"މިރާ"އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މައިގަނޑު ގޮތެއްގައި އެ ބޭންކާއެކު މަޝްވަރާ ކުރެވުނީ ރާއްޖެއާއި އެ ބޭންކާ ދެމެދުގައި އެއްބާރުލުން ދިނުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމުގައި ބައިވެރިވެ ވަޑައިގަތުމަށް ސައީދު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އައިސީބީސީގެ ވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި އެ ބޭންކާއެކު މަޝްވަރާކުރެއްވީ އިތުރަށް އެކުގައި ކުރެވިދާނެ މަސައްކަތްތަކާ މެދު ކަމަށެވެ.
އައިސީބީސީއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ބޭންކެވެ. އަދި އެސެޓުތަކުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބޭންކަކީވެސް އައިސީބީސީއެވެ. އެ ބޭންކުގެ މައިގަނޑު ހިއްސާދާރަކީ ޗައިނާ ސަރުކާރެވެ. 2012 ވަނަ އަހަރުން ފެށިގެން އެސްޓުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބޭންކުގެ މަގާމު ހިފަހައްޓަމުންދާ އައިސީބީސީ 2015 ވަނަ އަހަރު ފޯބްސް ގްލޯބަލް 2000 ލިސްޓުގެ ދުނިޔޭގެ އެންމެ ވަރުގަދަ ޕަބްލިކް ކުންފުނިތަކުގެ ލިސްޓުގެ އެއްވަނާގައި އޮތް ކުންފުންޏެވެ.
އައިސީބީސީގެ އެގްޒެކެޓިވުންނާއެކު ބޭއްވެވި ބައްދަލުވުމާ ގުޅިގެން "މިރާ"އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މައިގަނޑު ގޮތެއްގައި އެ ބޭންކާއެކު މަޝްވަރާ ކުރެވުނީ ރާއްޖެއާއި އެ ބޭންކާ ދެމެދުގައި އެއްބާރުލުން ދިނުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު ކަމަށެވެ.
"ރާއްޖެއާއި އައިސީބީސީގެ ކޯޕަރޭޝަން ފުޅާކުރަން އަޅުގަނޑުމެން މަޝްވަރާކުރިން. އަދި ރާއްޖޭގެ ޕްރައިވެޓްސް ސެކްޓާއަށް އިތުރަށް ފަސޭހަކޮށްދިނުމާމެދުވެސް ވާހަކަދެކެވުނު. ރާއްޖޭގައި ހިންގަމުންދާ، ހިންގަން ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރެވުނު،" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޖަނަވަރީ މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ޗައިނާގެ ބޭންކުތައް ގާއިމުކުރުން ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ މަގުސަދުތަކުގެ ތެރޭގައި ޗައިނާއާއި ރާއްޖެއާ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި، ރާއްޖެއަށް ހޯދެން ހުރި ފުރުސަތުތައް ފަހިކުރުން ހިމެނެއެވެ.
ރައީސް މުއިއްޒު ޗައިނާއަށް ޖަނަވަރީ މަހު ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވެ އެވެ. ޒަމާންތަކަކަށް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު މަދުވެފައި އޮތުމަށްފަހު މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ.
އަދި ޗައިނާއިންވަނީ ރާއްޖެއަށް މުހިއްމު މަޝްރޫއުތައް ހިންގުމުގައި ރާއްޖޭގެ ދަރަނި އިތުރުނުވާނެ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ދީފަ އެވެ.