ވޯކް ޕާމިޓް އަދި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ގާސިމާއި ނާޒިމް ދެކޮޅު

މި ދެ ފީވެސް މަދުވެގެން ތިން އަހަރުން އެއްފަހަރު އަދި ގިނަވެގެން އަށާރަ މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރުނޫން މުއްދަތެއްގެ ތެރޭގައި މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެ ކަމުގައި އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީއާއި ވޯކް ޕާމިޓު ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ދެކޮޅު ހައްދަވައިފި އެވެ. 

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ ކޯޓާ ފީގެ ގޮތުގައި 2،000 ރުފިޔާ ކޮންމެ އަހަރަކު ދައްކަންވާނެ އެވެ. އަދި ވޯކް ޕާމިޓުގެ ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 350 ރުފިޔާ ދައްކަންޖެހޭނެ އެވެ. 

މި ދެ ފީވެސް މަދުވެގެން ތިން އަހަރުން އެއްފަހަރު އަދި ގިނަވެގެން އަށާރަ މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރުނޫން މުއްދަތެއްގެ ތެރޭގައި މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެ ކަމުގައި އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެފަދައިން ގެންނަ އިސްލާހުން ބޮޑުކުރެވޭނީ ކުރިން ކަނޑައަޅާފައި އޮތް ފީގެ 30 އިންސައްތައަށް އިތުރުނުވާ މިންވަރަށް ކަމަަށެވެ. 

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މިއަދު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމްވަނީ އެ އިސްލާހާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާޅުކުރައްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޓެކުސްއެއް ނެގޭނީ ގާނޫނެއްގައި އޮންނަ ގޮތެއްގެ މަތިން ކަމަށެވެ. 

މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޯޓާ ފީއާއި ވޯކް ޕާމިޓް ފީ މުރާޖައާކޮށް ބޮޑުކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވައިދެއްގައި ބަޔާންކުރާ ގޮތަށް ކަމަށެވެ. 

"ގާނޫނުއަސާސީގައި މިބުނަނީ ޓެކްސްއެއް ނަގަންވާނީ ގާނޫނެއްގައިވާ ގޮތުގެ މަތިންނޭ. މިގޮތަށް ދޫކޮށްލީމާ މިވާ ގޮތަކީ އިތުރަށް މިކަންކުރަން ރައްޔިތުންގެ މަޖިލީހަށް އަންނާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. 

ގާސިމް އިތުރަށް ވިދާޅުވީ ކޯޓާއާއި ވޯކް ޕާމިޓު ފީތައް ނުދައްކައި ތިބި މީހުންގެ މައްސަލަ ހައްލުކުރެވި އެ ފައިސާ ދައުލަތަށް ލިބުމުން ބޭރު މީހުން ގެނެސްގެން އެކަށީގެންވާ އަދަދެއްގެ ފައިސާ ދައުލަތު ނުލިބޭތޯ އެވެ. އަދި މިފަދައިން ފީތައް ބޮޑުކުރަން ފަށައިފިނަމަ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ނުރުހުން އުފެދޭނެ ކަމަށެވެ. 

"މިކަން އެކަނި ކޮށްގެން މިކަން އަޅުގަނޑުމެންނަކަށް ނުހުއްޓޭނެ. ހުރިހާ ދިމާލަކުން ނަގާ ޓެކްސްތަކާއި ދައުލަތަށް ނަގާ އާމްދަނީ އިތުރުކޮށްގަތީމަ ރައްޔިތުންގެ މެދުގައި ހިނގައިގެންދާނެ ހަމަނުޖެހުމާއި ރައްޔިތުންނަށް އަންނާނެ އިހުސާސްތަކަށް ބަލައިލަންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. 

އިތުރަށް ގާސިމް ވިދާޅުވީ ސަރުކާރުން އިންވެސްޓުކުރަން ހުޅުވައިލާ ފުރުސަތުތަކުގައި އިންވެސްޓުކުރަން މީހުން ނާންނަނީ ޓެކުސްތަކާއި ފީތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އަވަސްއަވަހަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުގެނައުމަކީވެސް ރާއްޖެއަށް އިންވެސްޓުކުރަން ބޭރު ފަރާތްތަކުން ފަސްޖެހޭނެ ސަބަބެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވި އެވެ. 

އެ އިސްލާހާމެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ ޕީއެންސީގެ މެންބަރުން އެ އިސްލާހު ފާސްކުރައްވަން ބޭނުންފުޅުވާނަމަ އެ އިސްލާހު ފާސްކުރައްވަން ވޯޓު ދެއްވާނެ ކަމަށެވެ. އޭނާ ހުންނެވީ ގަދަފައި ވިއްދަވައިގެން އެ އިސްލާހު ހުއްޓުވަން ނުކުމެވަޑައިގެން ނޫން ކަމަށެވެ. 

ނާޒިމު ވިދާޅުވެފައިވަނީ ފީތައް މުރާޖައާކޮށް އިތުރުކުރާ ގޮތަށް އޮތް ދެ މާއްދާަ އެގޮތަށް ބޭއްވުމަށް ތާއީދުނުކުރެއްވޭ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވީ ކޯޓާ ފީއާއި ވޯކް ޕާމިޓް ފީ ކޮންމެ 18 މަހަކުން ބޮޑުކުރެވޭ ގޮތެއްގައި އޮވެއްޖެނަމަ އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. 

"މިހެން އޮވެއްޖެ ކަމުގައިވާނަމަ އެއިރެއްގައި އޮންނަ ސަރުކާރަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވަރަށް ބޮޑު. މިހާރުވެސް ޓެކްސްތައް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެންނަށްވުރެ ބޮޑެތި ގެއްލުންތައް ކުރިމަތިވޭ. ދިވެހިރާއްޖެއަށް އަންނަ އިންވެސްޓަރުންގެ އިތުބާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައި،" ނާޒިމު ވިދާޅުވި އެވެ. 

ނާޒިމު ހުށަހަޅުއްވާފައިވަނީ ކޯޓާ ފީއާއި ވޯކް ޕާމިޓް ފީ ބޮޑުވާ ގޮތަށް އޮތް ދެ މާއްދާ އުނިކުރުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.