މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދުގައި ދަރަނި އަދާކުރުމަށް ކުރި ހަރަދާ އަޅާބަލާއިރު 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހަރަދުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
ކޮންމެ މަހެއްގައި ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް އެއް ބިލިއަން ރުފިޔާ ހަރަދުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ދައުލަތުގެ މިޑް ޓާމް ފިސްކަލް ސްޓްރެޓެޖީއާއި ދަރަނީގެ ހާލަތާ ގުޅޭ ރިޕޯޓާމެދު މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދުކުރަން ނިންމައި ފައިސާ ޗާޕުކޮށްގެންނާއި އެނޫން ގޮތްގޮތުން ހޭދަތައް އިތުރުކުރި ކުރުމުގެ އަގު މިހާރު އަދާކުރަންޖެހިފައިވާ ކަމަށެވެ.
އާމްދަނީއާ އަޅާބަލާއިރު ހަރަދު އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު ނުވަތަ އާމްދަނީއާއި ހަރަދުގެ ފަރަގު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ދައުލަތުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ދަތިތަކެއް މިހާރު ކުރިމަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދުގައި ދަރަނި އަދާކުރުމަށް ކުރި ހަރަދާ އަޅާބަލާއިރު 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހަރަދުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
"މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2014 އިން 2018 އަށް އާމްދަނީގެ ނިސްބަތުން ދަރަނި އަދާކުރުމަށް އިންޓަރެސްޓަށް ކުރާ ހޭދަ އުޅެނީ 15 އިންސައްތާގަ. އަދި 2019 އިން 2023 އަށް އެ އަދަދުވަނީ 21 [އިންސައްތައަށް] ބަދަލުވެފައި. ހަމައެއާއެކު މިހާރު އެ އަދަދު މިއުޅެނީ 28 ޕަސެންޓުގަ. މިއީ ހަގީގަތުގައި ކަންބޮޑުވާންޖެހޭ އަދަދެއް. މިހާރުން މިހާރަށް ހައްލެއް ހޯދަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ސަރުކާރުން ދައްކަންޖެހިފައި ހުރި ފައިސާގެ ތެރެއިން ނުދައްކައި ހުރި ފައިސާގެ އަދަދު އިތުރުވުމުން އެކަމަށްވެސް ކުރަންޖެހޭ ހޭދަ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި އަހަރު އެވެރެޖުކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބޭއިރު، 4 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ފަސް އަހަރު ކުރިން ބަޖެޓުގެ ޖުމްލަ ޑެފިސިޓު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 5 އިންސައްތައިގަ އެވެ. ޖުމްލަ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 70 އިންސައްތަައިގަ އެވެ. މިހާރު ބަޖެޓުވެސް ބޮޑުވެފައިވާއިރު ޑެފިސިޓު 13 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައަށް އަރާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މި ހާލަތު އަނބުރާ ރަނގަޅުކުރުމަށް މިހާރުން މިހާރަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.