަސްވުމެއް އެކުލަވައިލަންޖެހޭކަން މިނިސްޓްރީން ފާހަގަކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.