ފުލެޓު ލިސްޓު | މުރާޖައާކޮށް އެންމެ ހައްގުވާ މީހުން ކަނޑައެޅުން އޮކްޓޯބަރުގައި ނިމޭނެ

އޭސީސީން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ފުލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި --

ކުރީ ސަރުކާރުން އަޅަން ފެށި 4،000 ޔުނިޓު ހައްގުވާ ފަރާތްތައް ކަނޑައެޅުމަށް އެއިރު ނެރުނު ފުލެޓު ލިސްޓު މުރާޖައާކޮށް އަންނަ އޮކްޓޯބަރު މަހުގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ އާ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުލެޓު ލިބޭ ފަރާތްތަަކުގެ ލިސްޓަށް ފުލެޓުތައް ދޫކުރުމުގެ މަސައްކަތް އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުއްޓުވާފައި ކަމަށެވެ. 

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އޭސީސީން އެ މަސައްކަތް އޮތީ ހުއްޓުވާފައި. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީ ސަރުކާރުގައި ދެ ފަހަރެއްގެ މަތިން އޭސީސީން އެބައޮތް އަލުން އެ މަސައްކަތް މުރާޖައާކުރަން ސިޓީ ފޮނުއްވާފަ ނުވަތަ މަޑުޖައްސައިލުމަށް ސިޓީ ފޮނުއްވާފަ. ހުއްޓައިލުމަށް ސިޓީ ފޮނުއްވީ އެންމެ ފަހުން 16 ނޮވެންބރުގައޭ މައުލޫމާތު ލިބިފައި އޮތީ،" ހައިދަރު ވިދާޅުވި އެވެ. 

ހައިދަރު ވިދާޅުވި ގޮތުގައި އޭސީސީން ފުލެޓު ލިސްޓުގެ މައްސަލަ ބަލަން ފެށީ 7،000 އަށްވުރެ ގިނަ މީހުން ޝަކުވާ ފޮނުވާފައި އޮތުމުންނެވެ. އަދި ފުލެޓު ދިނުމުގެ މަސައްކަތް މި ސަރުކާރަށް ހުއްޓައިލަން ޖެހުނީ އޭސީސީން ހިންގަމުންދާ ތަހުގީގު ނިންމައި އެ ތަހުގީގުގެ ހޯދުންތައް މިނިސްޓްރީއާ ހިއްސާކުރަން ދެނެވެ.  

އެ ތަހުގީގަށްފަހު އޭސީސީން މިނިސްޓްރީއާ ކަންތައްތަކެއް ކުރުން ލާޒިމުކޮށްފައިވާކަން ހައިދަރު ފާހަަގަކުރެއްވި އެވެ. އެގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓު ދީފައި ހުރި ޕޮއިންޓަށް ބަދަލު ނާންނަަ ގޮތަށް މައްސަލަ ހުރިކަމަށް ފާހަގަވާ ފޯމުތައް މުރާޖައާކުރުމަށާއި، މައްސަލަ ނެތް ފޯމުތަކުގެ މެދުގައި އެއް މިންގަނޑަކުން އަމަލުކުރުމާއި، ބައެއް ލިޔެކިޔުންތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލާ އާންމުކުރުމަށް އޭސީސީން އަންގާފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

15 އަހަރު މާލޭގައި ދިރިއުޅޭކަން ކަށަވަރުކޮށްދިނުމަށް ގޭގެ ވެރިފަރާތުން ނުވަތަ ގޭގެ ވެރިފަރާތް ނޫން ފަރާތުން ދީފައިވާ ލިޔުންތަކާއި ދެމަފިރިންކުރެ އެކަކު ދީފައިވާ ލިޔުންތަކާއި ލޯކަލް ކައުންސިލުތަކުން ދީފައިވާ ލިޔުންތަކާމެދު އަމަލުކުރާނެ މިންގަނޑެެއް އެކަށައެޅުމަށް އޭސީސީން އަންގާފައިވެ އެވެ. 

އުސޫލުތައް އެކުލަވައިލުމަށް މިނިވަން ކޮމިޓީއަކާއި ސިޓީ ކައުންސިލުގެ މެންބަރުން ހިމެނޭ ކޮމިޓީއެއްގެ ލަފައާއި މަޝްވަރާ ހޯއްދެވި ކަމުގައި ހައިދަރު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މިމަހުގެ މެދު ތެރޭގައި [ފުލެޓު ލިސްޓު] މުރާޖައާކުރުމުގެ މަސައްކަަތް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމުގައި ދަންނަވަން،" ހައިދަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.