އެގޮތުން އެ އޮފީހުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރުގެ ނިޔަލަށް އިންޑިޔާ އެގްޒިމް ބޭންކުން ބޭރު ދަރަނީގައި ހިއްސާވާ މިންވަރު 48 އިންސައްތަައަށް އިތުރުވާނެ އެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުން ދިވެހި ދައުލަތަށް ނަގާފައިވާ ދަރަނި ޖުމްލަ ބޭރު ދަރަނީގެ 48 އިންސައްތައަށް 2027 ވަނަ އަހަރު އަރާނެކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓު އޮފީހުން ޝާއިއުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ކުރު ރާސްތާ ސްޓްރެޓެޖީގެ ރިވިއުގައި ބަޔާންކޮށްފައިވާ ގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބޭރު ދަރަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެކްސްޕޯޓު އިމްޕޯޓު ބޭންކު އޮފް ޗައިނާ އެވެ.
2022 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ދައުލަތުގެ ބޭރުގެ ދަރަނީގެ 27 އިންސައްތަ ހިއްސާކުރަނީ ޗައިނާ އެގްޒިމް ބޭންކުންނެވެ. އެއީ އެކި މަޝްރޫއުތައް ހިންގުމަށް އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކެވެ. ދެވަނަައަށް އެންމެ ބޭރު ދަރަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދައުލަތުން ވިއްކި ބޮންޑު ގަނެފައިވާ ބޭރު ފަރާތްތަކެވެ. އެއީ ދަރަނީގެ 23 އިންސައްތަ އެވެ.
ތިންވަނައަށް އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ އިންޑިޔާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން ނަގާފައިވާ ދަރަނި ގިނަ ނަމަވެސް އެ ބޭންކުގެ ހިއްސާ ދަރަންޏާ އެއް މިންވަރަށް އިތުރުނުވަނީ ބޭންކުން ދަރަނީގެ ފައިސާ އެކީ ޖަމާކޮށްފައިނުވާތީ އެވެ.
އޮޑިޓު އޮފީހުން އަންދާޒާކުރާ ގޮތުގައި އިންޑިޔާގެ އެގްޒިމް ބޭންކުން ދަރަންޏަށް ނަގާފައިވާ ފައިސާގެ ބޮޑު މިންވަރެއް އަންނާން ހުރި އަހަރުތަކުގައި ޖަމާކުރާނެ އެވެ. އެ ފައިސާ ޖަމާކުރުމުން ބޭރު ދަރަނީގެ ޕޯޓްފޯލިއޯގައި އިންޑިޔާ އެގްޒިމް ބޭންކުގެ ހިއްސާ ވަރަށް ބޮޑަށް އިތުރުވެ، ޗައިނާ އެގްޒިމްގެ ހިއްސާ ދަށްވާނެ ކަމުގައި އޮޑިޓު އޮފީހުން ލަފާކުރެ އެވެ.
އެގޮތުން އެ އޮފީހުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރުގެ ނިޔަލަށް އިންޑިޔާ އެގްޒިމް ބޭންކުން ބޭރު ދަރަނީގައި ހިއްސާވާ މިންވަރު 48 އިންސައްތަައަށް އިތުރުވާނެ އެވެ. އަދި ޗައިނާ އެގްޒިމްގެ ހިއްސާ 13 އިންސައްތައަށް ދަށްވާނެ އެވެ.
އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި އެއް ގައުމަކުން ނަގާފައިވާ ދަރަނީގެ މިންވަރު އިތުރުވުމަކީ ދަރަނީގެ ޕޯޓްފޯލިއޯގެ ނާޒުކުކަމާއި ހަރުދަނާކަން އެއިރެއްގެ ސަރުކާރަކާ ދަރަނި ދިން ގައުމަކާ އޮންނަ ގުޅުމުގެ މައްޗަށް ބަރޯސާވާނެ ކަމެކެވެ.
"އެއް ގައުމަކުން ނަގާ ދަރަނި އިތުރުވުމަކީ ދަރަނީގެ ޕޯޓްފޯލިއޯއަށް، އެއް ގައުމެއްގެ ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމަށާއި ކަންކަން ނިންމުމުގެ ޕްރޮސެސްއަށް އަންނަ ބަދަލުތަކުން ވަރަަށް ބޮޑަށް އަސަރުކުރުމަށް މަގުފަހިވާނެ ކަމެއް،" އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އިތުރަށް އެ އޮފީހުން ބުނެފައިވަނީ ދަރަނީގެ ޕޯޓްފޯލިއޯގައި ގައުމުތަކާއި މާލީ މުއައްސަސާތަކުގެ ހިއްސާއަށް އަންނަ ބަދަލުގެ ސަބަބުން ދައުލަތުގެ ދަރަނި އެކުލެވިގެންވާ ގޮތާމެދު ޔަގީންކަން ކުޑަވާނެ ކަމަށެވެ.
ދަރަނި ދޭ ފަރާތްތަކުގެ ހިއްސާައަށް އަންނަ ބޮޑު ބަދަލާއެކު ދަރަނީގެ ހަރަދުތަކާއި ޝަރުތުތަކަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ފާހަގަކުރުމާއެކު އޮޑިޓު އޮފީހުން ބުނެފައިވަނީ އެންމެ ގައުމަކަށް ދަރަނި ނެގުމުގައި ބަރޯސާވުމަކީ ދަރަނީގެ ކަންކަމުގައި މަޝްވަރާކުރަން ސަރުކާރަށް އޮންނަ ޖާގަ ހަނިވާނެ ކަމެއް ކަމަށެވެ.