25 އަހަރަށް ފަޅުރަށް ހޯދަން 4 ކައުންސިލަކުން އެދިއްޖެ

މި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތްތައް ކިޔައިދިނުމަށް މިނިސްޓްރީން ދަނީ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާމުތަކެއް ވެސް ހިންގަމުންނެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް

އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް 25 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އިއުލާނު ކުރުމާއެކު، މިހާތަނަށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ހަތަރު ކައުންސިލުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ކައުންސިލަކަށް 25 އަހަރަށް ފަޅު ރަށެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ނިންމެވި ނިންމުމެއް ކަމަށެވެ.

އޭގެ ސަބަބުން މާލީ ގޮތުން ލާމަރުކަޒީ ނިޒާމް ބާރުވެރިކޮށް، ރަށްރަށަށް އޮތް އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ފުރުސަތައް ފަހިވެގެން ދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ފައިބަރު ފަދަ ކެމިކަލް މަސައްކަތް ކުރުމަށް ދަތިވާ ރަށްރަށުގެ މީހުންނަށް މި ފަޅުރަށްތައް ސިނާއީ ގޮތުގައި ބޭނުން ހިފޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

މިހާ ހިސާބަށް އައިއިރު ހަތަރު ކައުންސިލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ؛

  • ރ. އިގުރައިދޫ ކައުންސިލް
  • ދ. ކުޑަހުވަދޫ ކައުންސިލް
  • މ. އަތޮޅު ކައުންސިލް
  • ލ. މާވަށު ކައުންސިލް

މި ކައުންސިލްތަކުން ފޮނުވާފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށްފަހު ވަރަށް އަހަވަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތްތައް ކިޔައިދިނުމަށް މިނިސްޓްރީން ދަނީ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާމުތަކެއް ވެސް ހިންގަމުންނެވެ.

މިއީ ކައުންސިލްތަކަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ފުރުސަތުގެ ބޭނުން ރަގަޅު ގޮތުގައި ހިފަން ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ކައުންސިލްތަކަށް ލިބޭ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ މާލީ ތަނަވަސްކަން ކައުންސިލްތަކުގަ އުފެދިގެން ދިއުން. ކުދިކުދި ކަންކަމަށް މީގެ ކުރީގަ އަޅުގަނޑުމެންނަށް ފެނުނު ގޮތަށް، މިސްކިތަށް ބޭނުންވާ ދާނި ފޫ ވެސް ތައްޔާރުކޮށް މާލޭއިން ފޮނުވުމުގެ ބަދަލުގަ އެ ރަށެއްގެ ގާބިލުކަން، ރަށްރަށުގެ މަގު މަރާމާތު ކުރުންފަދަ މުހިންމު ކަންކަން ރަށްރަށުގެ ކައުންސިލްތަކުގަ އެގާބިލުކަން އުފެދިގެން އެކަންކަން ވެގެން ދާނެ ދުވަހެއް ފެނިގެން ދިއުމަކީ ކައުންސިލްތައް އޭގެ ފުރިހަމަ މާނައިގަ ބާރުވެރިކަން ލިބިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތަކަށް 25 އަހަރަށް ދޫކުރުމަށް ސަރުކާރުން ވަނީ 28 ފަޅު ރަށެއް ކުރީން އިއުލާނު ކޮށްފަ އެވެ. އެއީ 12 އަތޮޅަކަށް ނިސްބަތްވާ ފަޅު ރަށްރަށެވެ.

އިގްތިސޯދީ ނަފާ ހޯދުމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައި ވަނީ މިދިޔަ މާޗް ތިން ވަނަ ދުވަހުގެ ރޭ ރ. މީދޫގައި ވާހަކަ ދައްކަވަމުންނެވެ. ރަށްރަށުގެ އިގްތިސޯދީ ތަރައްގީއަށްޓަކައި ހުރިހާ ކައުންސިލަކަށް، އެރަށަކާ ކައިރިން ނޫނަސް ފަޅުރަށް ކުއްޔަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، 25 އަހަރަކީ ކައުންސިލްތަކުން އިންވެސްޓް ކުރަން އެކަށޭނެ މުއްދަތެއް ކަމަށެވެ. އަދި، ގާނޫނު އޮތް ގޮތަށް ބަލައި، އެ މުއްދަތު 50 އަހަރަށް ވެސް ދިގު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.