ރާއްޖޭގައި މަރުގެ އަދަބު އުވައިނުލެވޭނެ: ސަރުކާރު

އަދި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މަަރުގެ އަދަބު ކަނޑައަޅާފައިވަނީ ވަރަށް މަދު ކުށްތަކަކަށްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެ ގާނޫނުތަކަށް ރައްޔިތުން ރުހުން އޮތްކަމަށާއި، އެ އަދަބު އުވައިލުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތް ގޮތުން މަަރުގެ އަދަބު ރާއްޖޭގެ ގާނޫނީ ނިޒާމުން އުވައިނުލެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ރާއްޖޭގައި މަދަނީ އަދި ސިޔާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ރިޕޯޓު އދއަށް އިއްވުމަށް ޖެނީވާގައި އޮތް ސެޝަނުގައި ރިވީއު ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅަނީ ދިވެހި ޖިނާއީ ގާނޫނުގައި ބަޔާންކުރާ އެންމެ ބޮޑެތި ކުށްތަކަށް އެކަނި ކަމަށެވެ. 

އިތުރަށް އިހުސާން ވިދާޅުވީ ގާނޫނުގައި މަރުގެ އަދަބު ދިނުމަށް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެގެން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، އެމީހާގެ މައްޗަށް އުފުލި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރުއީ ކޯޓެއްގަައި ސާބިތުކުރެވުމުން ކަމަށެވެ. 

އިތުރަށް އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގެ ބިންގަލަކީ އިސްލާމްދީން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މަަރުގެ އަދަބު ކަނޑައަޅާފައިވަނީ ވަރަށް މަދު ކުށްތަކަކަށްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެ ގާނޫނުތަކަށް ރައްޔިތުން ރުހުން އޮތްކަމަށާއި، އެ އަދަބު އުވައިލުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ. 

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން ރާއްޖޭގެ ގާނޫނުތަކުގެ ބިންގަލަކަށް ވާނީ އިސްލާމްދީން. ރާއްޖޭގެ ގާނޫނުތަކުން މީހަކަށް މަރުގެ ހުކުމް އިއްްވޭނީ މަދު ހާލަތްތަކެއްގައި. މި ގާނޫނުތަކަކީ ރައްޔިތުންގެ ރުހުން އޮތް ގާނޫނުތައް. މި ހުކުމް އުވާލައިފި ނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނިންމުމާ ގުޅިގެން މާފުށީ ޖަލުގައި އެކަމަށް ހާއްސަކޮށް ތައްޔާރުކުރި ފެސިލިޓީއާ ގުޅޭ ގޮތުން ކޮމިޓީގެ އެކްސްޕާޓުން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި މަރުގެ އަދަބު އޮތުމުން ހުންނަންޖެހޭ ތަނެއް ކަމަށެވެ. 

ނަމަވެސް މިހާތަނަށް އެ ފިސިލިޓީގައި އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ނެތްކަން އިހުސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިވަގުތު މަރުގެ އަދަބު އިއްވާފައިވާ 16 މީހަކު ރާއްޖޭގައި ތިބިއިރު އެއިން ހަތަރު މީހެއްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމި ނިހާއީ ހުކުމްތަކަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް 1954 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.