އަދި 115 މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު 640 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ކޮމިޝަނުން ސަރުކާރަށް އަންގާފައިވެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ގެއްލުނު ފައިސާގެ ތެރެއިން 600 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އޭސީސީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ދައުލަަތަށް އެކި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކޮމިޝަނުން އެންގުމުން ބައެއް އިދާރާތަކުން ފައިސާ ހޯދުމަށް އެއްބަސްވުންތަކެއް ހަދައިގެންނާއި ކޯޓު މަރުހަލާ މެދުވެރިކޮށް ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އޭސީސީގެ ނައިބުރައީސް އަބްދުއްސަލާމް ވިދާޅުވީ ކުރިއަށްވުރެ ހަލުއިކޮށް ރަނގަޅަށް އެމްއެމްޕީއާރުސީގެ މަައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި ބަލަމުންދާ މައްސަލަތަކުގެ ތަފުސީލުތަކާއި ހިސާބުތައް އޭނާ ހާމަކުރެއްވި އެވެ.
އަދި އެ ހިޔާނާތާ ގުޅިގެން ކޮމިޝަނުން 166 މައްސަލަައެއް ބަލަމުންދިޔަ ކަމަށާއި، އެ މައްސަލަތަަކުގައި 948 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ. އެ މއްސަލަތަކުގެ ތެރެއިން މިވަގުތު ތަހުގީގު ކުރިއަށްދާ މައްސަލަތަކުގެ އަދަދަކީ 51 މައްސަލަ ކަމުގައި އޭނާ ވިދާޅުވި އެވެ.
އަދި 115 މައްސަލައެއްގެ ތަހުގީގު އޭސީސީން މިހާ ހިސާބަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިންމުމަށްފަހު 640 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ކޮމިޝަނުން ސަރުކާރަށް އަންގާފައިވެ އެވެ.
"115 މައްސަލަ [ތަހުގީގުކޮށް] ނިންމާފަ ދައުލަތަށް [އަނބުރާ] ހޯދަން އަންގާފައި އޮންނާނެ 640 މިލިއަން ހަ ލައްކައާ ގާތްކުރާ އަދަދެއް.،" ފައިސާ ހޯދުމަށް އެންގެވިކަމަށާއި އެމްއެމްޕީއާރުސީގެ ކުރީގެ ވެރިންނާއި ކުރީގެ އެޓާނީ ޖެނެރަލާ ބައްދަލުކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަން އެދިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ސަލާމު ވިދާޅުވި އެވެ.
ސަލާމު ފާހަގަކުރެއްވި ގޮތުގައި ފައިސާ އަނބުރާ ހޯދުމުގެ ޒިންމާއަކީ ގާނޫނުން އޭސީސީއާ މަތިކޮށްފައި އޮންނަ ޒިންމާއެއް ނޫނެވެ. ފައިސާ ހޯދަން ކޮމިޝަނުން އިދާރާއަކަށް އެންގުމުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން ގާނޫނުން މަތިކޮށްފައި އޮތީ އެ އިދާރާތަކާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސަލާމު ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމުގައި މިހާތަނަށް ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ފައިސާ ހޯދުމަށް މަސައްކަަތްކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވާތީ އެކަމުގައި މުސްތަގުބަލުގައި މަޝްވަރާކުރެވި ގޮތްތަކެއް ހޯދުމުގެ އުންމީދު އެބައޮތް ކަމަށެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދަން އެންގި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި ދައުރުގައި ކުރެވުނު މަސައްކަތަކީ ދައުވާކުރާނީ ކޮން މުއައްސަސާއެއްތޯ ކަނޑައެޅުން ކަމަށެވެ.