މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަހުރޫމުވާންޖެހޭ ކަމެއް ނޫން: ޝަހީމު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ ތަހުޒީބީ މުޖުތަމައެއް ބިނާކުރެވޭނީ އެންމެންގެ ހައްގުތައް ފުރިހަމައަށް ދީގެން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަފުޅު ދައްކަވަނީ

މޫނު ބުރުގާ އެޅުމަކީ އަންހެނުންނަށް ވަޒީފާ ނުލިބެންޖެހޭ ސަބަބެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ މޫނު ބުރުގާ އަޅާ އަންހެނުންނަށް ވަޒީފާގެ ފުރުސަތު ނުލިބޭ ގޮތަށް ހުރި އުސޫލުތަކާއި ގަވާއިދުތައް ބަދަލުކުރަން މުއައްސަސާތަކާއި އިދާރާތަކަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވަނިކޮށެވެ. 

ރައީސް މުއިއްޒު މިކަން ހާމަކުރައްވާފައިވަނީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާފައިވާތީ ޑިސްކޮލިފައި ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ އެމީހަކަށް ވަޒީފާ ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ ތަހުޒީބީ މުޖުތަމައެއް ބިނާކުރެވޭނީ އެންމެންގެ ހައްގުތައް ފުރިހަމައަށް ދީގެން ކަމަށެވެ. އަދި ރާއްޖޭގައި ވަރަށް ގިނަ ތައުލީމީ އަންހެނުން މޫނުބުރުގާ އަޅާކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މޫނު ބުރުގާ އަޅާ ފަރާތްތަކަށް ވަޒީފާގެ ހައްގު ނުގެއްލޭނެކަން ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. 

ދީނާ ހިލާފުނުވާނެހެން ހެދުން އަޅައިގެން އެއްވެސް މީހަކު ވަޒީފާގެ ފުރުސަތުން މަހުރޫމުނުވާނެހެން އުސޫލުތައް ބަދަލުކުރަން ރައީސް އެންގެވުމާ ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.