ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި ސަރުކާރުގެ މަސައްކަތަށް ރައީސް ޔާމީނުގެ ތާރީފު

"ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި އަޅުގަނޑު މި ސަރުކާރަށް އަދި އިހުސާނަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާނަށް ހަމަ ކްރެޑިޓް ދެން. އެބޭފުޅުން އެކުރައްވަނީ ރަނގަޅު މަސައްކަތްތަކެއް،" ޔާމީން ވިދާޅުވި އެވެ.

ވޯޓުލާން ވަޑައިގަންނަވަމުން ޔާމީން މީޑިއާތަކާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޔާމިން މުހައްމަދު/މިރާ

ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތާރީފު ކުރައްވައިފި އެވެ. 

ރޭ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި އާންމު މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރާއްޖޭގައި ބިދޭސީންގެ އާބާދީ ބޮޑުވީ އެއް އަހަރުން ދެ އަހަރުން ނޫން ކަމަށެވެ. އެއީ އެތައް އަހަރެއްގެ ތެރޭގައި އިތުރުވި ބައެއް ކަމަށެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ރަނގަޅު މަސައްކަތްތަކެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީންވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި، އިމިގުރޭޝަންގެ ކޮމިޝަނާ ޖެނެރަލް ޝަމްއާން ވަހީދަށް ޝުކުރު އަދާކުރައްވައި ތާރީފު ކުރައްވާފަ އެވެ. 

"ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި އަޅުގަނޑު މި ސަރުކާރަށް އަދި އިހުސާނަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާނަށް ހަމަ ކްރެޑިޓް ދެން. އެބޭފުޅުން އެކުރައްވަނީ ރަނގަޅު މަސައްކަތްތަކެއް،" ޔާމީން ވިދާޅުވި އެވެ. 

އެއާއެކު ރައީސް ޔާމީނުވަނީ އެ މައްސަލަ ހައްލުކުރުމުގައި އަމަލުކުރަންވީ ގޮތާމެދު ސުވާލުތަކެއް އުފައްދަވާފަ އެވެ. އެގޮތުން ގާނޫނާ ހިލާފަށް ބިދޭސީން އެތެރެކުރުމުގެ އަމަލު ނުހުއްޓުވި ދިގުލައިގެން ދިއުމުން ދެން މައްސަލަ ހައްލުކުރާނީ ކެންސަރަށް ފަރުވާދޭ ގޮތަށްތޯ ނޫނީ ހަށިގަނޑަށް އެއަށްވުރެ ލުއިކޮށްތޯ ކަންކުރާނީ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ. 

ސަރުކާރުން ކުރާ މަސައްކަތަށް ތަރުހީބު ދެއްވާ ކަމަށް ވިދާޅުވުމާއެކު ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި އިންސާނީ ނަޒަރަކުން ވިސްނައިލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަޣުލަބިއްޔަތަަކީ ބަންގުލަދޭޝް މީހުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ގައުމަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ވަރަށް ބޮޑަށް ރާއްޖެއަށް އެހީތެރިވާ ގައުމެއް ކަމަށެވެ. 

"އެގައުމުތަކުން މިއަންނަ ނިކަމެތި މީހުން އަންނަނީ އެކޮޅުގެ އެޖެންޓަކަށް މިކޮޅުން އެޖެންޓަކަށް އެތައް ބައިވަރު ފައިސާއެއް ދީގެން. އަންނައިރު މެދުވެރިޔަކަށްވާ ބަޔަކު ގާނޫނާ ހިލާފު އަމަލު ކުރަނީ. އެއްވެސް ތަނެއްގައި އެސްޓަބްލިޝްމެންޓެއްގައި ރަޖިސްޓަރީނުކޮށް [ގެންނަނީ].،" ޔާމީން ވިދާޅުވި އެވެ. 

ބިދޭސީން އަންނަނީ މުޅި ދިރިއުޅުން ރަހުނުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން ކަމަށާއި، އެމީހުން މިތާ އުޅޭތާ އަހަރެއްހާ ދުވަސްނުވާއިރު ފޮނުވާލާއިރު އެކަމާމެދު ވިސްނައިލަންޖެހޭނެ ކަމަށެވެ. އަދި އެކަން މުއްދަތުތަކަކަށް ބަހާލައިގެން ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވައިލަންޖެހޭ ކަމަށާއި، ނަމަވެސް ގައުމީ ވިސްނުމަކުން ވިސްނާއިރު ބަންގުލަދޭޝަކީ ރާއްޖެއާ ގާތް ގައުމެއްކަން ވިސްނުމުގައި ބަހައްޓައިގެން އިހުސާންތެރިކަމާއެކު އެ މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.