2018 ގެ ކުރިން ޕަބްލިކް ވޯކް ސާވިސްގައި ގާއިމުކުރެވިފައި ހުރި ވަސީލަތްތަކާ އާލަތްތައް މިހާރު ނެތްކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވެދެއްވީ އެތަކެއްޗާމެދު ކަން ހިނގައިދިޔަ ގޮތެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި ޕަބްލިކް ވޯކް ސާވިސަސް ހަލާކުކޮށްލާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު އިތުރު ސުވާލުގެ ވަގުތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރުގެ ކުރިން ރަށްރަށުގެ ފަޅު ފުންކުރުން ފަދަ މަސައްކަތްތަކަށް ބޭނުންވާ އާލަތްތަކާއި ވަސީލަތްތައް ޕަބްލިކް ސާވިސް ޑިޕާޓުމެންޓުގައި ހުރީ ގާއިމުކުރެވިފަ އެވެ. ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރު ފަސް އަހަރުގެ ތެރޭގައި އެތަކެތި އެކީ ނެތިގެން ގޮސްފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
"2018ގެ ކުރިން އަޅުގަނޑުމެން އަތުގައި މެޝިނަރީސް ފަދަ ހުރިހާ އެއްޗެއް ހުންނާނެ ފަޅު ފުންކުރުމުގެ މަސައްކަތްކުރަން ޕަބްލިކް ވޯކް ސާވިސްގެ ތެރޭގައި. ހުރިހާ މެޝިނަރީސްއެއް ހުންނާނެ. އެހެންނަމަވެސް އެ ހުރިހާ އެއްޗެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ޕަބްލިކް ވޯކް ސާވިސްގައި 2018ގެ ކުރިން ގާއިމުކުރެވިފައި ހުރި ވަސީލަތްތަކަށް ވެގެންދިޔަ ގޮތް އިތުރަށް ތަފުސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޕަބްލިކް ވޯކް ސާވިސްގެ ބޭބީ ޑްރެޖަރު ތިލަފުށީގައި ބާ ދަގަނޑަށް ވެފައި އެބައޮތް ކަމަށެވެ. އަދި ޕަބްލިކް ސާވިސްއިން ބޭނުންކުރަމުން އައި ލޭންޑިން ކްރާފްޓުތައް ވިއްކާލާފައިވާ ކަމަށާއި، އެކްސްކެވޭޓާތައް ރަށްރަށުގައި ހުރެ ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.
"އެހެންވީމާ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕަބްލިކް ވޯކް ސާވިސް އެއްކޮށް ހަލާކުކޮށްލާފައި ހުރީ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ޕަބްލިކް ވޯކް ސާވިސް ހަލާކުކޮށްލުމުގެ ސަބަބުން މަރާމާތުގެ މަަސައްކަތެއް ކުރާނަމަ މިހާރު ޖެހެނީ އާ މަޝްރޫއެއް ރާވައިގެން ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވީ ޕަބްލިކް ވޯކް ސާވިސް އަލުން ރަނގަޅުކޮށް، އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެވޭ މިންވަރަށް އަނބުރާ ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.