އަދި އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އާސަންދައިން ނޯތު ކޯސްޓަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ އިމާރާތް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ފެށިފައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ކުރީ ސަރުކާރުން 44 މިލިއަން ރުފިޔާގެ އެޑްވާންސެއް ދިނުމަށްފަހު އެއްވެސް މަސައްކަތެއް ނުކުރާ މައްސަލައެއް މާލިއްޔަތު ކޮމިޓީން ބަލަން ފަށައިފި އެވެ.
އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް 2016 ވަނ އަހަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއެކު އެ ކުންފުނިން އެއްބަސްވި އެވެ. ހަ ބުރީގެ އެ ހޮސްޕިޓަލު އެޅުމަށް ދެ ކުންފުނީގެ މެދުގައި އެއްބަސްވީ 61 މިލިއަން ރުފިޔާ އަށެވެ.
ނަމަވެސް އާސަންދައަށް ކުރިމަތިވި މަލީ ދަތިތަކުގެ ސަބަބުން އެ މަޝްރޫއު މަޑުޖައްސައިލުމަށް އެ ކުންފުނިން ނިންމީ 2017 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެއިރު އެ ހޮސްޕިޓާ އެޅުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވެ އެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ބަދަލުދިނުމަށް އެކުލަވައިލި ކޮމިޓީއަށް އެ މަޝްރޫއުގެ މަސއްސަލަ ނޯތު ކޯސްޓު ކުންފުނިން ހުށަހެޅުމުން އާސަންދައިގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް އަލުން ނޯތު ކޯސްޓާ ހަވާލުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގި އެވެ. ދެވަނަ ފަހަރަށް މަސައްކަތް ހަވާލުކުރީ 147 މިލިއަން ރުފިޔާ އަށެވެ.
އަދި އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އާސަންދައިން ނޯތު ކޯސްޓަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ އިމާރާތް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ފެށިފައި ނެތެވެ.
އެ މައްސަލައިގެ މައުލޫމާތު ސާފުކުރަން މާލިއްޔަތު ކޮމިޓީން އެދުމުން އާސަންދައިން އެ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮންނާތީ ނޯތު ކޯސްޓާއެކު އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް އަދިވެސް މަޝްރޫއު ކުރިއަށްދާ ގޮތް ނުވާ ކަމަށެވެ.
އަދި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފުސީލު ކޮންމެ މަހަކު އެއްފަހަރު އަދާހަމަކޮށް އެ ކުންފުންޏަށް އެންގުމަށް ނިމުނު ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނޯތު ކޯސްޓަށް އާސަންދައިން އަންގާފައިވީ ނަމަވެސް އެ ކުންފުނިން އެކަން ކޮށްފައިނުވާ ކަމަށް އާސަންދައިން މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދިނެވެ.
މި އަހަރުގެ ޖުލައި މަހުގައި މަޝްރޫއުގެ ޝެޑިއުލް މުރާޖައާކުރުމަށްފަހު އެ ކުންފުނިން އާ ޝެޑިއުލެއް އާސަންދައަށް ފޮނުވި ނަމަވެސް ނޯތު ކޯސްޓުން ފޮނުވި އާ ޝެޑިއުލާ އެއްގޮތަށްވެސް އެ ކުންފުންޏަށް މަސައްކަތް ނުކުރެވޭ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތުގެ އެޑްވާންސް ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށްނުދާ ސަބަބުން ލިޔުމުން ބަޔާންކޮށްދިނުމަށް ނޯތު ކޯސްޓު ކުންފުންޏަށް އެނގުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފައިވެ އެވެ.