ރައްޔިތުންގެ ދިރިއުޅުން އާދައިގެ ދިރިއުޅުމަކަށް ތިރިކޮށް ގަރުދިޔަ، ބަތް ކައިގެން އުޅެންޖެހޭ ކަމަށް އަލީ އާރިފު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން އަޒާން ވިދާޅުވީ ރައްޔިތުން ބޭނުން އެއްޗެއް ކައިގެން ރައްޔިތުންނަށް އުޅެވޭނެ ކަމަށެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅިނަމަވެސް ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަޒާން މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންސީ ހައުސްގައި ބޭއްވި ބައްދަލުވުމެއްގަައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.
ރޭ ވާހަކަފުޅު ދައްކަމުން އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކާ ވެސް އެކަން ކުރަން ޖެހޭ ކަމަށެވެ.
އަދި ވިދާޅުވި އެވެ: "ބައްޔެއް ވުމުން އެ ބައްޔަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ އެ ބޭސް ބޯންޖެހޭ،"
އަދި އިތުރަށް އޭނާ ވިދާޅުވި އެވެ. "މި ދުވަސްކޮޅު [ރައްޔިތުން] މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލައަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،"
ރާއްޖެއަށް ދިމާވެފައި ވަނީ ދަތި ދުވަސްކޮޅެއް ނަމަވެސް ދިވެހި ރާއްޖެ ބަނގުރޫޓެއް ނުވާ ކަމަށާއި ކުރިމަގު އޮތީ އުޖާލާކޮށް ކަން ފާހަގަ ކުރައްވާ އަލީ އާރިފް ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސާ ޗާޕު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެއީ ޒިންމާދާރު، އިހުލާސްތެރި ވެރިން ކުރައްވާ ކަހަލަ ކަންކަން ނޫން ކަމަށެވެ.
އަލީ އާރިފުގެ ވާހަކަފުޅާ ގުޅިގެން މީސްމީޑިއާގައި އަޒާން ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަކުރާނީ ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކަމަށާއި، ހަރަދު ކުޑަކުރަން ތަންފީޒު ކުރާނެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ ދިރިއުޅުން އާދައިގެ ދިރިއުޅުމަކަށް ތިރިކޮށް ގަރުދިޔާއި ބަތް ކައިގެން އުޅެންޖެހޭ ކަމަށް އަލީ އާރިފު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން އަޒާން ވިދާޅުވީ ރައްޔިތުން ބޭނުން އެއްޗެއް ކައިގެން ރައްޔިތުންނަށް އުޅެވޭނެ ކަމަށެވެ.
ސަރުކާރުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ސިޔާސަތުތަކެއް އިއުލާނުކުރައްވާފައިވީ ނަމަވެސް އެ ސިޔާސަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބޭ ފައިސާ މަދުވާނެ ނުވަތަ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވާނެ ފިޔަވަޅުތަކެއް ނުހިމެނޭނެކަމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުން ވިދާޅުވެ އެވެ.