ޝުޖާ އިތުރަށް ވިދާޅުވީ ވައްކަން ކޮށްފައި އޮތްކަމަށް ބުނެލައިގެން ފުއްދައިނުލައްވާނެ ކަމަށެވެ. ވައްކަމެއް ހިނގާފައި އޮތްނަމަ އެކަމުގެ ތަފުސީލުތައް ރައްޔިތުންނަށް ހާމަކޮށް ވައްކަން ކުރި ގޮތްވެސް ވިދާޅުވެދެއްވާނެ ކަމަށް ޝުޖާ ވިދާޅުވި އެވެ.
ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ވެރިކަމުގައި ވައްކަމެއް ކޮށްފައި އޮތްނަމަ އެ ވައްކަމުގެ ވާހަކަ ހަމައެކަނި ދެއްކުމުގެ ބަދަލުގައި ވައްކަން ކުރި ގޮތާއި ވައްކަން ހިނގި ގޮތުގެ ތަފުސީލުތަކާއެކު ރައްޔިތުންނަށް ކަންކަން ވިދާޅުވެދެއްވާނެ ކަމުގައި ޕީއެންސީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ ފެނަކައަށް ބަލާއިރު އެ ކުންފުނީގެ ތެރެއިން ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ވައްކަންތައް ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ހާމަކުރަމުންދާނެ ކަމަށެވެ.
ޝުޖާ އިތުރަށް ވިދާޅުވީ ވައްކަން ކޮށްފައި އޮތްކަމަށް ބުނެލައިގެން ފުއްދައިނުލައްވާނެ ކަމަށެވެ. ވައްކަމެއް ހިނގާފައި އޮތްނަމަ އެކަމުގެ ތަފުސީލުތައް ރައްޔިތުންނަށް ހާމަކޮށް ވައްކަން ކުރި ގޮތްވެސް ވިދާޅުވެދެއްވާނެ ކަމަށް ޝުޖާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވައްކަން ކޮށްފައޭ އޮތީ ބުނެފައި މަޑަކުން ނުތިބޭނަން. ރައްޔިތުންނާ ހަމައަށް ސާފުކޮށް ގެނެސްދޭނަން ކޮން ވައްކަމެއްތޯ ކިހިނެއްތޯ ކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
ރޭގައިވެސް ޝުޖާ ފާހަގަކުރެއްވި ގޮތުގައި އަޖައިބުވަނިވި ކަމަކީ ފެނަކަ އެއިރު ހިންގެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިވަޑައިގެންފައި އޮތުމެވެ. ވެރިކަމާ ހަވާލުވެ އެ އެވޯޑު ސައީދަށް ލިބުނު ގޮތެއް ބެއްލެވިއިރު އެ އެވޯޑަކީ ފެނަކައިގެ ވައްގަނޑުން ފައިސާ ނަންގަވައިގެން ބައްލަވައިގަނެފައި އޮތް އެވޯޑެއްކަން ހާމަވި ކަމުގައި ޝުޖާ ވިދާޅުވި އެވެ.
"އަޖައިބުވާ ކަމަކީ ފެނަކަ ހިންގުމާ ހަވާލުވެގެން ހުރި މެނޭޖިން ޑިރެކްޓަރު އެބައޮތޭ ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ހޯދާފައި. ހިންގުން ރަނގަޅުކޮށް ހިންގީމާ [ ދިން އެވޯޑެއް]. މީނާ ހިންގިލެއް މޮޅުކަމުން ދުނިޔޭގެ އެވޯޑެއްވެސް އެބައޮތޭ ލިބިފައި. އަޅުގަނޑުމެން ބަލައިލީ އައި ގޮތަށް މީނައަށް އެވޯޑު ލިބުނު ގޮތެއް. ބަލައިލިއިރު ފެނަކައިގެ ވައްގަނޑުން ލާރި ނަގައިގެން އެވޯޑު ގަތީ،" ޝުޖާ ވިދާޅުވި އެވެ.
އިތުރަށް ޝުޖާ ވިދާޅުވީ މިފަދަ ގޮތްގޮތަށް ދައުލަތުގެ ކުންފުނިތައް ހިންގާފައި އޮތުމުން މިހާރު އައު ސަރުކާރަށް އުދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކާމިޔާބަކީ މި އުދަގޫތަކުގެ ތެރޭގައިވެސް އެއްވެސް މިންވަރަކަށް ފައިސާ ޗާޕުނުކޮށް ހޯދަމުންދާ ކާމިޔާބުތައް ކަމުގައި އޭނާ ވިދާޅުވި އެވެ.
ޝުޖާ ވިދާޅުވީ އުދަގޫތައް އެބަހުރި ކަމަށާއި، އުދަގޫތައް ހުރުމުން ބޭނުންފުޅުވަނީ އެ އުދަގޫތަކުގެ ވާހަކަ ރައްޔިތުންނާ ހިއްސާކޮށްގެން ކުރިއަށް ދިއުން ކަމަށެވެ. އަދި ސަރުކާރަކީ އިންސާނުން ހިންގާ ކަމަކަށްވާތީ ކުށް ކުރެވޭނެ ކަމަށާއި، ގޯހެއް ހެދިއްޖެނަމަ އެކަމެއް ސިއްރު ކުރުމުގެ ބަދަލުގައި ސަރުކާރުން އަމިއްލައަށް އެކަމެއް ރައްޔިތުންނާ ހިއްސާކޮށް މައާފަށް އެދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް މިސްޓޭކެއް ހެދިއްޖެއްޔާ މި ޕޯޑިއަމަށް އައިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މައިކް ކައިރީ ހުއްޓި ހުރެ ބުނާނަން އަޅުގަނޑުމެންނަށް ގޯހެއް ހެދިއްޖޭ މައާފުކުރާށޭ. މީގެ ކުރިންވެސް ކަންތައް ކުރީ އެގޮތަށް،" ޝުޖާ ވިދާޅުވި އެވެ.