ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އެސްއޯއީތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް 30 ބިލިއަނެއްހައި ރުފިޔާގެ ހިރާހެއް ކުރިމަތިވެ އެވެ.
ފާއިތުވި އަހަރުގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކަށް ޖުމްލަ 2.27 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނެފި އެވެ.
ޕީސީބީން ޝާއިއުކުރި ދައުލަތުގެ ކުންފުނިތަކުގެ ކުއާޓާލީ ފައިނޭންޝަލް ރިވީއުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް 1.02 ބިލިއަން ރުފިޔާގެ ފައިދާ ލިބުނު ކަމަށާއި، 2023 ވަނަ އަހަރުގެ ނިޔަލަަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުނިތަކުގެ ގެއްލުން 2022 ވަނަ އަހަރަށްވުރެ 2023 ވަނަ އަހަރު ކުޑަ އެވެ. އެގޮތުން އެ ކުންފުނިތަކަށް 2022 ވަނަ އަހަރުގެ ނިޔަލަށް 83 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ކުންފުނިތަކުގެ ގެއްލުމަކީ 61 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ގެއްލުން 27 އިންސައްތަ ދަށްވެފައިވެ އެވެ.
ސަރުކާރުން ފައިސާ ނުނަގައި ހިންގާ ކުންފުނިތަކަށް 2022 ވަނަ އަހަރު 1.10 ބިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ކުންފުނިތަކަށް 2.21 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ހިސާބުތަަކުން ދައްކަ އެވެ.
ވަކިވަކި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވީ އެޗްޑީސީއަށެވެ. އެ ކުންފުންޏަށް 3.2 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ޕީސީބީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ފެނަކައަށް 24.7 މިލިއަން ރުފިޔާގެ ގެއްލުން އަދި އެސްޑީއެފްސީއަށް 12.15 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
ދައުލަތުގެ ކުންފުނިތަކަށް ލިބުނު ގެއްލުން ބޮޑުވިއިރު ކުންފުނިތަކުގެ ހިންގުމުގެ ހަރަދުވެސް އެތައް ގުނައެއް އިތުރުވެފައިވާކަން ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފަސް އަހަރު ތެރޭގައި އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 84 އިންސައްތަ އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އެސްއޯއީތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް 30 ބިލިއަނެއްހައި ރުފިޔާގެ ހިރާހެއް ކުރިމަތިވެ އެވެ.
ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ މާލީ އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު އިސްކަަމެއް ދޭ ކަމެއްގެ ގޮތުގައި އޮތީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކޮށް ކުންފުނިތަކަށް ސަރުކާރުން ދޭންޖެހީ އެހީތެރިކަން ކުޑަކުރުމެވެ.