ހެލްތު މިނިސްޓްރީގެ އޮޑިޓު؛ 2021 ގެ ނިޔަލަށް 94 މިލިއަން ރުފިޔާ ބިލުތަކަށް ނުދައްކާ

އޮޑިޓު އޮފީހުން އެދުމުން ހެލްތު މިނިސްޓްރީން ނުދައްކައި ހުރި ބިލުތަކުގެ ތަފުސީލު އެ މިނިސްޓްރީން ހާމަކޮށްފައިނުވެ އެވެ.

މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް: ރާއްޖޭގެ އެންމެ ނާޒުކު ދާއިރާގެ ވެރިޔަކަށް ހުންނެވި ނަމަވެސް އެންމެ އެކަށީގެންވާ ކުރިއެރުން ހޯއްދަވައެއް ނުދެއްވޭ -- ރައީސް އޮފީސް

ހެލްތު މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ހޯދާފައިވާ ހިދުމަތްތަކާއި މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 94 މިލިއަން ރުފިޔާ 2021 ވަނަ އަހަރުގެ ނިޔަލަށް ނުދައްކައި ހުރިކަން އޮޑިޓު އޮފީހުން ހާމަކޮށްފި އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީގެ މާލީ ބަޔާންތަކާއެކު އިތުރު މައުލޫމާތުގެ ގޮތުގައި އެ މިނިސްޓަރީން ހުށަހެޅި މާލީ ޒިންމާތަކާ ބެހޭ ބަޔާނުގައި އެ މިނިސްޓްރީން ހޯދާފައިވާ މުދަލާއި ހިދުމަތްތަކާ ގުޅޭ ބިލުތަކުގެ ގޮތުގައި 93،989،559 ނުވަދިހަ ތިން މިލިއަން ނުވަލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަންސާސް ނުވަ) ރުފިޔާ ހުރި ކަމަށް  ބަޔާންކޮށްފައިވާ ކަމަށެވެ. 

މާލީ ޒިންމާތަކާ ބެހޭ ބަޔާނުގައި އެ އަދަދަށްވާ ބިލަށް މިނިސްޓްރީން އެ އަހަރުގެ ނިޔަލަށް ފައިސާ ނުދައްކައި ހުރިކަމަށް ބުނެފައި އޮތް ނަމަވެސް އެ ބިލުތަކުގެ ތަފުސީލު ހޯދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެދުމުން ތަފުސީލުތައް ދީފައިނުވާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ. 

އޮޑިޓު ރިޕޯޓުގައި ބަޔާންކުރި ގޮތުގައި މިނިސްޓްރީން ދައްކަންޖެހިފައި ހުރި ބިލުތަކުގެ ތަފުސީލު ހިއްސާކުރުމަށް އެދުމުން އެ ތަފުސީލުތައް ހިއްސާނުކުރުމުގެ ސަބަބުން، މާލީ ޒިންމާގެ ބަޔާނުގައި މިނިސްޓްރީން ބުނެފައިވާ ނުދައްކަައި ހުރި ފައިސާގެ ޖުމްލަ އަދަދުގެ ސައްހަކަން ކަށަވަރުނުވެ އެވެ. 

އޮޑިޓު އޮފީހުން އިތުރަށް ފާހަގަކުރި ގޮތުގައި ހެލްތު މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގައި ހުރި ހުރިހާ ހަރުމުދަލެއްގެ ތަފުސީލުތައް ހިމަނާފައިނުވެ އެވެ. 

ނަތީޖާއެއްގެ ގޮތުން އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދަލުގެ އަގަކީ 481.1 މިލިއަން ރުފިޔާކަމަށް މިނިސްޓްރީން ބަޔާންކުރި ނަމަވެސް އެ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. 

އިތުރަށް އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ ހަރުމުދާ ހަމައަށް ހުރިކަން މާލިއްޔަތު ގަވާއިދުގައި ލާޒިމުކޮށްފައި އޮންނަ ގޮތަށް އަހަރަކު އެއްފަހަރު އެ އިދާރާތަަކުން ކަށަވަރުކޮށްފައިނުވެ އެވެ. 

ބިނާކޮށް ނުނިމިހުރި ހަރުމުދަލުގެ އަގެއްގެ ގޮތުގައި މިނިސްޓްރީން 288 މިލިއަން ރުފިޔާ ފާހަގަކުރި ނަމަވެސް ތަރައްގީގެ މަޝްރޫއުތަކާ ގުޅުންހުރި ބިނާކޮށް ނުނިމޭ ހަރުމުދަލުގެ ތަފުސީލުތައް މިނިސްޓްރީން އޮޑިޓަރުންނާ ހިއްސާނުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މިނިސްޓްރީން ބުނާ އަދަދަކީ ސައްހަ އަދަދެއްކަން އޮޑިޓަށް ކަށަވަރުނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.